މާފަރުގެ އިހުތިސާސުން ވަކިކުރި ބައި ހޯދަދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރުގައި ވާހަކަ ދައްކަވަނީ --

(ނ. މާފަރުން، ޢާލިމް އަބްދުއްލަތީފް)

ނ. މާފަރުގެ އިހްތިސާސުން ދެ ފަޅުރަށާ އެކު، ފަޅުގެ ބޮޑުބައެއް މި ސަރުކާރުން އުނިކޮށްފައިވިޔަސް އޭނާގެ ވެރިކަމެއްގައި އެ ބައި މާފަރުގެ ބަޔަކަށް ހަދައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން މި ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ މި ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކަން އޭނާގެ ވެރިކަމެއްގެ ކުރީކޮޅުގައި ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ތަރައްގީގެ މިންގަނޑުން މި ރަށަކީ ވަރަށް ގިނަ ކަންކަން ކުރެވެން އޮތް ރަށެއް ކަމަށެވެ. އެ ކަމަށް ޓަކައި، މި ރަށުގެ މަގުތައް ހެދިފައި އޮތުމަކީ ޒަރޫރީކަމެއްގެ ގޮތުގައި ދެެކޭ ކަމަށާއި އެ ކަން ވެސް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ޕޮލިސީ ވަނީ ފެއިލްވެފައި ކަމަށާއި ކޮންމެ ރަށެއްގައި ވެސް ސިއްހީ ނިޒާމް ވަނީ ވީރާނާ ވާން ދޫކޮށްލައިފައި ކަމަށެވެ. އެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ރަށުގެ ސިއްހީ ނިޒާމް ވަރަށް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.

"ކުރިން އަޅުގަނޑު ދެންނެވިން ފަޅުތެރޭގައި ރިސޯޓް ހަދާ ވާހަކަ. އެ ކަން އަނެއްކާ ވެސް ތަކުރާރުކޮށްލައިދޭނަން. އިރާދަކުރެއްވިއްޔާ ފަޅުތެރޭގައި ރިސޯޓް ހަދައި ޓޫރިޒަމްގެ ފުރުސަތު އިތުރުކޮށްދޭނަން.،" މުއިއްޒު ވިދާޅުވިއެވެ.

އެ ކަމުގެ ސަބަބުން ޒުވާނުންނަށް ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ނ. މާފަރުން މަރުހަބާ ކިޔަނީ --

މީގެ އިތުރުން، މުއިއްޒު ވިދާޅުވީ، ފުޓުބޯޅައިގައި ކުރިއަށް ދިއުމަށް މި ރަށުގައި ކުދިންގެ ޝައުގުވެރިކަން އެބަހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ނަމަވެސް، ފުޓުބޯޅަ ދަނޑު ރަނގަޅަށް ހެދިފައި ނުވާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން އޮތީ ވެސް ފުޓުބޯޅަ ކުރިއެރުވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގައި ފުޓުބޯޅައިގެ ހާލަތު ރަނގަޅުވުމަށްފަހު އަނެއްކާ ވެސް ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރަކީ ފުޓުބޯޅަކަމަށާއި ހުނަރުވެރި ކުދިން ވެސް ތިބީ އެ ކުޅިވަރުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފެންވަރު ރަނގަޅު ފުޓުބޯޅަ ސްޓޭޑިއަމްތައް އަޅައި، ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު ކުޅެ، ފުޓުބޯޅަ ކުރިއަރުވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މާފަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ބައްތިޖެހި ރަށާއި ފަރުމުލި ކުރިން އޮންނަނީ މާފަރުގެ އިހްތިސާސްގެ ތެރޭގަ އެވެ. ނަމަވެސް ރައީސްގެ ގަރާރަކުން 2020ވަނަ އަހަރު ވަނީ އެ ދެ ރަށް ވެސް ހިމެނޭ ގޮތަށް މި ރަށުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް އިހްތިސާސުން ވަކިކޮށްފައެވެ.

ފަޅުތެރޭގައި އޮންނަ "ރާސްފިނޮޅު" އިން ވެލިނަގާ މައްސަލައަކީ ވެސް މާފަރުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެވެ.

comment ކޮމެންޓް