ގޯތި ލިބުނު މީހުންގެ ގުރުއަތުލުން މާދަމާ ހެނދުނު ބާއްވަނީ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ހެނދުނު 11:00 ޖަހާއިރު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން މިރޭ ބުނެފި އެވެ.

އަދި ހުޅުމާލެ އިން ބިން ލިބޭ މީހުންނަށް ގޯތި ކަނޑައިދިނުމުގެ މަސައްކަތް ވެސް މާދަމާ ފަށާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ގަލޮޅު ދަނޑުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުރުލަމުން ދާއިރު ހުޅުމާލެ އިން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.

"އެ ފަރާތްތަކަށް ޕްލޮޓު ނަމްބަރު އެނގުމުން ވަކިން ގުޅައި ބިން ކަނޑަން ދާންވީ ތަނާއި ވަގުތު އަޅުގަނޑުމެން އަންގާނަން،" އާރިފް ވިދާޅުވިއެވެ.

މާދަމާ ހަވީރު ޕްލޮޓު ކަނޑާ ދިނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާރިފް ވަނީ ވިދާޅުވެފައެވެ.

މިރެއިން ފެށިގެން ގުރުއަތު ނަގަން ދާންވީ ވަގުތު، ޕޯޓަލް އިން ފެންނާނެ އެވެ.

"އެ ގަޑިއަށް ގަލޮޅު ދަނޑަށް ދިޔުމުން ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެ. އޭގެން ކޮންމެ މީހަކު ވެސް ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭ ތަން ލިޔެފައި އޮންނާނެ،" އާރިފް ވިދާޅުވި އެވެ.

މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކޮށް، ރޭ ވަނީ އާންމުކޮށްފައެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ އަދަދު އިއްޔެ ހައުސިން މިނިސްޓްރީން އާންމުކުރި އިރު، ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ އަދަދު ވަނީ ވަގުތީ ލިސްޓަށް ވުރެ އިތުރުވެފައެވެ. އެގޮތުން ވަގުތީ ލިސްޓުގައި 19،858 މީހެއްގެ ޝަރުތު ހަމަވާ ކަމަށް އޮތް އިރު، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ.

ރޭ ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ ވިދާޅުވި ގޮތުގައި މި ފަހަރު ޖޮއިންޓުކޮށް ފޯމު ހުށަހަޅައިގެން، 25 އަހަރުން ދަށުގެ 2000 މީހަކަށް ގޯތި ލިބިފައިވެއެވެ.

މީގެ އިތުރުން، މި ދައުރު ނިމުމުގެ ކުރިން ލިސްޓުގައިވާ އެންމެންނަށް ގޯތި ކަނޑައިދީ، ރަޖިސްޓްރީކޮށް ނިންމާ ހަވާލުކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވެފައިވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ލިސްޓުގައި ޖޮއިންޓު ވެގެން ގޯތި ލިބޭނެ ކަމަށް ތިބި މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލިއެވެ.

މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ހިއްކާ ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ގޯތި ދޫކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް، މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.

މިމަހުގެ އަށްވަނަ ދުވަހު، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ވެސް ވަނީ އާންމުކޮށްފައެވެ. އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 22އަށް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް