ޔުކްރެއިން، ނޭޓޯއަށް ވަނުމަށް ގިނަ ހުރަސްތަކެއް އެބަހުރި: އެމެރިކާ

ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޖީން ޕިޔޭރު

ވޮޝިންޓަން (6 ޖުލައި 2023): ޔުކްރެއިންގެ ހާލަތު މިހާރު އޮތް ގޮތުން ނޭޓޯއަށް ވަނުމަށް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށާއި ނޭޓޯއަށް ވެއްދުމުގެ ކުރިން ޔުކްރެއިނުން އެ ހުރަސްތައް ނައްތާލައި ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޖީން ޕިޔޭރު ވިދާޅުވީ އެމެރިކާގެ ސިޔާސަތަކީ ނޭޓޯއަށް ވަންނަން ބޭނުންވާ ޝަރުތު ހަމަވާ ގައުމުތައް އެ ޖަމާއަތަށް ވެއްދުމެވެ. ނޭޓޯއަށް ވަނުމުގެ ޝަރުތުތައް ފުރިހަމަ ކުރުމަކީ ޔުކްރެއިންގެ ކަމެއް ކަމަށް ވެސް ކެރިން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ.

ވައިޓް ހައުސްއިން މިހެން ބުނެފައިވަނީ ޔުކްރެއިން ހަނގުރާމައިގެ ހާލަތުގައި އޮއްވައި އެގައުމު ނޭޓޯއަށް ވެއްދުމަކީ މުސްތަހީލު ކަމެއް ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވުމާ ގުޅިގެން ޔުކްރެއިން ހިތްހަމަނުޖެހިފައިވާ ވަގުތެއްގައެވެ.

ނޭޓޯގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމަކާ އެކު ހަނގުރާމައިގެ ހާލަތުގައި ނެތުމާ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރު ވަކި މިންގަނޑުތަކެއްގައި ހުރުން ހިމެނެއެވެ. ނޭޓޯގައި މިހާރު ހިމެނެނީ 30 ގައުމެވެ. މީގެ ތެރެއިން އެމެރިކާ، ކެނެޑާ އަދި ތުރުކީ ފިޔަވައި ދެން ހުރީ މުޅިންވެސް ޔޫރަޕްގެ ގައުމުތަކެވެ. ތުރުކީއަކީވެސް އެ ގައުމުގެ ހުޅަނގު އުތުރުގެ ކުޑަ ސަރަހައްދެއް ޔޫރަޕަށް ނިސްބަތްވާ ގައުމެކެވެ.

ޔުކްރެއިނަށް ރަޝިއާ އަސްކަރީ ގޮތުން އަރައިގަތް މައިގަނޑު އެއްސަބަބަކީ އެ ގައުމު ނޭޓޯއަށް ވަންނަން މަސައްކަތް ކުރުމެވެ. އަދި، ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ ޔުކްރެއިންގެ މައްޗަށް ކުރިމަތިކުރާ މައިގަނޑު އެއް ޝަރުތަކީ ވެސް ނޭޓޯއަށް ނުވަނުމާއި އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އެ ގައުމު އޮތުމެވެ. މިކަން ޔުކްރެއިންގެ ދަސްތޫރުގައި ވެސް ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް ރަޝިއާ ބުނެއެވެ.

ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވެއްޖެނަމަ ރަޝިއާ ވަށާލައި ހިސާރު ކުރުމުގެ ބާރު ނޭޓޯއަށް ލިބޭނެއެވެ. މިހާރު ވެސް ރަޝިއާއާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ބޯލްޓިކްގެ ގައުމުތަކަކީ ނޭޓޯގެ މެންބަރުކަން ލިބިފައިވާ ގައުތަކެއްކަމުން ރަޝިއާގެ ހުޅަނގު އުތުރުގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯގެ ބާރުތައް ވަނީ ވާސިލް ވެފައެވެ.

ޔުކްރެއިން ހަނގުރާމައިގެ ހާލަތުގައި އޮއްވައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދޭން ނޭޓޯގެ ގިނަ ގައުމުތައް ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއާއި ޔޫރަޕުން ޔުކްރެއިނަށް ގިނަ އަދަދަަކަށް ހަތިޔާރު ދިން ނަމަވެސް ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެކަށީގެންވާ ވަރާ ގާތަށް ވެސް ޔުކްރެއިނަށް ކާމިޔާބު ނުހޯދޭތީ އެމެރިކާގެ މަސްއޫލުވެރިން ވަނީ ހިތްހަމަ ނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ހިތްހަމަނުޖެހުން އާންމު މިޑިއާ ތަަކަށް އެހާ ބޮޑަށް ތިލައެއް ނުވެއެވެ. އަނެއްކޮޅުން ނޭޓޯއަށް ވަނުމުގެ ފުރުސަތު ނުލިބޭތީ ޔުކްރެއިން ވެސް ވަނީ ހިތްހަަމަ ނުޖެހިފައެވެ.

ޔުކްރެއިނަށް ދޭންޖެހޭ އެހީތަކުގެ ބޮޑުކަމުންނާ އަދި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ވަނީ އިގްތިސާދީ ގޮތުން ބޮޑު ލޮޅުންތައް އަރާފައެވެ.

comment ކޮމެންޓް