ޔާމީނަށް ލިބޭ އަނިޔާގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން ލިބޭ އަނިޔާގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަގަން ޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ނަޝީދު މިހާރު ޔާމީންގެ ވާހަކަފުޅު ދައްކަވަނީ ނަޝީދަށް ތައީދު ނެތްކަން އެނގި ވަޑައިގެން ޔާމީނޭ ކިޔައިގެން ތާއީދު ހޯއްދަވަން ކަމުގައެވެ.

"މިއަދު ނުކުމެވަޑައިގެން ތިމަންނައަށް ތާއީދެއް ނެތްކަން އެނގުނީމަ ރައީސް ޔާމީން ވިއްކައިގެން ވޯޓު ހޯދަން މިއުޅެނީ. އެ ކަމެއް ނުކުރެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

ޔާމީން ޖަލަށް ލައިގެން ނުހައްގުން އަނިޔާ ކުރަމުން ދަނީ ސަރުކާރާއި ސަރުކާރުގެ ބައިވެރިން ކަމަށް ވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ. އަދުޜޭގެ ވާހަކައިގައި އޭނާ ވަނީ މީގެ ކުރިން ނަޝީދު، ޔާމީން ޖަލަށް ލާނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

"ރައީސް ޔާމީން ޖަލަށްލައިގެން މި ކުރާ އަނިޔާގެ ޒިންމާ ނަންގަވަން ޖެހޭނެ ބޭފުޅެއް ރައީސް ނަޝިދަކީ. ރައީސް ޔާމިނަށް މި ކުރާ އަނިޔާގެ ޒިންމާ ނަގަން ޖެހޭނެ ބޭފުޅެއް ގާސިމް އިބްރާހިމަކީ. ރައީސް ޔާމީނަށް މި ކުރާ އަނިޔާގެ ޒިންމާ ނަގަން ޖެހޭ ބޭފުޅެއް ރައީސް މައުމޫނަކީ. ރައީސް ޔާމީނަށް މިކުރާ އަނިޔާގައި ޒިންމާ ނަގަން ޖެހޭ ބޭފުޅެއް އިމްރާނަކީ. ރައީސް ޔާމީނަށް މި ކުރާ އަނިޔާގައި އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނެ ބޭފުޅަކީ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު،" އަދުރޭ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ނަޝީދު މި ފަހަކަށް އައިސް ޔާމީން މިނިވަން ކުރަން ގޮވާލަމުން ދާތީއާ އެކުއެވެ. އަދި، ޔާމީން އެންމެ ފުރަތަމަ ޖަލަށް ލީ އިރު ނަޝީދު އެ ވާހަކަ ނުދެއްކެވީ ކީއްވެތޯ އަދުރޭ ވަނީ ސުވާލު އުފައްދަވާފައެވެ.

އަދުރޭ ވިދާޅުވީ ޔާމީން ޖަލަށްލާން ހުކުމް ކުރުމާ އެކު ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާ އެކު އެ ޕާޓީގެ މަޖިލިސް މެންބަރުން ނަޝީދުގެ އަރިހަށް ވަޑައިގެންފައިވާ ކަމަށެެވެ. ނަމަވެސް އޭރު ލިބުން ޖަވާބަކީ އެކަމުގައި ތިމަންނައަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވުން ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޖާގަ ނުދިނުމަށްޓަކައި ރިޔާސީ އިންތިޚާބަށް ކުތިމަތިލުމުގެ މުއްދަތު ހަމަވާން އެންމެ ދުވަހަކަށްވެފައި އޮއްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރިޔާސީ ކެންޑިޑެންސީ ގެއްލުވާލާފައިވާ ކަމަށެވެ.

"އަޅުގަނޑު ޞާލިހަށް ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެން ބޭނުމެއް ނޫނޭ ޞާލިހު އަތުލާކަށް. އަމިއްލައަށް މި އިންތިޚާބުގައި ވާދަނުކޮށް ދާން ބޭނުންވަނީ. ދިވެހި ރައްޔިތުން ފަހަތުން ދުވެގެން ހޯދާވަރުގެ ވެރިއެއް ނޫން އިބްރާހިމް މުހައްމަދު ޞާލިހަކީ. އާދޭސް ކޮށްގެން ގެންނަވަރުގެ ވެރިއެއް ނޫން. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ޞާލިހު އަތުލަން އުޅެންވީ،"

މިއަދު ރައްޔިތުން ބޭނުންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމާންކަން ރައްކާތެރި ކުރަން ކަމަށާއި ރާއްޖެ އަޅުވެތިވިޔަ ނުދޭން ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދި، ދިވެހި ރައްޔިތުން މިއަދު ބޭނުން ވަނީ ޔާމީން ގައުމަށް ގެނެސްދެއްވި ކަހަލަ ތަރައްގީ ކަމަށާއި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަން ބޭނުންވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އަޅުގަނޑުމެން ބޭނުން ވަނީ. ތައުލީމީ ޖީލެއް ބިނާ ކުރަން ބޭނުން ވަނީ. އަޅުގަނޑުމެން ބޭނުންވަނީ ގައުމު ބިނާ ކުރުމުގައި ހިއްސާއެއް އޮންނަ ޒުވާން މުޖުތަމައެއް ބިނާ ކުރަން. މިކަން ކުރެވޭނީ އެ ހިތްވަރާއި އެ ފަންވަރު އެ އިލްމާއި އެ ހުނަރު ހުރި ކެރޭ ހީވާގި ބޭފުޅަކަށް،"

އަދި، އެ ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް