އިންތިޚާބުގެ ކުރިން އިމްރާންގެ ޕާޓީ ބަލިކަށިކުރަން ޕާކިސްތާން ސަރުކާރުގެ އައު އުކުޅުތަކެއް

އިމްރާން ޚާން

އިސްލާމް އާބާދު (27 މެއި 2023): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ކަމަށްވާ "ޕާކިސްތާން ތަހްރީކޭ އިންސާފު" (ޕީޓީއައި)ގެ އިސް މެންބަރުން އެ ޕާޓީން ވަކިވަމުންދާ ކަމަށާއި އެކަމުގެ ފަހަތުގައި އޮތީ ޕާކިސްތާން ސަރުކާރުން އެބޭފުޅުންނަށް ދައްކާ ބިރާއި ކުރިމަތިކުރާ ފިއްތުންތައްކަމަށް އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާގެ ޕާޓީގެ އިސް މެންބަރުންނަށް ސަރުކާރުން އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް ފިޔަވަޅުތައް އަޅާނެކަމުގެ ބިރު ދައްކަމުން އެބަ ގެންދެއެވެ. މިކަމުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެޕާޓީން ވަކިވުންކަން ވެސް އެބޭފުޅުންނަށް ސަރުކާރުން އަންގަމުންގެންދެއެވެ.

"ސަރުކާރުގެ ބޭނުމަކީ މިއަހަރު ޕާކިސްތާނުގައި ބާއްވާ އާންމު އިންތިޚާބުގެކުރިން ޕީޓީއައި ނިކަމެތިކޮށްލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު އެޕާޓީއަށް ގެއްލުވާލެވޭނެ ގޮތެއް ވޭތޯބެލުން،" އިމްރާން ޚާން ވިދާޅުވިއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާނުގެ ސިފައިންގެ ގްރޫޕަކުން ވަރަށް އަނިޔާވެރި ގޮތަކަށް އިމްރާންޚާން ހައްޔަރުކުރުމުން އޭނާގެ ސަޕޯޓަރުންގެ އެތައް ހާސްބަޔަކާއި އެޕާޓީގެ މެންބަރުންވަނީ ސިފައިންނާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއްކޮށް ސިފައިންގެ ބައެއް މަރުކަޒުތަކަށް އަރައިގަނެ ހަމަލާދީ ސިފައިންގެ ބައެއް އިސް ފަރާތްތަކުގެ ގެދޮރަށާއި މުދަލަށްވެސް ގެއްލުންތަކެއް ދީފައެވެ.

މިއީ ޕާކިސްތާނުގެ ސިފައިން އެގައުމުގެ ސިޔާސީ މަސްރަހަށް ޒަމާނުއްސުރެ ގާނޫނާ ޚިލާފަށް ފޯރުވަމުންދާ ބާރާއި ނުފޫޒާ ދެކޮޅަށް ރައްޔިތުން އުތުރިއެރުންކަމަށް ބެލެވޭ ހިސާބަށް ޕާކިސްތާނުގެ އެތެރޭގެ މަސްރަހު ގޯސްވެގެން ދިޔައެވެ.

މި އުތުރިއެރުންގަނޑު މައިތިރިވީ އިމްރާންޚާން ވަގުތުން ދޫކޮށްލުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކުރުމާއެކު ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމުންނެވެ. އިމްރާންޚާން މިނިވަންކުރުމާއެކު މުޒާހަރާތަކާއި އިޙްތިޖާޖްތައް ހުއްޓުމަކަށް އައިނަމަވެސް ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހަމައަކަށް ނޭޅެއެވެ. އުދާސްތައް މައިތިރިއެއް ނުވެއެވެ.

ދަނޑިވަޅު ބަލާފައި ސަރުކާރުން ގެންދަނީ މުޒާހަރާތަކުގައި ބައިވެރިވެ ހަމަނުޖެހުންތައް ހިންގި އާންމުން ހޯދައި އެމީހުން ހައްޔަރު ކުރަމުންނެވެ. އެއަށްފަހު ފެންނަންފެށީ އިމްރާންޚާނުގެ ޕާޓީގެ އިސްސަފުގައި ތިބި އޭނާއަށް ވަފާތެރި ސިޔާސީ ފަރާތްތައް އެޕާޓީ ދޫކޮށް ދާންފެށިތަނެވެ. އެޕާޓީން އިސްތިއުފާދޭ މަންޒަރެވެ.

ޕީޓީއައިއިން ވަކިވެފައިވާ އިސް މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ތަރުޖަމާނު ފަވާޒް ޗައުދަރީ އާއި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަސަދު އުމަރު އަދި ޕާޓީގެ ނައިބު ރައީސް ޝީރީން މަޒާރީ ހިމެނެއެވެ. މިބޭފުޅުންނަކީ ފިއްތުންތަކެއް ކުރިމަތިނުވެ ޕީޓީއައިއިން ވަކިވާނެކަމަށް ބެލެވޭ ބޭފުޅުންނެއް ނޫނެވެ.

ފަވާޒް ޗައުދަރީ އަކީ އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގައި އޭނާގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރުގެ ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަސަދު އުމަރަކީ އިމްރާން ޚާންގެ ސަރުކާރުގެ މާލީ ވަޒީރެވެ. ގައުމުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި މިބޭފުޅުން ހައްޔަރުކުރި ނަމަވެސް މި ތިން ބޭފުޅުންވެސް އިމްރާން ޚާންގެ ޕާޓީ ޕީޓީއައިއިން ވަކިވުމާއެކު ސަރުކާރުންވަނީ އެބޭފުޅުން މިނިވަންކޮށްފައެވެ.

ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ކޯލިޝަން ސަރުކާރަކީ ސިފައިންގެ އެހީތެރިކަމާއެކު ޕާލަމެންޓްގައި އިމްރާންޚާންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެން ވެރިކަމަށް އައިސްފައިވާ ކޯލިޝަނެކެވެ.

މިކޯލިޝަނަށް ޕާކިސްތާނު ރައްޔިތުންގެ ތާއީދުނެތްކަން ރައްޔިތުންގެ ހަރަކާތްތަކުންނާއި އެންމެ ފަހުން ޕާކިސްތާނުގައި ބޭއްވި އިންތިޚާބުތަކުންވަނީ ހާމަވެފައެވެ. މިއާ ޚިލާފަށް، އިމްރާން ޚާންއަށް ޕާކިސްތާނުގެ ރައްޔިތުންގެ ތާއީދު އޮތްމިންވަރު ވަނީ ދާދިފަހުން ބޭއްވި ލޯކަލް އިންތިޚާބުތަކުންވެސް ހާމަވެފައެވެ.

ޕާކިސްތާނުގެ ކޯޓުތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ޕާކިސްތާނުގެ ސަރުކާރަށް ނޯންނާތީ އިމްރާން ޚާން ހައްޔަރުކުރުމަކީ އަދި ކުރިޔަށް އޮތް އިންތިޚާބުގައި އޭނާއަށް ކުރިމަތިނުލެވޭގޮތް ހެދުމަކީވެސް ސަރުކާރަށް އެހާ ފަސޭހަ ކަމެއްނޫނެވެ.

އަނެއްކޮޅުން އިމްރާންޚާން ގެ ވެރިކަން ވައްޓާލި ކޯލިޝަނަކީ ކޮރަޕްޝަނުން ފުރިފައިވާ އެގައުމުގެ ބޮޑު ދެޕާޓީގެ ކޯލިޝަނެއްކަން ރައްޔިތުން ދަނެއެވެ. މިކޯލިޝަންގެ ވެރިކަމުގައި ޕާކިސްތާނުގެ އިގްތިސާދީ ހާލަތު އާދަޔާ ޚިލާފަށް ގޯސްވުމާއެކު ރައްޔިތުން އިގްތިސާދީ ބޮޑު ތަދުމަޑުކަމެއް ތަހައްމަލު ކުރަމުން ގެންދާތީ ރައްޔިތުންގެ ނުރުހުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވަމުންނެވެ.

ގައުމު މިހާލަތުގައި އޮތްއިރު ކުރިޔަށް އޮތީ އާންމު އިންތިޚާބުކަމުން ސިޔާސީ ޗަރުކޭސްތައް ކުޅުމުގެ މާބޮޑު ފުރުސަތެއް ޕާކިސްތާން ސަރުކާރު ނިސްބަތްވާ ސިޔާސީ ބޮޑު ދެޕާޓީއަކަށް ނެތެވެ.

އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ އިމްރާންޚާންގެ ޕާޓީއަށް ކަމުގެ ހިތި އިހްސާސް ސަރުކާރަށްވަނީ ކުރަންޖެހިފައެވެ. ރައްޔިތުންގެ ތާއީދު ހޯދޭވަރަށް ކުރިޔަށްއޮތް ކުރުމުއްދަތުގައި އިގްތިސާދީ ހާލަތު ރަނގަޅުކުރުމަކީވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީވެސް ސަރުކާރުގެ ކަންބޮޑުވުމެކެވެ.

އިމްރާންޚާން ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ސަރުކާރަށް ކުޅެވޭނެ މާބޮޑު ޗަރުކޭހެއް ނެތުމުން މިހާރު ކުރަން ފަށާފައިވާ ކަމަކީ އޭނާގެ ޕާޓީގެ އިސް މެންބަރުންނާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކޮށްގެން އެމީހުން ޕާޓީން ވަކިކުރުމުގެ އުކުޅު ބޭނުންކުރުމެވެ. ނަމަވެސް ރައްޔިތުން ތިބީ ސަރުކާރުގެ މި އުކުޅަށް ފިސާރި ފާރަވެރިވެގެންކަމާއި މިކަން ވޯޓުން ފެނިގެންދާނެކަމަށް އިމްރާންޚާން ވިދާޅުވިއެވެ.

އިމްރާންޚާން ވިދާޅުވިގޮތުގައި އޭނާގެ ޕީޓީއައިގެ މެންބަރެއް ކަން އެނގޭ ކޮންމެ ރައްޔިތަކާ ދެކޮޅަށް ސަރުކާރުން ގެންދަނީ ބިރުދައްކަމުންނެވެ. ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކުރުމުގެ ފިނޑި އަމަލުތަކެއް ހިންގަމުންނެވެ. ނަމަވެސް އެޕާޓީން ވަކިވުމަށް އެއްބަސްވާ ހިސާބުން ތުހުމަތުތައް ދޫކޮށްލައި އެމީހަކު މިނިވަންކުރާކަމަށް އިމްރާންޚާން ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މިކަމަށް އިންކާރު ކުރެއެވެ. ސަރުކާރު ބުނާގޮތުން ހައްޔަރުކުރަނީ ހަމަނުޖެހުންތައް ހިންގި މީހުންނެވެ. އަދި އެމީހުން ހައްޔަރުކުރަނީ ސިޔާސީ ބޭނުމެއްގައެއް ނޫނެވެ.

comment ކޮމެންޓް