ޔޫރޯއިން ނެދަލަންޑްސް ޖާގަ ހޯދައިފި

މި މެޗުގައި ނެދަލަންޑްސްގެ ހަމައެކަނި ލަނޑު ޖަހާދިން ވެގްހޯސްޓް -- ފޮޓޯ/ ޔޫރޯސްޕޯޓް

އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުން ނެދަލަންޑްސް ޖާގަ ހޯދައިފިއެވެ.

ޔޫރޯ މުބާރާތުން ނެދަލަންޑްސް ޖާގަ ހޯދީ ޔޫރޯ ކޮލިފައިން ގްރޫޕް ބީގައި ރިޕަބްލިކް އޮފް އަޔަލަންޑް އާއި ރޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ.

މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި ޖަހައި ނެދަލަންޑްސްއަށް ލީޑު ނަގައިދިނީ ވޫޓް ވެގްހޯސްޓްއެވެ. އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ނެދަލަންޑްސްއަށް މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ނަމަވެސް މެޗުގައި ނެދަލަންޑްސްގެ ކުޅުންތެރިންގެ ނިންމައިލުން ފެނިގެންދިޔައީ އެހާ ރަނގަޅުކޮށެއް ނޫނެވެ. މީގެ އިތުރުން، މެޗުގައި ނެދަލަންޑްސްއަށް އިތުރު ލަނޑެއް ނުޖެހުމުގައި އަޔަލަންޑްގެ ކީޕާ ކަވިން ބަޒޫނޫގެ ހުށިޔާރުކަން ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.

މި ކާމިޔާބީއާ އެކު ނެދަލަންޑްސްއަށް މިހާރު ވަނީ ކުޅުނު ހަތް މެޗުން 15 ޕޮއިންޓު ހޯދާ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޔޫރޯއިން ޖާގަ ހޯދައިފައެވެ.

މެޗުން ބަލިވުމާ އެކު ރިޕަބްލިކް އޮފް އަޔަލަންޑް އޮތީ ފަސް ޓީމު ހިމެނޭ ގްރޫޕް ބީގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް މި ފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރެވިފައިވަނީ ޖިބްރޯލްޓާ އާއި ބައްދަލުކުރި ދެ މެޗު އެކަންޏެވެ.

comment ކޮމެންޓް