މާފަރު ބިރުވެރިކަމެއްގައި، އެއާޕޯޓުން ފެނުނު ޖަނަވާރު ހޯދަން އިތުރު ސިފައިން ގެންދަނީ!

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް --

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު މިނިކާވަގެއްކަމަށް ބެލެވޭ އެތި އަދިވެސް ނުފެންނާތީ އިތުރު ސިފައިން ގެންދަން ނިންމައިފިއެވެ.

އެ ރަށު އެއާޕޯޓުގެ އެއާ ސައިޑްގައި ބިޔަ ޖަނަވާރެއް ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު "ސަން"އަށް ވިދާާޅުވީ އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށެވެ. އަދި މާދަމާ އިތުރު ސިފައިން އެ ރަށަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުން ފެނުނު ޖަނަވާރު ނުފެންނާތީ އެ ރަށުގައި އޮތީ ބިރުވެރިކަމެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން މިއަދު "ސަން"އަށް ވިދާޅުވީ ކަންބޮޑުވުމަކީ އެ ޖަނަވާރު ރަށުތެރެއަށް އެރިކަމެއް ނާރާކަމެއް ނޭނގޭތީ ކަމަށެވެ.

"އެ ސަރަހައްދުން ނާދެވޭ ގޮތަށް ފެންސެއް ޖަހާފައި ހުންނަނީ. އެހެން ނަމަވެސް ގޮނޑުދޮށުން ވިޔަސް ރަށުތެރެއަށް އަރައިފާނެތީ ކަންބޮޑުވުމަކީ،" އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން އެ ޖަނަވާރު ހޯދުމުގެ މަސައްކަތްކުރަމުންދާއިރު މިހާތަނަށް އޭތި ފެނިފައެއް ނުވެއެވެ.

އެ ޖަނަވާރު ފެނިފައިވަނީ އެ ސަރަަހައްދުގައި މަސައްކަތްކުރަން އުޅޭ ބިދޭސީ މަސައްކަތްތެރިންތަކަކަށެވެ. އެ ވީޑިއޯއަކީ މިއަދު ހެނދުނު ކޮށްފައިވާ ވީޑިއޯއެކެވެ.

comment ކޮމެންޓް