ރައީސް ޔާމީންގެ ޕްލޭނާ އެއްގޮތަށް އައިހެވަން މަޝްރޫއު ކުރިއަށް ގެންދާނަން: އުމަރު

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ކުރީގެ ވެރިކަމުގަައި، އެއިރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކުރިއަށް ގެންދަވަން ނިންމަވައިފައި އޮތް ޕްލޭނާ އެއްގޮތަށް އިހަވަންދިއްޕޮޅުގައި ހިންގާ އައިހެވަން މަޝްރޫއު ހިންގަވާނެކަމަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި، އާންމު ރައްޔިތަކު ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އެ މަޝްރޫއުގެ ޕްލޭނަކީ އެއިރު އެކުލަވައިލެވިފައި އޮތް ބޭނުންތެރި ޕްލޭނެއް ކަމަށެވެ.

އެ ޕްލޭން އޭނާ އަތުގައި އޮތްކަމަށާއި އެއާ އެއްގޮތަށް އަމަލުކުރައްވާނެކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު އަތުގައި އެބައޮތް ރައީސް ޔާމީން ތައްޔާރުކުރެއްވި މާސްޓާ ޕްލޭން. އެ ޕްލޭނާ އެއްގޮތަށް ހޯރަފުށީގައި އިރާދަކުރެއްވިއްޔާ ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމްކުރާނަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމްކުރުމަކީ އޭނާގެ އިގްތިޞާދީ ސިޔާސަތުގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

"އެއްވެސް ގައުމަކަށް ނުކެރޭނެ ޓްރާންސްޝިޕްމަންޓް ބަނދަރު ހުއްޓުވާކަށް އިރާދަކުރެއްވިއްޔާ. ރާއްޖޭގެ ހުރިހާ ވެރިކަމެއްގައި ވެސް ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމްކުރަން މަސައްކަތްކުރި. އެކަމަކު ސްރީލަންކާއާއި އިންޑިއާއާއި ސިންގަޕޫރާއި، މި ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން އައިސް އެކި ގޮތްގޮތުން ލޮބީކޮށްގެން އެ ކަން ރާއްޖެއަށް ވިޔަނުދީ ހިފަހައްޓައިފައި އޮތީ،"

އުމަރު ވިދާޅުވީ އޭނާއަކީ އެ ކަން ކުރައްވަން ކެރޭނެ ބޭފުޅެއްކަމަށާއި 'އަތްތައް ކަނޑައިފައިި' ނަމަވެސް އެ ކަން ކުރައްވާނެކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ޔާމީން ޕްލޭންކުރައްވައިފައި އޮތް ގޮތަށް އެ ޓްރާންސްޝިޕްމަންޓް ބަނދަރު އެ ޕޮޒިޝަންގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު އަޅާނަން،" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖޭގައި އައްޑު އަތޮޅު ފްރީ ޓްރޭޑް ޕޯޓެއްގެ ގޮތިގައި ގާއިމްކުރައްވާނެކަމަށެވެ.

އެގޮތުން އެހެން ގައުމުގެ ތަކުގެ ފެކްޓްރީތަކާއި ބޮޑެތި ކުންފުނިތައް އައްޑޫގައި ޑިއުޓީއާއި ކުލި ނެގުމަކާ ނުލައި ހިންގުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.

"އޭރުން ވަޒީފާ ލިބޭ މީހުންގެ ނިސްބަތް އިތުރުވެ، މިހާރު ޓައިވާން ތަންތަނުގައި، މި މަސައްކަތް ކުރި ގައުމުތަކުގައި ކާމިޔާބުކަމާއެކު ކުރި ގައުމުތަކުގައި ފަސް އަހަރު ދުވަސްތެރޭގައި އިގްތިޞާދު 400 ޕަސެންޓަށް ބޮޑުވެގެންދިޔަ އިނގޭތޯ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ މަސައްކަތަކަށް ޓަަކައި އައްޑޫ އޮތީ ރާއްޖޭގެ ރަނގަޅު ހިސާބެއްގައިކަމަށެވެ.

"އޮސްޓްރޭލިއާ ބައްރާއި އެފްރިކާ ބައްރާ ދޭތެރޭގައި އިން އަތޮޅެއް އެ އަތޮޅަކީ. އެހެންވީމާ އެ ތަނުން އަޅުގަނޑުމެން އެ ފްރީ ޓްރޭޑް ޕޯޓް އެ ތަނަށް ޖަހައިފިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކަމާއެކު އައްޑު އަތޮޅުގެ އިގްތިޞާދު އެއްކޮށް ރިވައިވް ކުރެވޭނެ. އަދި އެއާއެއްކޮށް ޓޫރިޒަމް ވެސް ރިވައިވްކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އޭނާގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި އަމާންކަން ގާއިމްކުރުންކަމަށެވެެ. އަދި އެއަށްފަހު އިގްތިޞާދު ތަފާތު އިންޑަސްޓްރީތަކަށް ހުޅުވައިލައި ކުރިއެރުވުންކަމަށެވެ.

އައިހެވަންއަކީ، އިހަވަންދިއްޕޮޅު ޖޯގްރަފީ ގޮތުން އޮންނަ ސަރަހައްދު ކެޕިޓަލައިޒްކޮށް، ހިންގުމަށް ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކުރި އިންޓަގްރޭޓެޑް ޕްރޮޖެކްޓެކެވެ.

އިހަވަންދިއްޕޮޅު އޮންނަނީ އިންޑިއާ ކަނޑުގައި އިރުން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ ޝިޕިންގް ރޫޓުގައެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެކުލަވައިލި އައިހެވަން މަޝްރޫއުގައި ހިމެނޭ ކޮމްޕޯނެންޓްތަކުގެ ތެރޭގައި ޓްރާންސްޝިޕްމެންޓް ބަނދަރު، އެއާޕޯޓު ޑިވެލޮޕްމެންޓް، ވެއާހައުސިން ހިމެނެއެވެ.

އަދި އެކްސްޕޯޓް ޕްރޮސެސިންގް ޒޯނުތައް ގާއިމުކުރުމާއި، ކްރޫޒް ހަބަކާއި ޔޮޓު މެރީނާ، ޑޮކް ޔާޑަކާއި ބަންކަރިން ފެސިލިޓީތަކުގެ އިތުރުން ފަތުރުވެރިކަން ތަރައްގީކުރުން ހިމެނެއެވެ.

comment ކޮމެންޓް