މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑު އެޅުން ނޫންކަން ޔަގީންކޮށްދެވިއްޖެ: މަޙްލޫފް

ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް--- ސަންފޮޓޯ/ ނާއިލް ހުސައިން

މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑުއަޅާ، ކުޅިވަރު ކުޅުން ނޫންކަން މިއަދު ޔަގީން ކޮށްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް މިރޭ ވިދާޅުވެއްޖެއެވެ.

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެންމެ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތުމާއެކު ޔޫތު މިނިސްޓްރީގެ ކަމަކީ ހަމައެކަނި ފުޓްސަލް ދަނޑު އެޅުމާއި ކުޅިވަރު ކުޅުން ކަމަށް ބުނެ، ވަރަށް ގިނަ ފާޑުކިޔުން އަމާޒުވެގެންދިއަ ކަމަށެވެ.

ނަމަވެސް މިނިސްޓްރީއަކީ ހަމައެކަނި ފުޓްސަލް ދަނޑުއަޅައި ކުޅިވަރު ކުޅޭ ތަނެއް ނޫންކަން މިހާރު ޔަގީން ކޮށްދެފިވައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހިސާބަށް އާދެވުނު އިރު އަޅުގަނޑަށް ޔަގީންކޮށް ބުނަން ކެރޭ މިއަދު އަޅުގަނޑުމެންނަށް ޔަގީން ކޮށްދެއްވިއްޖެ ކަން، ޕްރޫވް ކޮށްދެއްވިއްޖެކަން ޔޫތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑުއަޅާ، ކުޅިވަރު ކުޅުން ނޫންކަން،" މަހުލޫފް ވިދާޅުވިއެވެ.

ފަރުމާ އާޓް ފެސްޓިވަލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އާޓް ފެސްޓިވަލް ކަމަށެވެ. އެކަމުން ދައްކުވައިދެނީ މީގެ ކުރިން ސަމާލުކަން ނުދެވި އޮތް ކަމަކަށް މި ސަރުކާރުން ސަމާލުކަން ދީ، ދާއިރާގެ ފަންނުވެރިނަށް އެހީތެރިކަން ދީގެން ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވީ މި ދާއިރާގެ ފަންނުވެރިން އުއްމީދު ކުރާ މިންވަރަށް އަދި އެހީތެރިކަމާ އެއްބާރުލުން ނުދެވޭ ކަމަށެވެ. ނަމަވެސް މިއަދު، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއެކު ފެށުނު މި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ފުރިހަމަ، އަދި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

އެގޮތުން އެ ކޮމިއުނިޓީއާއެކު މަޝްވަރާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާޓިސްޓުންނާ ގުޅޭ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެވިފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން މިހާރު ބ. ދަރަވަންދޫގަ އެފަދަ ޕްރޮގްރާމެއް ހިންގާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ޕްރޮގްރާމްތައް ހިންގާނެ ކަމުގެ ޔަގީންކަން ވެސް މަހުލޫފު ދެއްވިއެވެ.

މިނިސްޓަރު މަހުލޫފްގެ ވާހަކައިގައި ވަނީ، ޒުވާނުންނާ ގުޅޭ ގިނަ ކަންތައްތަކެއް ޔޫތު މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ މަހު، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ގުރުއާން މުބާރާތުގެ ވާހަކަ މަހުލޫފް ފާހަގަކުރެއްވިއެވެ.

"މިދިޔަ މަހު އަޅުގަނޑުމެން ބޭއްވީ ރާއްޖޭގަ މިހާތަނަށް ބޭއްވި އެންމެ ބޮޑު، އެންމެ ފުރިހަމަ ގުރުއާން މުބާރާތް. މިހާރު އަޅުގަނޑުމެން މި ބާއްވަނީ ފަންނުވެރިންނާ ގުޅޭ ވަރަށް ބޮޑު ފެސްޓިވަލެއް. މާދަމާ އަނެއްކާވެސް ޒުވާނުންނާ ގުޅޭ އެހެން ކަމެއް ޖެހިއްޖެޔާ އަޅުގަނޑުމެން އެކަމަކާ އުޅޭނަން،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މިނިސްޓްރީގެ މެންޑޭޓުތައް ހުރިގޮތުން އެފަދަ ބައެއް ކަންކަމުގައި އެންމެ އިސް ދައުރު އަދާކުރާ މިނިސްޓްރީއަކީ އެ މިނިސްޓްރީއަށް ނުވެ ހިނގައިދާނެ ކަމަށެވެ.

އެ މިނިސްޓްރީއަކީ ގިނަ ފަހަރަށް ޒުވާނުންނާ ގުޅޭ އެފަދަ ދާއިރާތަކަށް، އެހީތެރިކަމާ އެއްބާރުލުން ދޭ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަބަބަކީ މިނިސްޓްރީގައި އެކަންކަމަށް ބޭނުންވާ ޓެކްނިކަލް މީހުން ނެތުން ކަން މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފުގެ ވާހަކައިގައި ކުރިއަށް އޮތް ތަނުގަ ވެސް މިނިސްޓްރީގެ ފަރާތުން، އާޓިސްޓުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް، އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަށް ދެއްވިއެވެ.

އޭގެ އިތުރުން މަހުލޫފު ވަނީ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވީތީ ރައީސަށް ޝުކުރުއަދާ ކުރައްވާފައެވެ. މަހުލޫފު ވިދާޅުވީ މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުމުން، އެމަނިކުފާނު މި ދާއިރާއަށް ދެއްވާ ސަމާލުކަން ހާމަވެ، އާޓިސްޓުންގެ އުއްމީދު އާ ވެގެން ގޮސްފައިވާ ކަމަށެވެ.

މި ފެސްޓިވަލުގައި އަށް ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓިވަލް ކުރިޔަށްދާނީ މި މަހުގެ އަށް ވަަނަ ދުވަހުން މި މަހުގެ 13އަށް ސޯޝަލް ސެންޓަރުގައެވެ.

comment ކޮމެންޓް