އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުގެ މަގާމު ލިބުނީ ހުއްޓިފައި އޮތް އެއާޕޯޓަކަށް

އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން އެކުލަވާލި ކަސްޓަމާ ސެޓިސްފެކްޝަން އިންޑެކްސް (ސީއެސްއައި)ގެ އެންމެ ކުރި މެދްޔަ ޕްރަދޭޝްގެ ޚަޖުރާހޯ އެއާޕޯޓަށް ލިބިއްޖެއެވެ.

މި މަގާމު އެ އެއާޕޯޓަށް ލިބިފައިވާއިރު، ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި އެއްވެސް ކޮމާޝަލް ފްލައިޓެއް އެތަނުން އޮޕަރޭޓެއް ނުކުރެއެވެ. މީގެ ކުރިން ދިއްލީއާއި ވާރަނާސީއަށް ދެ ފްލައިޓެއް އޮޕަރޭޓުކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚަޖުރާހޯ އެއާޕޯޓުގެ ޑިރެކްޓަރު ސަންތޯޝް ސިންގް ބުނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއްވެސް ފްލައިޓެއް އޮޕަރޭޓުނުކުރާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ދިއްލީއާއި ވާރަނާސީގެ ދަތުރުތައް އަލުން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އޭއޭއައިގެ ސީއެސްއައި ރޭޓިން ދެނީ މިނިވަން އެޖެންސީތަކުން ކުރިއަށްގެންދާ ސާވޭތަކެއްގެ މައްޗަށް ބިނާކޮށެވެ. މި ސާވޭގައި ފަސިންޖަރުން 33 ކަމަކަށް މާކްސް ދޭއިރު، އޭގެ ތެރޭގައި އެއްގަމު ދަތުރުފަތުރާއި، ޕާކިން އާއި، ވައިފައިގެ އިތުރުން ކާބޯތަކެތި ލިބެން ހުންނަ ތަންތަނާއި ސާފުތާހިރުކަން ހިމެނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލައިޓުތައް މަދު ނަމަވެސް، ސާފުތާހިރުކަމާއި މުވައްޒަފުންގެ އަމަލުތައް ހުންނަ ގޮތުން ފަސިންޖަރުންގެ ހިތްހަމަޖެހުން ހޯދިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް