ނަޝީދުގެ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން އީސީއިން ހުއްދަދީފި

މުހައްމަދު ނަޝީދު (އަންނި) -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފިއެވެ.

އީސީއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ، އެ ޕާޓީ އުފައްދަން ކޮމިޝަންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާއެކު، ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮއި ހޯދަން ފުރުސަތު ދޭ ކަމަށެވެ. އެ ފޯމްތައް ހުށަހަޅާއިރު މިހާރު ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ސައްހަ ފޯމް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހަކަށް އައިސް ސިޔާސީ ޕާޓީ އުފެެއްދުމުގައި ވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުން އިތުރު ކުރުމަށްޓަކާ ވެސް އިލެކްޝަންސް ކޮމިޝަނަށް ފޯމްތައް އަންނަ އިރު ވަރަށް ގިނައިން ސައްހަ ނޫން ފޯމްތައް ހުރޭ،" ހަބީބް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ވަރަށް އަވަހަށް ބާއްވާ، ކުލައަކާއި ލޯގޯއެއް ފާސްކުރާނެ ކަމަށެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި، ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ. އަދި، ކުރިން އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ހިންގި ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ނިންމައިފައެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ފަހު އެ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީ އުފައްދަން ފޯމު ހުށަހެޅުއްވި ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން ވަކިވެފައެއް ނުވެއެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.

comment ކޮމެންޓް