ހުޅަނގުން ޔުކްރެއިނަށް ދިން ޒަމާނީ މޮޅު ހަތިޔާރުން ހާސިލު ކުރެވުނީ ކޮން ކަމެއްތޯ ރަޝިއާއިން ސުވާލުކޮށްފި

ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޯރ

މޮސްކޯ (16 އޮގަސްޓް 2023): ރަޝިއާއަށް މާ ބޮޑު ގެއްލުންތަކެއް ދެވޭވަރުގެ ހަތިޔާރެއް އެމެރިކާއާއި ޔޫރަޕުން ޔުކްރެއިނަށް ދިފައިނުވާ ކަމަށް ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޯ ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ ފެށި ބައިނަލްއަޤްވާމީ އަމަނާ ބެހޭ މަހާސިންތާގައި ވާހަކަ ދައްކަވަމުން ޝޮއިގޯ ވަނީ އެމެރިކާއާއި ޖަރުމަނުން ޔުކްރެއިނަށް ދިން އާދަޔާ ޚިލާފަށް މޮޅު ކަމަށް ބުނާ ޒަމާނީ ހަތިޔާރުތަކުން ޔުކްރެއިނަށް ލިބުނު ކާމިޔާބެއް އެބައޮތްތޯ އަދި ރަޝިއާގެ ހަތިޔާރުތަކުގެ ކުރިމަތީގައި ހުޅަނގުގެ ހަތިޔާރުތަކުން ޔުކްރެއިނަށް އެއްވެސް މަގުސަދެއް ހާސިލު ކުރެވިފައިވޭތޯ ސުވާލު އުފައްދަަަވާފައެވެ.

ޝޮއިގޯ ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އުންމީދު ކޮށްގެން ތިބީ އެ ގައުމުތަކުން އާދަޔާ ޚިލާފަށް މޮޅު ކަމަށް ޕްރޮޕަގެންޑާ ކުރި ޒަމާނީ ހަތިޔާރުތައް ޔުކްރެއިނަށް ދީގެން ރަޝިއާ އަސްކަރީ ގޮތުން އިނދަޖައްސާލެވޭނެ ކަމަށާއި އަދި އެ ހަތިޔާރުތަކުގެ އެހީގައި ހަނގުރާމަ ވެސް ޔުކްރެއިނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް ހުޅަނގުގެ ޒަމާނީ ހަތިޔާރުތަކުން އެ ފެންވަރު ފެނިގެން ނުދިޔަ ކަމަށް ޝޮއިގޯ ވިދާޅުވިއެވެ.

މިގޮތުން އެމެރިކާއާއި ޖަރުމަނުގެ ހަތިޔާރުތައް މޮޅު ކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ފެތުރި ޕްރޮޕަގެންޑާތަކުގެ ދޮގު ކަމާއި ރަޝިއާގެ ހަމަލާތަކުގައި އެ ހަތިޔާރުތައް ހަލާކުވެގެން ގޮސްފައިވާކަން މިހާރު ދުނިޔެއަށް އެނގިގެން ހިނގައްޖެ ކަމަށް ޝޮއިގޯ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ ޔުކްރެއިން ހަނގުރާމައިގާ ބޭނުން ކުރަނީ ރަޝިއާގެ އަމިއްލަ ހަތިޔާރު އެކަންޏެވެ. ޔުކްރެއިނުން އެމެރިކާއި ނޭޓޯގެ ހުރިހާ ގައުމެއްގެ ހަތިޔާރު ބޭނުން ކުރެއެވެ. ނަމަވެސް ހަނގުރާމައިގާ ގެއްލުން ލިބިފައިވަނީ އަދި ހަލާކުވެފައިވަނީ ރަޝިއާތޯ ނޫނީ ޔުކްރެއިންތޯ އަމިއްލައަށް ބަލާލުމަށް ފަހު ހަގީގަތަށް އިއުތިރާފުވުމަށް ޝޮއިގޯ ހުޅަނގަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ހުޅަނގުގެ މޮޅު ހަތިޔާރާ އެކު ޔުކްރެއިން ރަޝިއާއާ ދެކޮޅަށް ފެށި ކައުންޓާއެޓޭކުން ހާސިލް ކުރެވުނީ ކޮންކަމެއްތޯ ބަލާލުމަށް ވެސް ޝޮއިގޯ ހުޅަނގަށް ގޮވާލެއްވިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ ފެށި ބައިނަލްއަޤްވާމީ އަމަނާ ބެހޭ މަހާސިންތާގައި ދުނިޔޭގެ 100 އެއްހާ ގައުމުން އަސްކަރީ މަސްއޫލުވެރިންނާއި ތަޖުރިބާކާރުންނާ އަދި ތިންކްޓޭންކުން ބައިވެރިވެއެވެ. މި މަހާސިންތާގައި ބައިވެރިވި ގައުމުތައް ގިނަވުމަކީ ރަޝިއާ އެކަހެރިކުރުމަށް ހުޅަނގުން ކުރާ މަސައްކަތް ކާމިޔާބުނުވާކަން ހާމަވެގެންދާ ކަމެކެވެ.

ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމާ ގުޅިގެން ރަޝިއާ އަދަބު ދީ ރަޝިއާ އިނދަޖައްސާލުމަށްޓަކައި އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް 70،000 ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. ނަމަވެސް ރަޝިއާ އިގްތިސާދީ ގޮތުން ވެސް އިނދަޖައްސާލުމުގައި ވެސް އަދި ރަޝިއާ އެކަހެރި ކުރުމުގައި ވެސް އެމެރިކާއާއި ޔޫރަޕު ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް