ގައުމުގައި މުސްލިމުން ގިނަވުމުން ކަންބޮޑުވޭ: ނެދަލޭންޑްސްގެ ޕާލިމެންޓް މެންބަރު ވިލްޑާޒް

ވިލްޑާސް

އެމްސްޓާޑަމް (24 މެއި 2023): ނެދަލޭންޑްސްގައި މުސްލިމުން ގިނަވާތީ އެގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ނަސާރާ ލީޑަރު ގީޔަޓް ވިލްޑާޒް އާދަޔާ ޚިލާފަށް ކަންބޮޑުވެއްޖެއެވެ.

ނެދަލޭންޑްސްގެ ޕާލަމެންޓް މެންބަރެއްގެ ގޮތުގައި މަސައްކަތްކުރާ ވިލްޑާޒް ކުރި ޓުވީޓެއްގައި ވަނީ ދުވަހެއް ދުވަހަކަށް ނެދަލޭންޑްސްގައި މުސްލިމުންގެ އަދަދު ގިނަވަމުންދާކަމަށާއި އެއީ ބޮޑު ހިތާމައެއްކަމުގައެވެ. ހުކުރު ނަމާދާއި އީދު ނަމާދުފަދަ ބޮޑު ޖަމާއަތް ހަދައިގެން ކުރާ ނަމާދުތަކުގައި ބައިވެރިވާ މުސްލިމުން ނަސާރާ ދީނުގެ ނެދަލޭންޑްސްގެ މަގުތައް ފުރާލުމަކީ ބަލައިގަނެވޭނެ އަދި ބަލަން ވަރަށް ހިތްދަތި ވޭނީ މަންޒަރެއް ކަމަށެވެ.

މުސްލިމުން ބޮޑު ޖަމާއަތުގައި ނެދާލޭންޑްސްގެ މަގުތަކުގައި ނަމާދުކުރާ މަންޒަރެއްގެ ވީޑިއޯ ކްލިޕް އަކާއެކު ވިލްޑާޒް ކުރި އެހެން ޓުވީޓެއްގައި އޭނާ ވަނީ މުސްލިމުން އެމީހުންގެ ގޮތްފޮތް ނެދަލޭންޑްސްގައި ފަތުރަމުންދާކަމަށާއި މިއަދުގެ ނެދަލޭންޑްސް އަކީ މީގެ އަހަރުތަކެއް ކުރީގެ ނެދަލޭންޑްސް ނޫންކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއަދުގެ ނެދަލޭންޑްސްއަކީ، މުސްލިމުން އެގައުމުގެ މަގުތަކުގައި ނަމާދުކުރުމުގެ ސަބަބުން އެގައުމުގެ އިއްޒަތާއި ކަރާމާތް ގެއްލިފައިވާ އަދި މުސްލިމުން ވެރިވެގަންނަމުންދާ ގައުމެއް ކަމަށް ވިލްޑާޒް ވަނީ ބުނެފައެވެ.

ނެދާލޭންސްގެ މިސްކިތެއް

ހައްދު ފަހަނަޅާފައިވާ ފިކުރުތައް ފާޅުކުރާ ސިޔާސީ ފަރާތެއް ކަމަށްވާ ގީޔަޓް ވިލްޑާޒް އަކީ މުސްލިމުންގެ އިތުރުން ދޮން ނޫން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ފިކުރުވެސް ގެންގުޅޭ ވަރަށް ހަރުކަށި މީހެކެވެ. ނަވާރަ ސަތާކެ ނުވަދިހައަށް ވަނައަހަރު ނެދާލޭންޑްސްގެ ސިޔާސީ މައިދާނަށް އޭނާ ވަދެފައިވަނީ އެގައުމުގެ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބު ކޮށްގެންނެވެ. އެއަށްފަހު 2006 ވަނަ އަހަރު އޭނާވަނީ ފްރީޑަމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.

