ރައީސް ބާއްވަވާ ރައްޔިތުންގެ ބައްދުލުވުންތައް ސިޔާސީ ނުކުރަން މަހުލޫފު ގޮވައިލައްވައިފި

ރައީސް ޑރ. މުއިއްޒާއި، މަހްލޫފު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާއްވަވަމުން އަންނަ ރައްޔިތުންގެ ބައްދަލުވުންތައް ސިޔާސީ ނުކުރަން، މީގެ ދެ ދުވަސްކުރިން މި ސަރުކާރުން ޖަޕާން ސަފީރުކަން ހަވާލުކުރެއްވި، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވަޒީރު އަހްމަދު މަހުލޫފު ގޮވައިލައްވައިފިއެވެ.

މިހާރު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ރައީސް ބާއްވަވަމުން އަންނަ ބައްދަލުވުންތަކުގައި އެކި ފަންތީގެ ރައްޔިތުން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މީގެ އިތުރުން ކުރިން ދައުލަތުގެ އެކި އިސް މަގާމުތަކާއި، ސިޔާސީ މަގާމުތައް ފުރުއްވައިފައި ތިއްބެވި މާލެއަށް ނިސްބަތްވާ ބޭފުޅުން ވެސް މި ބައްދަލުވުންތަކުގައި ޝުއޫރު ފާޅުކުރައްވައިފައިވެއެވެ.

އެގޮތުން ކުރީގެ ޕީޖީ އަހްމަދު މުއިއްޒު، އަދުލު އިންސާފުގެ ނިޒާމުގައި ހިނގަމުން އަންނަ އެކި ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަ ފާހަގަކޮށްލެވެއެވެ.

އެއާއެކު، މި ބައްދަލުވުންތަކުގެ ދިފާއުގައި، ވަރަށްފަހުން ޕީއެންސީއާ ވެސް ގުޅިވަޑައިގެންނެވި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވޭ ކަމަށެވެ.

"އެ ރައްޔިތުން އުޅެމުންދާ ދަތި ހާލު އަދި ބޯހިޔާވަހިކަމަށް މުޅި އުމުރު ހުސްވަންދެން ކުރަމުންދާ މަސައްކަތްދަނީ އަސަރާ އެކު ސީދާ ރައީސްއާ ހިއްސާކުރަމުން،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މިއީ ރައްޔިތުންގެ ހަގީގީ ޝަކުވާއާއި ކަންބޮޑުވުން ހިއްސާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އެހެންވެ މި ފުރުސަތު ސިޔާސީކޮށް އެ ބައްދަލުވުމުގެ މާހައުލު ހަލަބޮލިކުރުމުން އޭގެ ހުރިހާ ދެރައެއް ލިބޭނީ އެ ފުރުސަތަށް އެދިއެދި ތިބި ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސާއި ރައްޔިތުންގެ ދެމެދަށް ނުވަދެ ސިޔާސީ ޕޯޑިއަމްތަކާއި، ހަރުގެ ތަކާއި، މުޒާހަރާތަކާއި، ސޯޝަލް މީޑިއާ އަދި ޓީވީ ޕްރޮގްރާމްތަކުގައި ވެސް ސިޔާސީ މަސައްކަތް ކުރެވެންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ބައްދަލުވުންތަކާ ގުޅިގެން ވާދަވެރި ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެ އެ ބައްދަލުވުންތަކުގައި ރައްޔިތުން، ރައީސަށް ކަންކަން ހައްލުކޮށްދޭން، ސިޓީބިޓީ މެދުވެރިކޮށް "އާދޭސް"ކުރުމުގެ ސަގާފަތެއް ގާއިމްކުރަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަދި އެ ބައްދަލުވުންތަކުން އެނގެނީ މި ސަރުކާރާމެދު ރައްޔިތުންގެ އެއްވެސް ރަނގަޅު ޝުއޫރެއް ނެތްކަން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް