ދިރާސީ އަހަރު ފެށޭއިރު ސަލާހުއްދީން ސުކޫލު ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގަ ހުންނަ ސަލާހުއްދީން ސުކޫލު --- ފޮޓޯ/އެޑިޝަން.އެމްވީ

ފެށޭ ދިރާސީ އަހަރާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސުކޫލުގައި ދެ ދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދިނުމަށް ނިންމައިފިއެވެ.

މީގެކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށްގެން ވިއަސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ތައުލީމު ކަށަވަރު ކޮށްދޭނެ ކަމަށެވެ.

އެކަމަކު، ދެ ދަންފަޅިއަށް ބަދަލު ކުރާނީ ކޮން ދުވަހަކު ކަމެއް މިނިސްޓަރު އޭރު ވިދާޅުވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން 'ސަން'އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އަންނަ މަހު ފަށާ ދިރާސީ އަހަރު ސަލާހުއްދީން ސުކޫލުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަށް ކަމަށެވެ.

ނަމަވެސް، އެ ސުކޫލުގައި ކިޔެވުން ފަށާނެ ދަރިވަރުންގެ އަދަދެއް ސީދާ ބުނަން ނޭނގޭ ކަމަށާއި އެ އަދަދު ޔަގީންކުރެވޭނީ ކިޔެވުން ފަށާ ދުވަހު ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭރު މިނިސްޓަރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ދެވަނަ ފިޔަވަހިން ސްކޫލު ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

https://sun.mv/189788

މިނިސްޓަރު ވިދާޅުވީ، މިފަދަ ހާލަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތައުލީމީ ހާލަތު ވެއްޓުނީ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލު އެޅުމުގައި އިހުމާލު ވެފައި ވާތީ ކަމަށެވެ.

comment ކޮމެންޓް