ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކުރަމުންދާކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް 14،000 ބޫޓު

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން ޝަހިދުކުރަމުންދާކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ނެދަލޭންޑްސްގައި ވަނީ 14000 ބޫޓު ބަހައްޓައިފައި. ފޮޓޯ/ދަ ނިއު އެރެބް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްގެންދަމުންދާ ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާތަކަށް ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކުރަމުންދާކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ނެދަލޭންޑްސްގައި ހަރަކާތެއް ބާއްވައިފިއެވެ.

ނެދާލޭންޑްސްގެ ޖަމުއިއްޔާއެއް ކަމަށްވާ، 'ޕްލާންޓް އޭން އޮލިވް ޓްރީ" އިން އެ ގައުމުގެ ޔޫ ޓެރެކްޓްގައި ހުންނަ ރެޑިންބާގް ސްކޮޔާގައި ބޭއްވި އެ ހަރަކާތުގައި 14،000 ކުޑަކުދިންގެ ބޫޓު އަތުރާފައިވެއެވެ.

ކޮންމެ ދިހަ މިނެޓަކުން ބޫޓެއް އިތުރު ކުރަމުން ދިޔައިރު، އެކަމުން ދައްކައިދެނީ ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާ މިންވަރު ކަމަށް އެ ހަރަކާތް އިންތިޒާމު ކުރި ޖަމުއިއްޔާއިން ބުނެއެވެ. ހަރަކާތް ނިމުނުއިރު، މުޅި ސްކެއާ އޮތީ ކުޑަކުދިންގެ ބޫޓުން ފުރައިލައިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މެރުމާ ދެކޮޅަށް ނެދަލޭންދްސްގައި މީގެކުރިން ވަނީ 8000 ބޫޓު ބަހައްޓައިފައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ޣައްޒާގައި ކުޑަކުދިން ޝަހީދުވަމުން އަންނަނީ ގޮއްވައިލައި ބޮންތަކުގެ އިތުރުން އިސްރާއީލުން ހުރަސް އަޅާތީ ޣައްޒާއަށް ލިބެންޖެހޭ އިންސާނީ އެހީ ނުލިބި ބަނޑުހައިހޫނުކަން މަތީގައި ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މެރުމާ ދެކޮޅަށް ނެދަލޭންޑްސްގައި މީގެކުރިން ، މިދިޔަ އަހަރު ވެސް ވަނީ 8،000 ބޫޓު ބަހައްޓައިފައެވެ.

އިސްރާއީލުން ޣައްޒާއަށްދޭ އުދުވާނީ ހަމަލާތަކުގެ ސަބަބުން އޮކްޓޫބަރު މަހާއި ފެބްރުއަރީ މަހާއި ދެމެދު ޣައްޒާގެ 12،300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް އދ. އިން ހާމަކުރެއެވެ.

ޔުނިސެފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި ކާނާ ނުލިބުމުގެ ސަބަބުން ހާލުދެރަވެފައިވާ ދެ އަހަރުން ދަށުގެ ކުދިންގެ އަދަދު އެއް މަސް ތެރޭގައި ވަނީ ދެ ގުނަވެފައެވެ.

އަދި ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ކާނާއާއި ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ 23 ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް