ޖަމިއްޔާތައް އުވާލުމަށް ނެރުނު އިއުލާން ޔޫތު މިނިސްޓްރީން ބާތިލްކޮށްފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ-- ފޮޓޯ/ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމިއްޔާތައް އުވާލަން ކުރި އިއުލާން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބާތިލުކޮށްފިއެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ނުކުރާ ޖަމިއްޔާތައް އުވާލަން އިއުލާން ކޮށްފައެވެ.

ނަމަވެސް އިއްޔެ މިވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.

އެގޮތުން، މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ، އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1،989 ޖަމިއްޔާއެއް އުވާލަން ލިސްޓު ކޮށްފައިވެއެވެ.

މިނިސްޓްރީން އެ އިއުލާނު ބާތިލްކޮށްފައިވަނީ، ދީނީ ހޭލުންތެރިކަން އިތުރު ކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ސަލަފް އުވާލަން ނިންމީ އެ މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ރަނގަޅަން ނުބަލާ ކަމަށް ސަލަފްއިން ބުނެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ސަލަފްއިން ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ޔޫތު މިނިސްޓްރީން ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަ ވަނީ، އަންނަ އަހަރު ކަމަށެވެ.

އަދި، ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުވެސް ސަލަފްއިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށް ސަލަފްއިން ބުނީ މިނިސްޓްރީން އުވާލަން ލިސްޓު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ސަލަފް ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން މިނިސްޓަރަށް ފެނިގެން ދިޔައީ ނޫސްތަކުން ކަމަށެވެ.

އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަމަށާއި އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭކަމަށެވެ.

އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިފައިވާ ކަމަށާއި އެކަންކަން ބަލާ ރަނގަޅުކުރުމަށް މިހާރު ރިކުއެސްޓުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް