މާޒިިޔާ އިން ދެވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް އުފުލާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އަށް ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދެވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް އުފުލާލައިފިއެވެ.

މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްގެންނެވެ.

އެ މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އީގަލްސް ވެސް ފެނުނީ ނުރައްކާކޮށެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އާއި ބިދޭސީ ފޯވަޑް އިވާން ކާލޮސް ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް މާޒިޔާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު މާޒިޔާ އިން ނިންމާލީ ލީޑު ހޯދައިގެންނެވެ. ހާފުގެ އެންމެ ފަހު މިނެޓުގައި ހަސަން ނާއިޒް (ދާދު) ނަގައިދިން ހުރަހަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އިބްރާހިމް އައިސަމްއެވެ.

ދެވަނަ ހާފުގައި މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. މާޒިޔާއަށް ދެވަނަ ގޯލެއް ކާމިޔާބުކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އައިސަމްއެވެ.

މާޒިޔާއަށް ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ މާޒިޔާ އިން ކާމިޔާބުކުރި ދެވަނަ ޕްރެޒިޑެންޓްސް ކަޕެވެ. މީގެ ކުރިން ތިން ފައިނަލެއްގައި ކުޅުނު މާޒިޔާ އިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ 2015 ވަނަ އަހަރުއެވެ.

މާޒިޔާ އިން ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް އެފަހަރު މާޒިޔާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކްލަބު ވެލެންސިއާ އަތުން ބަލިވެގެންނެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުންނެވެ.

އީގަލްސް އިން ވެސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ތައްޓެއް ހޯދައިފައެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އޭގެ ކުރިން އީގަލްސް އިން ކުޅުނު ފުރަތަމަ ފައިނަލުގައި 2014 ވަނަ އަހަރު ބަލިވީ ނިއު ރޭޑިއަންޓް އަތުންނެވެ.

comment ކޮމެންޓް