މޮޅުވީ ރާއްޖެ، ނިންމުން އިސްތިއުނާފެއް ނުކުރެވޭނެ: ބަންޑާރަ ނައިބު

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު -- ސަން ފައިލް ފޮޓޯ

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން ސަރުކާރާ ދެކޮޅު ޕާޓީތަކުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މިއަދު ހުށަހަޅައިފައެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން ރިއްފަތު ވިދާޅުވީ އަންކްލޮސް މުއާހަދާގެ 296ވަނަ އާޓިކަލަށް ބަލާއިރު އެ މުއާހަދާގެ ދަށުން އެކުލަވާލާފައިވާ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމަށެވެ. އަދި، އެއީ އެ މައްސަލައެއްގައި ހިމެނޭ ގައުމުތަކުގެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށާއި އެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އެއީ އެ މައްސަލައެއްގައި ހިމެނޭ ގައުމުތަކުގެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް. އެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ރިއްފަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މި މައްސަލައިގައި ބޮޑުބައި ލިބިފައިވަނީ ރާއްޖެއަށެވެ. ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރިޝަސްއަށް ލިބިފައިވަނީ 45331 އަކަކިލޯމީޓަރުގެ ސަރަހައްދެއް ކަމަށާއި މި މައްސަލައިގައި ރާއްޖެއިން އެދުނު ގޮތަށް ބްލެންހެމް ރީފުގައި ބޭސް ޕޮއިންޓެއް ނުހިމެނޭނެ ކަމަށް އިޓްލޮސްއިން ނިންމާފައިވާތީ ރާއްޖެއަަށް ބޮޑު ސަރަހައްދެއް ލިބިފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ރާއްޖެއިން ވަކާލާތުކުރީ އެންމެ ބޮޑު ސަރަހައްދު ލިބޭނެ ގޮތަށް ކަމަށެވެ. އެކަމަކު، މި މައްސަލައިގައި ސަރުކާރު ގޯސްކޮށް، އިދިކޮޅު ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއީދުކުރައްވާ މެންބަރުންނާއި އެމްއެންޕީން ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައިފައެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން 10 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ. އަދި، އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާ އެކުގައެވެ.

އިމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅު ގިނަ ޕާޓީތައް އެކުލެވޭ އިއްތިހާދުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/ ޕީޕީއެމް

ފިކުރެއްގެ ދިރުމުގައި ތިއްބަވާ މަޖިލިސް މެންބަރުންގެ އަދަދު 12އަށް އަރާއިރު ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ތިއްބަވައެވެ. އަދި، ޖޭޕީގެ ތިން މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ވެސް ތިން މެންބަރުން ތިއްބަވައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް