ހޮޅުދޫގައި މަގުހެދުމުގެ ތެރެއިން ފާރެއް ވެއްޓި އެކެއްގެ ބޯ ފެޅިއްޖެ

ނ. ހޮޅުދޫ ---

ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ތިން މީހެއްގެ ގަޔަށް ފާރެއް ވެއްޓި އެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފުން ގަޔަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:45 ހާއިރުއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު "ސަން"އަށް ވިދާޅުވީ ފާރު ވެއްޓެން ދިމާވީ މަގުގެ ކައިރިން ފާރު ކޮށްނަމުން ދަނިކޮށް ކަމަށާއި، ފާރުގެ އެތެރެ ފަރާތުގައި ހުރީ ވެލި ޖައްސާފައި ކަމަށެވެ.

"ފާރު އެއް ފަރާތަށް އަރިއަޅާ ލައިގެން މިކަން މި ވީ. އެތެރެ ފަރާތުގައި ހުރީ ވެލި ޖައްސާފައި. ދެން ކޮންނަމުން ދަނިކޮށް އެ ތިން މީހުން ގަޔަށް މި ވެއްޓުނީ. އެކެއްގެ ބޯ ފެޅުނީ. އަނެއްހެން ދެން ތިބި ދެ މީހުންނަށް ބޭރުފުށުން ފެންނަން ނެތް އެކަމު ވަރަށް ބޮޑަށް ހަރަކާތް ކޮށް ހަދާއިރު ދަތުވާތީ އުޅެނީ. ދެން އިތުރު ޓެސްޓްތައް ހެދީމަ އިނގޭނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެކެއްގެ ކޮނޑު ހުޅާއި އަތަށް އަނިޔާ ވެފައިވާއިރު، ދެން ހުރި މީހާގެ އުނަގަނޑަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ހޮޅުދުއަށް ނިސްބަތްވާ މީހުންނެވެ.

ރިޟްވާން ވިދާޅުވީ އެ މީހުން މިހާރު އިތުރު ފަރުވާއަށް އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.

comment ކޮމެންޓް