''ބިސް ހޮޅުދޫ''އިން މުއިއްޒަށް ވެދުމަށް ބިހުގެ މަލާފަތެއް!

(ނ.ހޮޅުދޫއިން، ޢާލިމް އަބްދުއްލަތީފް)

ރާއްޖޭގެ އެކި ރަށްރަށަށް ވަނަންތައް ދެވިފައިވެއެވެ. އެ ގޮތުން ނ. އަތޮޅު ހޮޅުދުއަށް އަބަދުވެސް "ބިސް ހޮޅުދޫ"އޭ ކިޔައި އުޅެއެވެ.

ދޫދޫމަތިން ވާރުތަވާ ވާހަކަތަކަށް ބަލާއިރު، އެ ރަށަށް މި ނަން ކިޔުނީ ވަރަށް ކުރީގެ ހާދިސާއެއްގެ ސަބަބުންނެވެ. އެ ރަށުގެ ގިނަ މީހުން ކިޔައިދޭ ގޮތުގައި ބިސް ހޮޅުދޫ ކިޔުނީ ކުރީ ޒަމާނުގައި އެރަަށަށް ރަދުން ވަޑައިގަތުމުން އެބޭފުޅުންނަށް މުޅިންވެސް ބިސް ހުރި ކޭމެއް އެރުުވުމުންނެވެ.

"އެކޭން ރަދުން އަށް ފެނުމުން ރަދުން ބުނި ކަމަށް ވަނީ އެހެންވީމަ މިއީ ބިސް ހޮޅުދޫތާއޭ،" މި ރަށުގެ މީހަކު ކިޔައިދިނެވެ.

މިއަދު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމުން ވެސް ހޮޅުދޫގެ ރައްޔިތުންގެ ފަރާތުން ވަނީ އެ އިއްޒަތް ވެސް އަރުވައިފައެވެ.

ދިވެހި ރަތްލިބާހެއް ލައިގެން ހުރި އަންހެނަކު ބޮލަށް ލައިގެން އައި މަލާފަތެއް މުއިއްޒަށް އެރުވިއެވެ. މަލާފާތުގެ މަތި ހިއްލައިލިއިރު އޭގައި ހުރީ ހުސް ބިހެވެ. އަދި ފައްޓަރުބައެއް ވެެސް ބިސްތަކުގެ ތެރޭގައި އޮތެވެ.

މިހާރު މިއީ މި ރަށުގެ އާދަކާދައަކަށް ވެފައި އޮތް ކަމެކެވެ. އެ ރަށަށް ޒިޔާރަތްކުރައްވާ ދައުލަތުގެ މަތީ ބޭފުޅުންނަށް "ބިހުގެ އިއްޒަތް" އެރުވުމަކީ މިހާރު އާއްމު ކަމެކެވެ.

ހޮޅުދޫއިން ބިސް މަލާފަތެއް މުއިއްޒަށް އަރުވަނީ --

"ބިސް ހޮޅުދޫ" އޭ ކިޔައިގެން މިހާރު މި ރަށު މީހުން ރުޅިއެއް ނާދެއެވެ. އެއީ މިހާރު މި ރަށުގެ ފަޚުރެކެވެ.

މި ރަށުން ވާހަކަ ދެއްކި އަންހެނަކު ކިޔައިދިން ގޮތުގައި ބައެއް ފަހަރަށް ދައުލަތުގެ މަތީ ބޭފުޅުން ރަށަށް ވަޑައިގަތުމުން ބިސް ގަޔަށް ޖަހައިފައި ވެސް އެބަހުއްޓެވެ.

"ސަލާންކުރަން ދާއިރު ވެސް ބިސް ހިފައިގެން ގޮސް އެބަ ސަލާންކުރޭ. ދެން ތަޅައިގެން ގޮސް ބިސްތައް ފައިބާނެތާ،" އޭނާ ބުންޏެވެ.

މިހާރު ވެސް ގިނަ ބަޔަކު މި ރަށަށް ކިޔައި އުޅޭ ނަމަކީ "ބިސް ހޮޅުދޫ"އެވެ. ގިނަ ބަޔަކަށް "ބިސް" ނުލައި މި ރަށުގެ ނަން ބުނުމުން ނުވެސް އެނގެއެވެ.

comment ކޮމެންޓް