މި ފަސް އަހަރު އަމާންވީ ވެރިކަމަށް އައުމަށް ގޭންގުތަކުގެ އެހީ ނުހޯދުމުން: ރައީސް

ރައީސް އއ. މާޅޮހުގައި -- ފޮޓޯ/ އެމްޑީޕީ

ވެރިކަމުގެ މި ދައުރު އަމާންކަމާއެކު ނިމުމަކާ ހަމައަށް އައީ، ސިޔާސީ ލީޑަރުންނާ ޑީލު ހަދައި ގޭންގުތަކުގެ އެހީ ވެރިކަމަށް އައުމަށް، ނުހޯދުމުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އއ. މާޅޮހުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްުޔިތަކު ވެސް ބޭނުންވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި އުޅުން ކަމަށެވެ.

އެ ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް ޓަކައި މި ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅޭއިރު ގްރޫޕުތަކުން ސިޔާސީ ފަރާތްތަކަށް ހުށަހެޅުންތައް އަންނާނެކަމަށެވެ.

މި ސަރުކާރަށް ވެސް އެ ހުށަހެޅުން އައިއިރު މި ދައުރު އަމާންކަމާއެކު ނިމުމަކާ ހަމައަށް އައީ، އެ ފަދަ ގްރޫޕުތަކުގެ އެހީތެރިކަން ހޯދައިފައިނުވުމުންކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ކަންތައްތަކާ ކުރިމަތިލާއިރުގައި މި އުޅޭ ގްރޫޕުތައް އެޕްރޯޗުކުރޭ ހުރިހާ އެންމެންނާ ވެސް. އެހެންނަމަވެސް 2018ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައީ މިއިން އެއްވެސް ބައެއްގެ އެހީތެރިކަމަކާ ނުލައި،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެރިރަށް މާލޭގެ މަގުތަކަކީ ބިރުވެރިކަން އޮންނަ ތަނެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަނިޔާވެރިކޮށް ހިންގާ ގޭންގް މާރާމާރީތަކުގައި ކޮންމެ މަހަކު ވެސް ޒުވާނެއް މަރުވާކަމަށެވެ.

"ހަގީގަތުގައި އެ ކަން އެހެން ދިމާވަނީ އެ ކަން ކުރަން ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ މީހުންނަށް ބާރު ލިބޭ ވެރިކަމުގެ ފަރާތުގައި ތިބޭ ބައެއްގެ ފަރާތުން އެ މަދަދު ލިބޭތީ، އެހެންނޫންނަމަކާ އެކަމެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެ މި ފަސް އަހަރަކީ އެންމެ ކުށް މަދު ފަސްއަހަރުގެ ގޮތުގައިި ރެކޯޑްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މަގުމަތީ ބާކީވެ ތިބޭ ޒުވާނުންނަކީ މުޖުތަމައުގައި ބާކީކޮށްފައި ތިބޭ ބަޔަކަށް ވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެެވެ.

"އަޅުގަނޑު މި ދަންނަވަނީ ކޮންމެހެން އެ ކުދިން ބޭކާރު ކޮށްލައި މަގުމަތިކޮށްލާ ވާހަކައެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ އެ ކުދިންނަށް ގޮތެއް ދައްކަން،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މަގުމައްޗަށް ގިނަވެ، ގޮތެއް ނެތި ތިބި ޒުވާނުންނަށް ދިރިއުޅުމެއް ހޯދައިިދީ، އެ މަގު ފަހިކޮށްދިނުމަކީ ސަރުކާރެއްގެ ވާޖިބު ކަމަށެވެ.

ވޯޓުލެވޭ އާބާދީގައި 359 މީހުން އުޅޭ މި ރަށަށް ވެސް ރައީސްވަނީ ގިނަ ކަންތައްތަކެއްކޮށްދެެއްވަން ވައުދުވެވަޑައިގެންފައެވެ. އެ ކަންކަމަކީ

  • ސިއްހީ މަރުކަަޒު ބޮޑުކޮށް 24ގަޑިއިރަށް ޚިދުމަތް ބަދަލުކުރުން
  • ޕިކްނިކް ދާނެ ރަށެއް ކަނޑައެޅުން
  • ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ތަަރައްގީކުރުން
  • އިތުރު އައިސްޕާލާންޓެއް ތަރައްގީކުރުން
  • ރޯހައުސް އެޅުން
  • ޒަމާނީ ބޮޑު ހުކުރު މިސްކިތެއް އެޅުން
  • ހޭންޑްބޯލާއި ވޮލީ ކޯޓެއް އެޅުން
comment ކޮމެންޓް