ދިރާސީ އާ އަހަރު އާ ސްކޫލެއްގައި ކިޔެވުން ފަށަނީ

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް -- ސަން ފޮޓޯ

މި އަހަރުގެ އޯގަސްޓު މަހު ފެށޭ ދިރާސީ އައު އަހަރާއެކު އަލަށް އިމާރާތްކުރި ދަރުމަވަންތަ ސްކޫލާއި ސީއެޗްއެސްއީގެ އާ އިމާރާތުގަ އާއި އާ ސްކޫލެއްގައި ކިޔެވުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން ވިދާޅުވީ ދިރާސީ އަހަރު ފަށާއިރު ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރަން ފަށާނެކަމަށެވެ.

ހަމައެއާއެކު ހުޅުމާލޭގައި ސީއެޗްއެސްއީގެ އާ އިމާރާތުގައި ވެސް ކިޔަވައިދޭން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޞަލާހުއްދީން ސްކޫލުގައި ވެސް ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވި ގޮތުގައި ދަރުމަވަންތަ ސްކޫލުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. މިހާރު ދަރުމަވަންތައިގެ އައު އިމާރާތަށް ގޮނޑި، މޭޒުފަދަ ކްލާސްރޫމުތަކަށް ބޭނުންވާ ސާމާނު ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެންމެ ފުރަތަމަ އެއް ދަންފަޅިއަށް މާލޭ ސަރަހައްދުގައި ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ ހުރަވީ ސްކޫލާއި ޢިއްޒުންދީން ސްކޫލުގައެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ އާބާދުވި އާއިލާތަކާއެކު ހުރަވީ ސްކޫލަށް އޮތް ޑިމާންޑު ބޮޑުވެ، ދެ ދަންފަޅިއަށް ކިޔެވުން ބަދަލުކުރީއެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް އަޅައިފައިވަނީ މާލޭ ޖަލާ އިންވެގެން ހުރި ބިމުގައެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުގެ ކުރިން ޖަލު އެހެން ތަނަކަށް ބަދަލުކުރުމަށް މިހާރު ކަރެކްޝަނަލް ސާވިސަސްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަށް ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ 2020ވަނަ އަހަރެވެ.

ދަރުމަވަންތައިގެ އައު އިމާރާތުގައި 25 ކުދިންގެ ޖާގައިގެ 41 ކްލާސްރޫމް ހުންނާނެއެވެ. ޕްރައިމަރީ އަދި ސެކަންޑަރީ ދަރިވަރުންނަށް ޚާއްސަ ދެ ފަންގިފިލާގެ ލައިބްރެރީއެއް ހުންނާނެއެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ޞަލާހުއްދީން ސްކޫލަކީ ހަ ފަންގިލާގެ ސްކޫލެކެވެ. 118 މިލިއަން ރުފިޔާ ޚަރަދުކުރި މި ސްކޫލަކީ 1200 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

ސީއެޗްއެސްއީގެ އަށް ފަންގިފިލާގެ އާ ސްކޫލް އިމާރާތަށް ޖުމްލަ 21 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ.

comment ކޮމެންޓް