ގީޔަޓް ވިލްޑާޒް އަކީ އަރަބިންނާއި މުސްލިމުންނާމެދު ނުރުހުމާއި ނަފްރަތު ގެންގުޅުމުގައި ހައްދު ފަހަނަޅައި ދިޔުމުގެ އިތުރުން ނެދަލޭންޑްސްގައި ދިރިއުޅޭ މުސްލިމުންނަށް ހަމަލާދީގެން ނަމަވެސް އެމީހުން އެގައުމުން ބޭރުކުރުމަށް ގޮވާލާ ޓެރަރިސްޓް ޚިޔާލުތައް ފާޅުކުރާ މީހެކެވެ.

ވިލްޑާޒް މުސްލިމުންނާ ދެކޮޅަށް ފަތުރާ ހޭޓް ސްޕީޗްގެ ސަބަބުން މިދިޔަ އެޕްރީލްމަހު ޓުވިޓާއިން އޭނާގެ އެކައުންޓް ސަސްޕެންޑްވެސް ކޮށްފައިވެއެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޭނާގެ ޓުވިޓާ އެކައުންޓް ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައެވެ. ދާދިފަހުން ވިލްޑާޒް ވަނީ ސީދާ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމަށް ގޮވާލައި އެކަމަށް ހިއްވަރުދޭތީ ވިލްޑާޒްގެ ދިރިއުޅުމަށްވެސްވަނީ ނުރައްކާވެފައެވެ. މުސްލިމުންގެ ބަޔަކު އޭނާ މަރާލަފާނެކަމުގެ ބިރަށް 2004 ވަނަ އަހަރުން ފެށިގެން ވިލްޑާޒް އުޅެނީ އޭނާގެ އަމިއްލަ ގައުމުގައިވެސް ފިލައިގެންނެވެ.

ބޭރަށް ނުކުންނަންޏާ ނުކުންނަނީ ފުލުހުންގެ ހިމާޔަތުގައެވެ. މިކަމުގެ ސަބަބުން އޭނާގެ ގިނަ ހަރަކާތްތަކަށް ހުރަސްއެޅި މިނިވަންކަންވަނީ ގެއްލިފައެވެ. ވިލްޑާޒް ފުލުހުންގެ ހިމާޔަތުގައި އުޅެންފެށީ ގޮތްނޭނގޭ ފަރާތްތަކަކުން އޭނާއަށް ދެމުން ގެންދާ މަރުގެ އިންޒާރުތަކާ ގުޅިގެންކަމަށް ނެދަލޭންޑްސްގެ ފުލުހުން ބުނެފައިވެއެވެ.

ދެހާސްއެކާވީސް ވަނަ އަހަރު އޭނާ ނެދަލޭންޑްސްގެ އާންމު އިންތިޚާބަށް ކުރިމަތިލުމަށް ކޭންޕޭންކުރިއިރު އޭނާވަނީ އޭނާއަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ މުސްލިމުން ނެދަލޭންޑްސްއިން ބޭރުކުރުމަށް ޚާއްސަކޮށްގެން ވަކި ވުޒާރާއެއް އުފެއްދުމަށް ކަމަށް ބުނެ އޭނާގެ ހަރުކަށި ފިކުރު ޕްރޮމޯޓްކޮށްފައެވެ.

އެ އަހަރުގެ އިންތިޚާބުގައި އޭނާއަށް ޕާލަމެންޓްގެ ގޮނޑިއެއް ލިބުނުނަމަވެސް އޭނާގެ ޕާޓީއަށް މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ވިލްޑާޒްގެ މެނިފެސްޓޯގައި އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި މުސްލިމް އަންހެނުން ނެދާލޭންޑްސްގެ ހުރިހާ ތަނެއްގައި ބުރުގާ އެޅުން މަނާކުރުމާއި ނެދާލޭންޑްސްގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މުސްލިމުން އެގައުމުން ބޭރުކުރުމާއި މުސްލިމް ގައުމުތަކުންނާއި އެފްރިކާގެ ގައުމުތަކުން ނެދާލޭންޑްސްއަށް ހިޖުރަކޮށްގެންއުޅޭ ހިޖުރަވެރިން އެގައުމުން ބޭރުކޮށްލުމާއި މިސްކިތްތައް ބަންދުކުރުން ހިމެނެއެވެ.

comment ކޮމެންޓް