އުދައެރުމާ ގުޅިގެން ބަހުގެ ދަތުރުތަކަށް ބަދަލު ތަކެއް

މާލޭގައި މިއަދު ވަނީ މިނީ ބަހުގެ ހިދުމަތް ރަސްމީކޮށް ފަށާފައި. ފުރަތަމަ ދެ ހަފުތާގައި މިނީ ބަހުން ހިލޭ ދަތުރުކުރެވޭނެ. އެއަށް ފަހު ޓިކެޓަކަށް ނަގާނީ ހަތް ރުފިޔާއެވެ. -- ސަންފޮޓޯ/ ނާއިލް ހުސައިން

އުދަ އެރުމުގެ ސަބަބުން މާލޭގެ ބަސް ދަތުރުތަކަށް ދަތިވެފައި ވާތީ ބަހުގެ ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ އުދަ އެރުމުގެ ސަބަބުން ކާނިވާ ރޫޓުގެ (R2 އަދި R8) ބަހުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ވެސްޓް ޕާކް ރޫޓް (R1 އަދި R7) ގެ ބަސްދަތުރުތަކާއި އެއާޕޯޓު ރޫޓުގެ (R3 އާއި R4 އަދި R9) ބަސްދަތުރުތައް ކުރިއެކޭއެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދަށް ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ރާޅު އަރާފައެވެ. އެ ސަރަހައްދަކީ ކާނިވާ ރޫޓަށް އެމްޓީސީސީގެ ބަސް ވެސް ދަތުރުކުރާ މަގެކެވެ. އުދަޔާއެކު އެ ސަރަހައްދަށް ވަރަށް ބޮޑަށް ވެއްޔާއި ގާ ވެސް ވަނީ އަރުވާފައެވެ. މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު އެބަކުރެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ކާނިވާ ރޫޓުގެ ދަތުރުތައް އަލުން ފަށާނީ ފުލުހުންގެ އިލްތިމާސްތަކަށް ބެލުމަށްފަހު ކަމަށެވެ.

"މި ބަދަލު އަޅުގަނޑުމެން މި ގެނައީ ބަސް ދަތުރުކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،" އޮފިޝަލް ވިދާޅުވިއެވެ.

ބަހުގެ ދަތުރުފަތުރަށް ބަދަލު އަންނަވަރަކުން އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް