ޒާތީ ދެބަސްވުމާއި ސިއްރު މަޝްވަރާތައް: ފުރުސަތު ބޮޑީ ކާކަށް؟

ސިޔާސީ އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާޓީތައް ކުޅިބައި އަތުރާއިރު، ރައްޔިތުންނަށް ފެންނަ މަންޒަރު އަދިވެސް ވަރަށް ނުސާފެވެ. މަޝްރަހު އޮތީ ފުސް ކަމެއްގައެވެ. ވާދަކުރައްވާ ބޭފުޅުން ވެސް އަދިއަކު މާ ތިލައެއް ނުވެއެވެ. އެއްބައި ބޭފުޅުންނަށް ޓިކެޓު އެރުވިއިރު، އަނެއްބައި ބޭފުޅުން ދައްކަވަނީ ހުސް ވާހަކައެކެވެ.

ތިލަ ނުވިޔަސް، ފަރުދާގެ ފުރަގަހުގައި މަޝްވަރާތަކާއި ބައްދަލުވުންތައް ކުރިއަށް ދެއެވެ. އެއަށް ބަލައި، ނުގޮތަކަށް ހިސާބެއް ޖަހައިލެވިދާނެއެވެ.

އެމްޑީޕީން އޮތީ އެ ޕާޓީގެ ޓިކެޓު، ވާދަވެރި ޕްރައިމަރީއަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އަރުވައިފައެވެ. އިދިކޮޅު ޕީޕީއެމުން، ޕްރައިމަރީއަކައި ނުލާ އެ ޕާޓީގެ ޓިކެޓު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިބައިން ދީފައެވެ. އެމްއެންޕީން ވެސް އިހަށް ދުވަހު އެ ޕާޓީގެ ޓިކެޓު އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް އަރުވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓު ވެސް، މި މަހު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވަން އަންނަނީ ތައްޔާރުވަމުންނެވެ. ދެން ތިއްބެވީ ވަކިން ވާދަކުރައްވާ ބޭފުޅުންނެވެ. އެ ވެސް ސާފެއް ނޫނެވެ.

އެމްޑީޕީން ހިސާބު ޖަހާއިރު، ދެ ރައީސުންގެ ޒާތީ އަރައިރުމެއް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ވާދަވެރި ޕްރައިމަރީއެއް ނިންމާލިއިރު، މުޅި ޕާޓީ ދެ ފަޅިވެއްޖެއެވެ. އެމްޑީޕީން ވަކިކުރި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ އެކު 13 މެންބަރުން ޕާޓީން ނުކުމެ، އާ ޕާޓީއެއް އުފައްދަން އަންނަނީ މަަސައްކަތް ކުރައްވަމުންނެވެ. އަޑީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވައިގެންނެވެ. އެ ޕާޓީން ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ވެސް ނެރޭނެއެވެ.

ޕާޓީ އުފައްދާކަން ހާމަކުރި ދުވަހު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށެވެ.

ޕާޓީން ވަކިނުވި ނަމަވެސް، ނަޝީދު ވަނީ ރައީސަށް ތާއީދު ނުކުރައްވާނެކަން ސާފުކޮށް ވިދާޅުވެފައެވެ. އެއަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާ، ކެމްޕޭން ފެށުމުގެ މަސައްކަތް އެމްޑީޕީން މަޑުމަޑުން ކުރާއިރު، ރައީސް ޞާލިޙް މިހާރު ވެސް ގެންދަވަނީ އެކިއެކި ނަންނަމުގައި ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ.

"ހަގީގަތުގައި ރައީސްގެ އިންޓްރެސްޓެއް ނެތް، އިންވޯލްވް ވާކަށް، މި ފައިޓުގައި މާ ބޮޑަށް. އެއިން އަންނާނީ ޑެމޭޖެއް،" ރައީސްގެ އަރިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް ކިޔައިދެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ ---

އެ ބޭފުޅާ ވިދާޅުވި ގޮތުގައި ދެ ރައީސުންގެ މެދުގައި އުފެދުނީ ޒާތީ ނަފުރަތެކެވެ. އެހެންވެ، ނަޝީދު ބޭނުންފުޅު ވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ރައީސް ބަލިކުރާށެވެ. އެ ކަމުގައި އިދިކޮޅު ޕީޕީއެމާ އެކު މަސައްކަތް ކުރައްވަން ވެސް އެ މަނިކުފާނު ހުންނެވީ ތައްޔާރަށެވެ. އިމުގެ މައްސަލައިގައި ހެދި އިއްތިހާދަކީ އެ ކަމުގެ ދަލީލެކެވެ.

ރައީސްގެ ކެމްޕޭންގެ ކަންކަން އެނގިލައްވާ ބޭފުޅުން ވިދާޅުވި ގޮތުގައި ރަށްރަށަށް މެންބަރުން ދަތުރު ކޮށްގެން، އެ ހިސާބުތައް ޖަހައިގެން މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ. އެހެންވެ، ނަޝީދު ވަކިން ވާދަކުރެއްވުމަކީ ގެއްލުމެއް ކަމަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. މަޖިލީހުގެ މެޖޯރިޓީއާ އެކު، ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ އަމާޒަކީ 140،000 ވޯޓެވެ.

"ދާއިރާތަކަށް ދަތުރުކޮށްގެން އެ ދާއިރާތަކުން ލިބޭނެ ވޯޓަށް ހިސާބު ޖަހައިގެން ވަރަށް ސްޓްރެޓީޖިކް މަސައްކަތެއް މި ކުރަނީ. އަޅުގަނޑުމެން މި ބަލަނީ ހަމަ މަދުވެގެން ލައްކައެއް ހަމަކުރަން،" ކުރިން ވާހަކަދެއްކި ބޭފުޅާ ވިދާޅުވިއެވެ.

އިދިކޮޅު ހިމޭނުން، އެކަމަކު ކެންޑިޑޭޓެއް ނެރޭނެ

މާ ކުރިން ރިޔާސީ ޓިކެޓު ވެދުމަށް އަރުވާފައިވަނިކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ވަނީ އިދިކޮޅު ލީޑަރު ޔާމީން ޖަލަށް ލައިފައެވެ. އެއަށް ފަހުގައި ޕީޕީއެމް އޮތީ އަދިވެސް ހިމޭނުންނެވެ. މާ ބޮޑު ސިޔާސީ ހަރަކާތެއް ނެތެވެ.

ޖަލަށް ލެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގޭ ބަންދުގައި ހުންނެވި ދުވަސްވަރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕާޓީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ (އަދުރޭ) މީގެ ކުރިން ވިދާޅުވި ގޮތުގައި ޝަރީއަތުގެ ކަންކަން ގާނޫނީ ޓީމަށް ދޫކޮށްލީއެވެ. ލީޑާޝިޕުގެ މިސްރާބު ބައްޓަން ކުރާނީ ޔާމީންގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރުކޮށް، ތާއީދު އިތުރުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް، ޝަރީއަތުގެ ކަންތައް ހިނގާށޭ ޑރ. ޖަމީލާއި އެ ޓީމަށް ދޫކޮށްލަން. ދޫކޮށްލައިފައި އަޅުގަނޑުމެން ހިނގާށޭ ރައީސް ޔާމީންގެ ކެމްޕެއިނައިގެން ބާރަށް ކުރިއަށް ދާން،" މި މަހު 17 ގައި ބޭއްވި ޖަލުސާއެއްގައި އަދުރޭ ވިދާޅުވިއެވެ.

އެ ބޭފުޅުން ގަބޫލުކުރައްވައި ގޮތުގައި އިންތިޚާބު ބޭއްވޭނީ ޔާމީނަށް ވާދަކުރެއްވޭނެ ގޮތަކަށެވެ. މާޒީގައި، 2018ވަނަ އަހަރު އެމްޑީޕީއަށް ޖެހުނު ހާލެވެ.

އެ ފަހަރުގެ އިންތިޚާބުގައި ވެސް 100 ދުވަހަށް ވީއިރު ވެސް އެމްޑީޕީން ހަރުއަޑުން ބުނީ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނޫން ބޭފުޅަކު ވާދަނުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އެކަމަކު، ފަހު ވަގުތު ޖެހުނީ އެހެން ކެންޑިޑޭޓެއް ނެރޭށެވެ. ޕީޕީއެމަށް ވެސް މި ފަހަރު އޮތީ އެ ދަތުރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އިންތިޚާބާ މެދު މިހާރު ވެސް އެ ޕާޓީން އިތުރު ނަޒަރުތަކުން ވިސްނަން ފަށައިފައެވެ. ޔާމީން ނެތް ހާލަތެއްގައި ވެސް އެ ޕާޓީގެ ކެންޑިޑޭޓަކު ހުންނާނެއެވެ. އެ ނޫން ގޮތެއް ހަގީގަތުގައި އެ މަނިކުފާނަށް ވެސް ނެތެވެ. އެހެންވެ، އިންތިޚާބު ބޮއިކަޓު ކުރުމަކީ 'ޗޮއިސް'އެއް ކަމަށް އެ ޕާޓީން ގަބޫލެއް ނުކުރެއެވެ.

"ހައިކޯޓުގެ ނިންމުމަށް ފަހު، ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ދައްކާނެ. އިންތިޚާބުގައި ވާދަކުރާނެ. ހަގީގަތުގައި އެ ނޫން ގޮތެއް ރައީސް ޔާމީނަށް ވެސް ނެތް،" ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ކިޔައިދިން ގޮތުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކީ ޕީޕީއެމަށް އޮތް ގޮތެއް ނޫނެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި 96،000 ވޯޓު ހޯދި ޕާޓީގެ ކެންޑިޑޭޓެއް މި އިންތިޚާބުގައި ހުންނަން ޖެހެއެވެ. އެންމެ ފުރުސަތު ފަހީ، އެ ބޭފުޅުންނަށް ކަމަށް ދެންނެވުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. އެހެންވެ، ވާދަކުރުމާ މެދު ބަހުސެއް އޮތް ކަމަށް އެ ބަހުސެއް ނެތް ކަމަށް، އެ ޕާޓީގެ އެތެރޭ ކަންކަން އެނގިލައްވައި ބޭފުޅުން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް ބޭއްވި ހަވާލޭ ވަތަން ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ އަބްދުﷲ އަބީދު

"އިންތިޚާބު ބޮއިކަޓު ކޮށްފިއްޔާ، ރައީސް ޔާމީން ވެސް ހަމަ އިތުރަށް ޖަލުގައި ދޯ އޮންނަން ޖެހޭނީ. އަޅުގަނޑުމެން ވެސް ހަމަ މަގުމަތީ ތިބެން ޖެހޭނީ. އެ ކަންކަމާ ޕާޓީން ވިސްނާ ހަމަ،" ޕީޕީއެމްގެ ބޭފުޅަކު ވިދާޅުވިއެވެ.

ހުރިހާ ޑިމާންޑެއް ކޯލިޝަނަށް

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މި އަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ބުނާ ގޮތުން 282،755 މީހުންނަށް މި އިންތިޚާބުގައި ވޯޓު ލެވޭނެއެވެ. އެހެންވެ، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަމަ، 144،205 މީހުންގެ ހެޔޮ ފާހަގަ ބޭނުން ވާނެއެވެ.

އެއީ، މިހާތަނަށް އެއް ކެންޑިޑޭޓަކު ގިނިކަންޏާ ނުކުމެ ހޯދުނު އަދަދެއް ނޫނެވެ. އެހެންވެ، އިންތިޚާބު ދެވަނަ ބުރަކަށް ދިއުން ނޫން މަންޒަރެއް މި އިންތިޚާބުގައި ވެސް ނުފެނެއެވެ.

