އީރާނާއެކު އެއްބަސްވުމެއް ގާއިމު ކުރެވެންދެން އެމެރިކާގެ ކަނޑުގެ ސިފައިން ގާއިމުކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ކުުރުމަށް އަޅާފައިވާ ހުރަސްތައް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށި ބްލޮކޭޑަކީ "އީރާން މުޅިން ހަލާކުކޮށްލާ ކަމެއް" ކަމަށް ޓްރަމްޕް އެ މަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ލިޔުއްވާފައިވާއިރު، އެެމެރިކާއިން އެ ކަމުން ކާމިޔާބު ހޯދަމުން އަންނަ ކަމަށްވެސް ޓްރަމްޕް ލިޔުއްވާފައެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި އީރާނުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ނެތް ދަނޑިވަޅެއްގައެވެ. އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ބުދަ ދުވަހު ހަމަވާނެއެވެ.
ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ބަލައި މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
އެެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް ވެސް މަޝްވަރާތަކަށް މިއަދުގެ ވަގުތެއްގައި ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އީރާނުން ބުނަނީ ބައިވެރިވުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ބްލޮކޭޑް ފެށިފަހުން އެމެރިކާ ސިފައިން ވަނީ 27 އުޅަނދަކަށް އަނބުރާ ދިއުމަށް ނުވަތަ އެނބުރި އީރާނުގެ ބަނދަރަކަށް ދިއުމަށް އަންގާފައި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެއެވެ.
އަދި އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ވެސް އެމެރިކާއިން ވަނީ ހުއްޓުވައި އަތުލައިގަނެފައެވެ.
އެއީ " ކަނޑުފޭރުމުގެ އަމަލެއް" ކަމަށާއި އެއީ ދެގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމާ ޚިލާފު ކަމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައެެވެ.
ހޮނިހިރު ދުވަހު ކަނޑުއޮޅި ހުޅުވާލި ނަމަވެސް އެމެރިކާއިން އަރަބި ކަނޑާއި އޮމާން ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރު ކޮށްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން އާދީއްތަ ދުވަހު އީރާނުން އަނެއްކާވެސް ކަނޑުއޮޅި ބަންދުކުރިއެވެ.
އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެެމެރިކާއިން އީރާނުންގެ ބަނދަރުތައް ހިސޯރުކުރުން ހުއްޓާލަންދެން ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށް އީރާނުން ވަނީ ބުނެފައެވެ.