މާފަރު އެއާޕޯޓުގެ ބޮޑު އަޕްގްރޭޑާއެކު ރައީސް ދެއްވީ، ރަށަށް ތަރައްގީގެ އިންގިލާބީ އުންމީދެއް!

ރައީސް ނ. މާފަރުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް މިހާރު ފަށާފައިވާ ބޮޑު މަޝްރޫއާއެކު ކުރިއަށް އޮތް ދައުރުގައި ރަށަށް އަންނާނީ ތަރައްގީގެ ބޮޑު ބަދަލެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މުޅި ނ. އަތޮޅުގެ ތަރައްގީއާ ގުޅިފައިވާ ތަނެއްކަމަށެވެ.

އެގޮތުން މި ދައުރުގެ ތެރޭ މާފަރު އެއާޕޯޓު ތަރައްގީކުރި ދުބާއީގެ ރަސްގެފާނާ ގުޅުންހުރި ކުންފުނިން ސަރުކާރާ ބައްދަލުކޮށް އެ ތަން އިތުރަށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ކަމަށް ސަރުކާރުން އެއްބަސްވެ، މިހާރު އެ ކަމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އެއާޕޯޓު ވެގެން ދާނީ ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއަށް [މަސައްކަތް] ނިމިގެން ދާއިރުގައި. އެ މީހުންގެ ތަސައްވުރެއް އެބައޮތް. އެ ހުރިހާ އެއްޗެއް އަަޅުގަނޑުމެންނާ ހިއްސާކޮށްފައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ނ. މާފަރުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑިން މަސައްކަތް ނިމުމުން ޔޫރަޕުން ސީދާ ދަތުރުތައް އޮންނާނެކަމަށެވެ. އަދި ޓޫރިޒަމްގެ ބޮޑު މަޝްރޫތައް ހިންގާނެކަމަށެވެ.

"އެއާ ގުޅިގެން ބައެއް ރަށްރަށް މިހާރު އަޅުގަނޑުމެން ވާނީ އެ މީހުންނަށް [މާފަރު އެއާޕޯޓު ތަރައްގީކުރާ ކުންފުންޏަށް] ދޫ ވެސް ކޮށްފައި. ލަސްތަކެއް ނުވެ އެ މަސައްކަތް މި ސަރަހައްދުގައި ފެށިގެންދާތަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ނިމޭނެކަމުގެ ފުރިހަަމަ ޔަގީންކަން އޮތްކަމަށެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މާފަރަށް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި މާފަރުގައި ހިންގާނެ މަޝްރޫތައް:

  • އިތުރު 25 ހެކްޓަރު ބިން ހިއްކުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ކައުންސިލްގެ އާ އޮފީސް އިމާރާތް އެޅުން
  • ފުޓުބޯޅަ ދަނޑުގައި ލައިޓުޖަހައި ސިޑިބަރިއާއި ރޮސްޓްރަމް އެޅުން
  • ސްކޫލުގައި ސައިންސް ލެބެއް ހެދުން
  • މަސްމާރުކޭޓަކާއި ކުޑަކުދިންގެ ޕާކެއް އެޅުން

ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތެއް ނިމުމުން މި ރަށުގައި އިތުރު މީހުން އާބާދުވާނެ ކަމަށެވެ.

ސަބަބަކީ ވަޒީފާގެ ތަނަވަސް ފުރުސަތުތަކާއި އެކި ޚިދުމަތްތައް ގާއިމްވާނެތީކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް