މަތިވެރީ ފެނުގެ ނިޒާމު އިފްތިތިހު ކޮށްފި

އއ. މަތިވެރީގެ ސާފު ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާހު ކޮށްދެއްވަނީ ---

އއ. މަތިވެރީގައި އެމްޑަބްލިއުއެސްސީއިން ކުރިއަށް ގެންދިޔަ ސާފު ބޯފެން ގާއިމްކުރުމުގެ މަޝްރޫއު ނިންމާ މިއަދު އިފްތިތާހު ކޮށްފިއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ބައިވެރިވެޑައިގެންފައެވެ.

މިމަޝްރޫއުގެ ދަށުން، މަތިވެރީގައި ފެން ޕްލާންޓެއް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅާ ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާންގީ ވެސް ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެމްޑަބްލިއުއެސްސީއިން ވަނީ ފޯރުކޮށްދީފައެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 38.82 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް