ނަޝީދު ނޫން އިތުރު މީހަކު ވެރިކަމަށް އަންނާކަށް އެމަނިކުފާނު ބޭނުމެއް ނުވާނެ: ގާސިމް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އިތުރު އެއްވެސް މީހަކު ގައުމުގެ ވެރިކަމަށް އަންނަން އެމަނިކުފާނު ބޭނުން ނުވާނެ ކަމަށް ޖުމްޖޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާއި ނަޝީދުގެ ފިކުރެއްގެ ދިރުމާ މީގެ ކުރިން ގިނަ މަޝްވަރާތަކެއް ކުރިއެވެ. އެ މަޝްވަރާތަކަށް ނަޝީދު ވެސް ގާސިމްގެ ސަން އައިލެންޑަށް ވަޑައިގަތެވެ. އޭރު ނަޝީދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ގާސިމްގެ ފަހަރު ކަމަށެވެ. ނަމަވެސް ފަހުން މިވަނީ މުޅިން ރާގު ބަދަލުވެފައެވެ.

ވީޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، ސިޔާސީ މައިދާނުގައި އިތުރު އެއްވެސް މީހަކަަށް ނޭނގޭ ވަރަށް އޭނާއަށް ނަޝީދު އެނގޭ ކަމަށެވެ.

އެގޮތުން މިފަހުން ވެސް މަޝްވަރާ ކުރުމަށް، ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ކަންކަމުން ސިފަވީ އެންމެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ބުނި، އަޅުގަނޑާ ހެދިއޭ އެންމެނަށް ވެސް ވެރިކަމަށް އާދެވެނީ. މިފަހަރު މިއީ އަޅުގަނޑުމެން ގާސިމަށް މަސައްކަތްކޮށްދެން ވި ފަހަރޭ. އެހެންކިޔާފަ، ހުށަހެޅި ކަންކަމުން ދޭހަވީ އަޅުގަނޑަކީ ނަޝީދު ވެރިކަމަށް ގެންނަން މަގު ކޮށައިދީ ހަދަން ހުރި މީހެއް ކަން. އެހެން ގޮތަކަށް ބުނާނަމަ ސްޓެޕްއިން ސްޓޯންއެކޭ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ މަގުސަދެއްގައި، ކޯލިޝަނެއް ހެދުމަށް ނަމަވެސް ނަޝީދާއެކު މަސައްކަތްކުރައްވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނަޝީދާ ދެމެދު އޮތް މައްސަލަތައް އިތުރުވެ، އެމްޑީޕީ ހަލާކުކުރާ މީހެއްގެ ލަގަބު ލިބެނީ އޭނާއަށް ކަމަށެވެ.

އެގޮތަށް އެ ލަގަބު ލިބެނީ އެމްޑީޕީ ހަދަން އެންމެ ފުރަތަމަ ސޮއިކުރި މީހަކަށް ވެސް ގާސިމް ވީމަ ކަމަށާއި އެއީ ނަޝީދު ކުރެއްވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަޝީދާއެކު ކުރަން ފެށި މަޝްވަރާތަކާއެކު، އެމްޑީޕީ ހަލާކުކުރާ މީހެއްގެ ލަގަބު ލިބިފައި ކަމަށާއި ނަމަވެސް އެ ލަގަބު ބޭނުންނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ވިސްނުމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، ގައުމެއްގެ ނަސީބަކީ އެ ގައުމުގައި އޮންނަ ވެރިކަމުގެ ނިޒާމު ނޫން ކަމަށާއި ގައުމުގެ ނަސީބު ބިނާ ވަނީ ވެރިކަމުގައި ހުންނަ މީހަކީ، ރަނގަޅަށް ޒިންމާ އަދާކުރެވޭ، އިޚުލާސްތެރި އަދި ތެދުވެރި މީހަކަށް ވުން ކަމަށެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުމާއެކު މަޝްވަރާތައް ކުރިއަށް ނުގޮސް ވަނީ، އެމީހުންގެ ޕްރޯޕޯސަލްއަށް ގާސިމް ޖަވާބު ނުދެއްވާތީ ކަމަށާއި ޖަވާބު ނުދެއްވީ، ނަޝީދު ވެރިކަމަށް ގެންނަން ހުންނަ މީހަކަށް އޭނާ ވާން ބޭނުން ނުވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީހަކު ޖަހާހާ ބެރަކަށް ނަށާނެ، އަދި ގުނބޯ ހެދިގެން ވެސް ހުންނާނެ މީހެއް ނޫން. އަޅުގަނޑުގެ ވިސްނުމެއްގަ ނެތް ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާކަށް،" އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ އަމަލުފުޅުތައް ހުންނަ ގޮތާއި ޓުވިޓާގައި ނަޝީދުގެ ފޭކް އެކައުންޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ "ހަސަން ކުރުސީ" އެކައުންޓާ ގުޅުވާ މޭރުމަކުން ގާސިމް ވިދާޅުވީ، ކުރުސީ ޓުވިޓާ އެކައުންޓުން ބުނާ ކަމެއް އަނެއް ދުވަހު ނަޝީދު ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ އެހެން މީހުންނާ ދިމާކުރާ އުސޫލުން ނަޝީދު ދައްކާ އެއްވެސް ވާހަކައަކަށް ކުރުސީގެ ޓުވިޓާ އެކައުންޓުން ދިމާކޮށް ވާހަކަ ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެކައުންޓު ގެންގުޅޭ ފަރާތަކީ ނަޝީދަށް ނުވެދާނެ ކަމަށާއި ނަމަވެސް ކުރުސީ ޓުވީޓާ އެކައުންޓަކީ ނަޝީދުގެ ނުފޫޒު އޮންނަ، ނުވަތަ އެމަނިކުފާނު ދެކެ ލޯބިވާ ބަޔަކު ގެންގުޅޭ ޓުވީޓާ އެކައުންޓެއް ކަމަށް ގާސިމް ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމާ ދެކޮޅަށް އަބަދުވެސް އަޑު އުފުލައި ރައްޔިތުންނާއި ގައުމުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރާނެ ކަން ފާހަގަކުރައްވައި، ގާސިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކިތަންމެ ހުރަސްތަކެއް ކުރިމަތި ކުރުވިޔަސް، ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް