ކޮލަންބޯ (1 ޑިސެންބަރު 2025) : ދިތުވާ ތޫފާން އެރުމުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ އެތައް ލައްކަ ބަޔަކު ހާލުގައި ޖެހިފައިވުމުން މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީދިނުމުގެ މަސައްކަތުގައި ސްރީލަންކާ ސަރުކާރަށް އެހީތެރިވުމަށް އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން އިންސާނީއެހީގެ ޝިޕްމަންޓުތަކުގެ އިތުރުން ރެސްކިއު ޓީމުތައް ވެސް ފޮނުވައިފިއެވެ.
ފެންބޮޑުވުމުގެ ސަބަބުން މީހުން ތާށިވެފައިވާ ތަންތަން ބަލައި އެތަންތަނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއާއިންވަނީ ކަމާބެހޭ ތަމްރީނު ލިބިފައިވާ 80 މީހުންގެ ޓީމެއް ފޮނުވާފައެވެ. މިއީ އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއަށް ނިސްބަތްވާ ޓީމެކެވެ.

އިންޑިއާގެ ހެިކޮޕްޓަރެއް ސްރީލަންކާގެ ރެސްކިއު މަސައްކަތުގައި
ކަމާބެހޭ ވަސީލަތްތަކާއެކު މި ޓީމު ސްރީލަންކާއަށް ދިޔައީ އިންޑިއާ ސިފައިންގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެއްގައެވެ. މި ބޯޓުން މިޓީމާއެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާ އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އާލާތްތައްވެސް ގެންގޮސްފައިވެއެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން އިންޑިއާގެ ޓީމުން ވަނީ ޕުއްތަލާމްއާއި ބަދުއްލާގެ ގެތަކާއި އުސްތަންތަނުގައި ތާށިވެ ފެނުން ހިސާރުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައެވެ. ޕުއްތަލާމްއާއި ބަދުއްލާ އަކީ އެންމެ ބޮޑަށް ފެންބޮޑުވެފައިވާ އަވަށްތަކުގެ ތެރޭގައި ހިމެނޭ ދެ އަވަށެވެ.

ޕާކިސްތާން ސިފައިންގެ ރެސްކިއު ހެލިކޮޕްޓަރެއް ސްރީލަންކާގައި ހަރަކާތްތެރިވަނީ
ޕާކިސްތާން ސިފައިންގެ މަނަވަރެއް ވަނީ ސްރީލަންކާގައި ބަނދަރުކޮށްފައެވެ. މި މަނަވަރުން ޕާކިސްތާނުގެ އާބަން ސާޗް އެންޑް ރެސްކިއު ޓީމެއް ސްރީލަންކާއަށްވަނީ ގޮސްފައެވެ. 45 މީހުންގެ މައްޗަށް އެކުލެވޭ މި ޓީމުގެ މަސައްކަތް ވެސް އިއްޔެވަނީ ފަށާފައެވެ.
ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ ބުނާގޮތުން އެ އިދާރާއިން ވަނީ ސްރީލަންކާއަށް 100 ޓަނުގެ އިންސާނީ އެހީގެ ތަކެތިވެސް ފޮނުވާފައެވެ. އަދިވެސް އެހީގެ އިތުރު ޝިޕްމަންޓްތައް ފޮނުވާނެކަމަށް އެ އޮތޯރިޓީ ބުނެފައިވެއެވެ.
ޕާކިސްތާނުން ފޮނުވި އެހީގެ ޝިޕްމަންޓްގައި ބޭހުގެ އިތުރުން ކާބޯތަކެއްޗާއި، ކުއްލި ހާލަތުގައި ބޭނުންކުރާ ފަސްޓް އެއިޑް ކިޓާއި، ސިއްހީ ބައެއް މެޝިން ވެސް ހިމެނެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެސް އިއްޔެވަނީ ކަމާބެހޭ ޒަމާނީ އާލާތްތަކާއެކު ސްރީލަންކާގައި މަސައްކަތް ފަށާފައެވެ. މިއީ އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ މަނަވަރަކަށް ނިސްބަތްވާ އަސްކަރީ ރެސްކިއު ހެލިކޮޕްޓަރެކެވެ.
އިންޑިއާއިންވަނީ ތޫފާން ދިތުވާ ސްރީލަންކާއަށް އެރިތާ 12 ގަޑީއިރުވެސް ނުވަނީސް ކާބޯތަކެތީގެ ޝިޕްމަންޓެއް ވައިގެ މަގުން އިންޑިއާއަށް ފޮނުވާފައެވެ. އިއްޔެ ވެސް އިންޑިއާއިން ސްރީލަންކާއަށް އެހީގެ ޝިޕްމަންޓްތައް ފޮނުވިއެވެ.
ތޫފާނުގެ ދިތުވާގެ ސަބަބުން ސްރީލަންކާގައި މަރުވި މީހުންގެ އަދަދު ވަނީ 334 އަށް މައްޗަށް ގޮސްފައެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް އުޅެނީ 370 އަށް ވުރެ މަތީގައެވެ. ތޫފާން ދިތުވާ ސްރީލަންކާއާ ދުރަށް ދިޔަނަމަވެސް ކޯރުތައް ފުރިބަންޑުންވަމުންދާތީ ފެންބޮޑުވުމުގެ މައްސަލަ ދަނީ އިތުރަށް ގޯސްވަމުންނެވެ. ފެންގަނޑު ހިނދުމަށް ދެ ހަފްތާއަށް ވުރެ ވެސް ދިގުމުއްދަތެއް ނަގާނެކަމަށް ވަނީ ބެލެވިފައެވެ.