އީގަލްސް އަތުން މާޒިޔާ ސަލާމަތްވެއްޖެ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އަތުން ބަލިވާން ދަނިކޮށް، މާޒިޔާ ސްޕޯޓްސް ކްލަބު ސަލާމަތްވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗަކީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗެވެ. މާޒިޔާ އާއި އީގަލްސް ބައްދަލުކުރި އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ އީގަލްސް އިން ވަނީ މެޗުގެ ނުވަވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ފްރެންކާ ކޮއެލްހޯ އިވާން ކާލޯސްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުން، އަހުމަދު ރިޒުވާން (ރިޒޭ) ޖައްސާލި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އީގަލްސް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިލޮވާން ޕެޓްރޮވިޗް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރިޒޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު ކުޅެމުންދިޔަ މާޒިޔާ އިން ވަނީ ގިނަ މަސައްކަތްތަކެއްކޮށް، މެޗުގެ 72 ވަނަ މިނެޓުގައި ގޯލެއް ޖަހައިފައެވެ. ޚަލީލް ގަމާލް ނަގައިދިން ހުރަހަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

އޭގެ މިނެޓެއް ފަހުން މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބޯޅަ ހިފައިގެން އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ އީގަލްސް ގޯލުގެ މަތީ ކަނަކަށެވެ.

އެ ނަތީޖާއާއެކު ލީގު ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

comment ކޮމެންޓް