ޕީޕީއެމްގެ މުޒާހަރާ ތެރެއިން ފުލުހެއްގެ އަތުގައި ދަތް އެޅި މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި ކުރި މުޒާހަރާއެއްގެ ތެރެއިން: އިދިކޮޅު މުޒާހަރާއަކުން ހައްޔަރުުކުރަން އުޅުނު އަންހެނަކު ފުލުހެއްގެ އަތުގައި ދަތް އެޅި ކަމަށް ވަނީ ތުހުމަތުކޮށްފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އިދިކޮޅު ޕީޕީއެމުން ސިލްސިލާކޮށް މާލޭގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިއެއް ފުލުހެއްގެ އަތުގައި ދަތް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އާންމުކޮށް އިދިކޮޅުގެ މުޒާހަރާގައި ހަރަކާތްތެރިވާ 20 އަހަރުގެ އެ އަންހެން މީހާއަށް ތުހުމަތުކުރަނީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި އެ މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް އިތުރު ކޮށްދީފައެވެ.

މީގެ ކުރިން ވެސް އިދިކޮޅު މުޒާހަރާތަކުން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ އެ ޒުވާނާއަށް މި ފަހަރު ތުހުމަތު ކުރަނީ ފުލުުހެއްގެ އަތުގައި ދަތްއެޅި ކަމަށެވެ. އެއީ، އޭނާ ހައްޔަރުކުރުމަށް ފުލުހުން އުޅުމުން އެކަމަށް އިންކާރުކޮށް ގަދަ ހެދުމަށް ފަހު ކަމަށް ބުނެ ދެ ފުލުހުހަކު ވަނީ ބަޔާން ވެސް ދީފައެވެ.

ހައްޔަރުގެ ރިކޯޑްތައް ގިނަ އެ ޒުވާނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އިދިކޮޅު ލީޑަރު އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރި ފަހުން ޕީޕީއެމުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ފަރާތުން އާންމުންނަށް އުނދަގޫތަކެއް ކުރިމަތިވާ ކަމުގެ އަޑު ފެތުރިފައިވާއިރު ޕީޕީއެމް އޮފީސް ހުންނަ އާޓިފިޝަލް ބީޗް ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ހިފަހައްޓާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.

އެގޮތުން އިދިކޮޅު މުޒާހަރާއެއް ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި މިހާރު ވެސް ވަނީ ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.

comment ކޮމެންޓް