މާދަމާ ސްކޫލްތައް ހުޅުވޭއިރު ޓީޗަރުން ހަމަ: މިނިސްޓްރީ

އިސްކަންދަރު ސްކޫލްގެ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަވެފައިވާކަަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ "ސަން"އަށް ވިދާޅުވީ ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމަށް ޓަކައި މިނިސްޓްރީއާއި ސްކޫލްތަކާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމަށެވެ.

މާދަމާއަށް ނުނިކުމެވޭ ޓީޗަރެއް ހުރި ނަމަވެސް، އަމަލުކުރަން ވީ ގޮތް ވާނީ ސްކޫލްތަކަށް އަންގައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސެޝަންގައި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދެވޭ ވަރަށް ޓީޗަރުން ހަމަވެފައިވާކަމަށް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންނެވި ބަދަލާއެކު ގިނަ އަދަދެއްގެ ބަޔަކު ދާއިރާއަށް ނުކުންނަމުން ދާ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދިރާސީ އައު އަހަރަށް ހުރިހާ ޓީޗަރުން ވެސް އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ސްކޫލުތަކަށް ވަނީ ނުކުމެފައެވެ. އަންނަ ދިރާސީ އަހަރު މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެއެވެ.

އެއީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު އިމާރާތާއި، ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތެވެ.

comment ކޮމެންޓް