އިންތިޚާބެއްގެ ވޯޓު ގުނުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެވަނަ ބުރަކަށް އިންތިޚާބު ދިއުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ގެއްލުމެކެވެ. އެއީ، ވެރިކަމުގެ އާރާއި ބާރާއި ނުފޫޒުގެ ތެރެއިން ދެވަނަ ބުރެއްގައި ގިނަ ފަހަރަށް އުފެދެނީ ސަރުކާރާ ދެކޮޅު އިއްތިހާދެކެވެ. ފެންނަ މަންޒަރުން މިހާރު ވެސް އެގޮތް ގާތެވެ. އެއީ، ސަރުކާރާ ދެކޮޅަށް ދޭތިން އެކައްޗަށް ނަޝީދު ނުކުންނެވުމާ އެކު އިދިކޮޅުން މިހާރު ވެސް އަންނަނީ ސަރުކާރާ ދެކޮޅު ފިކުރުތައް އެއްކޮށްގެން މަސައްކަތް ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގެ އިންތިޚާބުތަކުގައި ވެސް ކަންވީ އެހެންނެވެ. ފުރަތަމަ، 2008ވަނަ އަހަރުގެ ފުރަތަމަ ބުރުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރި ހޯއްދެވި ނަމަވެސް ދެވަނަ ބުރުގައި ހުރިހާ ޕާޓީތަކެއް ސަރުކާރާ ދެކޮޅަށް އިއްތިހާދު ވީއެވެ. އެ ފަހުން، 2013ވަނަ އަހަރު ވެސް އަދި، 2018ގައި ވެސް ޕާޓީތަކުން އެކުލަވައިލަނީ ސަރުކާރާ ދެކޮޅު އިއްތިހާދެކެވެ. އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައީ އެގޮތަށެވެ.

ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅަކު ކިޔައިދިން ގޮތުގައި މި ފަހަރު ވެސް ޕާޓީތައް އިއްތިހާދު ވާނެ ކަމުގެ ހެއްކަކީ އިމުގެ މައްސަލައިގައި އެކުލަވައިލި އިއްތިހާދެވެ. އެ ކަމުގައި ގާސިމްގެ ޖޭޕީ ނޫން ހުރިހާ އިދިކޮޅު ޕާޓީއެއް ބައިވެރިވެއެވެ.

ސިޔާސީ ޕާޓީއެއްގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގާސިމް ފުރަތަމަ ބުރުގައި ވާދަކުރުމުގެ މާނައަކީ، އެ ބޭފުޅާ އަރުއްވައިފާނޭ ކޮންމެ ފަޅިއަކަށް ވެސް. އެކަމަކު، ގިނަ ޕާޓީތައް އިދިކޮޅާ އެކު އެ އޮތީ، އެހެން ވެއްޖެ ނަމަ ގާތީ ގާސިމް ވެސް އެ ކޮޅަކަށް އެރުން. އަދި ވަކި ކޮޅެއް ނުނިންމާ ކަމުގެ ހެއްކެއް ވާދަކުރުމަކީ،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

އެހެންވެ، މާޒީއަށް ބަލާއިރު ސަރުކާރުގެ އަމާޒު ރަނގަޅެވެ. 140،000 އެއްހާ ވޯޓު ހަމަކުރުން މުހިއްމެވެ. ސަބަބަކީ، އެއްބުރުން ކާމިޔާބު ނުވެއްޖެ ނަމަ، މާޒީގައި އަބަދު ވެސް ދެން އުފެދޭނީ ސަރުކާރާ ދެކޮޅު އިއްތިހާދެކެވެ. މި ފަހަރު ވެސް އެއްބުރުން ކާމިޔާބު ނުވެއްޖެ ނަމަ، އިދިކޮޅު އިއްތިހާދެއްގެ ފުރުސަތު ނުހަނު ބޮޑެވެ. އެކަމަކު، ބަދަލުވާ މަންޒަރުން ޕާޓީތައް ރުކުރެވޭނެ ގޮތެއް އަދި ސާފެއް ނޫނެވެ. ބުނެލަން އެނގޭނީ މާޒީ ކުރަހައިދޭ މަންޒަރެވެ.

comment ކޮމެންޓް