ޖަޕާނުން ހަދިޔާކުރި އެމްބިއުލާންސްތައް ސިއްހީ ޚިދުމަތްދޭ ތަންތަނާ ހަވާލުކޮށްފި

ޖަޕާނު ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާކުރުން --

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެލްތު މިނިސްޓްރީއަށް ހަދިޔާކުރި އަށް އެމްބިއުލާންސް، ސިއްހީ ޚިދުމަތްދޭ ތަންތަނާ މިއަދު ހަވާލުކޮށްފިއެވެ.

އެމްބިއުލާންސްތައް ހަދިޔާކޮށްފައި ވަނީ، އެކަމަށް ޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ތަކެއުޗި މިދޯރީއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަޙުމަދު ނަސީމެވެ. ހެލްތު ފެސިލިޓީތަކުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާކުރުން --

އެގޮތުން ހއ. ހޯރަފުށި ހެލްތު ސެންޓަރު، ހއ. ކެލާ ހެލްތު ސެންޓަރު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އެއް އެމްބިއުލާންސް ހަދިޔާކުރިއެވެ. އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ނެޝަނަލް އެމްބިއުލާންސް ސާވިސަސްއަށް ވަނީ ދެ އެމްބިއުލާންސް ހަވާލުކޮށްފައެވެ.

މިއަދު ހަވާލްކުރި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާކުރުން --

މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވަނީ، ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްގެ ދަތި ހާލަތުގައި ވެސް ވެދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް'' (ޖީޖީޕީ)ގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. މި އެމްބިއުލާންސްތަކަކީ، އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓާއެކު ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.

comment ކޮމެންޓް