ހޮޅުދޫ ފާރު ވެއްޓުން: އެކަކަށް އަދިވެސް ފަރުވާ ދެނީ

ނ. ހޮޅުދޫ ---

ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ގައިމައްޗަށް ފާރެއް ވެއްޓި ހިނގި ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފުންނަށެވެ. އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެކެއްގެ ކޮނޑު ހުޅާއި އަތަށް އަނިޔާވެ، ދެން ހުރި މީހާގެ އުނަގަނޑަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

ރޭގެ ވަގުތެއްގައި އެ ތިން މީހުން ވެސް ވަނީ އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

އެކަމާ ގުޅޭގޮތުން ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން ދެ މީހުން ފަރުވާ ހޯދުމަށް ފަހު ރޭ މެންދަމުގެ ވަގުތެއްގައި އެނބުރި ހޮޅުދުއަށް އައިސް ފައިވާ ކަމަށެވެ.

ފަރުވާ ހޯދުމަށް ފަހު އެނބުރި އައިސްފައިވަނީ ކޮނޑު ކަށިގަނޑުގައި ރެނދު ލީ މީހާއާއި ބޯ ފަޅައިގެން ދިޔަ މީހާއެވެ.

ނަމަވެސް އުނަގަނޑަށް އަނިޔާ ލިބުނު މީހާގެ ޅިނދު ކަށިގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާތީ އޭނާ އަދިވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ. ރިޟްވާން ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުން ދެވެން ހުރި ފަރުވާ އޭނާއަށް ދެމުން ދާ ކަމަށެވެ. ނަމަވެސް އާންމު ގޮތެއްގައި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، ކަންބޮޑުވާން ޖެހޭވަރުގެ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޟްވާން ވިދާޅުވިއެވެ.

މަގު ހެދުމުގެ ތެރެއިން ވެއްޓުނު ފާރަކީ ތެޅިގަލުން ރާނާފައި ހުރި ވަރަށް ދުވަސްވީ ފާރެކެވެ. ފާރު މަގާވީ ފަރާތަށް އަރި އަޅާލާފައި ވާއިރު، ފާރުގެ އެތެރެ ފަރާތުގައި ވަނީ ވެލި ފުނިތަކެއް ޖައްސާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް