އަންނަ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލުތަކަކަށް މުދައްރިސުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އަންނަ ދިރާސި އަހަރަށް ވަމުންދާ ތައްޔާރީ ތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށާއި، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ވެސް މުދައްރިސުން ހަމަވާނެ ކަމަށެވެ.
އަދި ސްކޫލުތަކަށް މުދައްރިސުން ހޯދުމުގެ އިތުރުން ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރޭގެ 14 ސްކޫލަކަށް ބިދޭސީ ޕްރިންސިޕަލުން ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތައް ސްކޫލުތަކަށް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ސްކޫލުތަކަށް ހަވާލުކުރެވިފައިވާ ފޮތްތައް ޗެކްކުރުމަށްފަހު، ހަމަނުވާ ފޮތްތައް ހަމަކޮށްދިނުމުގެ މަސައްކަތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަހުމަދު އަލީ ވިދާޅުވީ މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެ ކަމަށެވެ.
ދިރާސީ އައު އަހަރަށް ހުރިހާ ޓީޗަރުން ވެސް އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ސްކޫލުތަކަށް ރިޕޯޓު ކުރަން ޖެހެއެވެ. އަންނަ ދިރާސީ އަހަރު މާލޭ ސަރަހައްދުގެ ތިން ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެއެވެ.
އެއީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު އިމާރާތާއި، ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތެވެ.
ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.