މާލޭގެ ރަށްވެހިންނަށް މާލެއިން ގޯތި ނުލިބެންވީ ސަބަބެއް ނެތް: މޫސަ

"ސަން އެކްސްކްލޫސިވް" ޕްރޮގްރާމްގައި ރީކޯ މޫސާ މަނިކު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލެއަށް އުފަން މާލޭގެ ރަށްވެހިންނަށް މާލެއިން ބޯހިޔާވަހިކުރާނެ ބިން ލިބެންޖެހޭކަމަށާއި ބިން ދޫކުރުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް އަރިހުގައި މިހާރު ސިޔާސީ މަސައްކަތުގައި އުޅުއްވައި މޫސާ މަނިކު (ރީކޯ) ބިން ދޫކުރުމުގެ ސިޔާސަތު ދިފާއުކުރައްވައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 6،200 ބިން މާލޭގެ ރަށްވެހިންނަށް ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފައިވާއިރު ސަރުކާރާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު މީހުންނާއި ބައެއް ޖަމިއްޔާތަކުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ، އެ ކަމާ ދެކޮޅަށް ބަޔަކު މަސައްކަތްކުރުންކަމަށެވެ.

އެއީ ސަރުކާރާ ދެކޮޅަށް ކުރާ ކަމެއްގެ ބަދަލުގައި މާލޭގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މީހަކު އުފަންވާ ރަށަކުން އެ މީހަކަށް ގޯތި ދިނުމަކީ ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލުކަމަށެވެ.

ނަމަވެސް މާލެއިން ގޯތި ނުދޭތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މީހަކު އުޅެ ބޮޑުވި ރަށަކުން އެ މީހަކަށް ގޯތި ލިބެންޖެހޭނެ އެންނު. އެހެންވީމާ މާލޭ މީހުންނަށް ގޯތި ދީފާނެތީ އެ ކަމާ ކަންބޮޑުވެގެން އުޅޭ ބަޔަކު މި ދައްކަނީ އެ ވާހަކަ. އެހެން ނަހަދާށޭ،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ދިވެހި ރައްޔިތުންގެ ރަށްތައްކަމަށެވެ. ނަމަވެސް މާލެއަކީ ވެސް ހުރިހާ ރައްޔިތުންގެ ތަނެއްކަމަށް ބުނެ މާލެއަށް އުފަން މާލޭގެ އަމިއްލަ ރަށްވެހިންނަށް ގޮތެއް ނެތި ދިއުމަކީ ހަމައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މިތާ އުޅެންޖެހޭ އެންމެންނަކީ ކުއްޔަށް އުޅެންޖެހޭ ބަޔަކަށް ވެގެން ނުވާނެއެއްނު. 40 އަހަރު މިވަނީ ގޯތި ނުދޭތާ މާލެއިން. ސަރުކާރުން މިހާރު އެ ކަން މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރަށެއް ތަރައްގީވަނީ އެ ތަނެއްގައި އުޅޭ މީހުންގެ ކަންކަން ހުންނަ ގޮތުންކަމަށެވެ. އެގޮތުން ތަރައްގީއަކީ އެ ތަނެއްގައި މީހުން އުޅޭ މިންވަރަށް ބަލައި، އިގްތިޞާދީ މަސައްކަތް ހިނގާ މިންވަރަކަށް ގެނެވޭ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި ޚިދުމަތްތައް ހޯދަން މާލެ އަންނަ ރަށްރަށުގެ މީހުން މާލޭގައި ވަޒަންވެރިވުމަކީ ވެސް މާލޭގެ ރަށްވެހިންނަށް ބިން ނުވަަތަ ޖާގަނެތި އޮންނަންޖެހޭ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ގޯތި ދިނުމުގެ ވާހަކަދައްކަނީ އެ ބިން އޮވެގެން ކަމަށާއި "ކަނޑުން ގޯތި ދޭ" ވަހަކައަކީ މާލެ ރައްޔިތުންނަށް ރައްދުކުރެވޭ މަލާމާތެއްކަމަށެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 4،000 ގޯއްޗާއި ހުޅުމާލެއިން 2،200 ގޯތި ދޫކުރާ ގޮތަށެވެ.

comment ކޮމެންޓް