ސަސް ކޮޅަށް ޖެހި އަށް ގޯލާއެކު މާޒިޔާ ފައިނަލަށް

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ސަސްގެ ގޯލަށް މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ފޮނުވާލަނީ -- ފޮޓޯ/ މާޒިޔާ

ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް އަށް ގޯލު ޖަހައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސަސް އަތުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ސަސް ނުކުތީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައެވެ. އެ މެޗުން އޭނާ ފެނިފައިނުވަނީ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކައި، މާޒިޔާ އިން ދެ ގޯލު ޖެހިއެވެ. މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއަށް ހަސަން ރާއިފް އަހުމަދު (ހަންނަ) ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓު ފަހުން މާޒިޔާ އިން ވަނީ އިތުރު ގޯލުތައް ޖަހަން ފަށައިފައެވެ. ދެވަނަ ހާފުގައި މާޒިޔާ އިން ޖެހި ހަތަރު ގޯލު ކާމިޔާބުކޮށްދިނީ އެޑްގަރަސް ޒާސްކިސް އާއި ހަމްޕު އާއި ސްޓެފަން މިހައިލޮވިޗާއި ނާއިޒް ހަސަން (ދާދު) އަދި ހަންނައެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް އިން ފައިނަލުގެ ޖާގައެއް ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީގެ މެޗުގައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކޮށްގެންނެވެ.

ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް މާޒިޔާ އާއި އީގަލްސް ވަނީ ވާދަކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޗެރިޓީ ޝީލްޑް އުފުލާލީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ އިންނެވެ.

މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން އަދި މެޗަކުން ބަލިވެފައި ނުވާ އިރު، މާޒިޔާއަށް ވަނީ ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ. ގްރޫޕު ސްޓޭޖުގައި މާޒިޔާ އިން ކުޅުނު ފަހު މެޗުގައި ބަލިވީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް އަތުންނެވެ.

މާޒިޔާ އިން މީގެ ކުރިން ތިން ފަހަރަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް، އެޓީމަށް ތަށި ހޯދިފައިވަނީ ހަމައެކަނި 2015 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މާޒިޔާ ވަނީ ކްލަބު ވެލެންސިއާ އަތުން ބަލިވެފައެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުގެ ފައިނަލުގައި މާޒިޔާ ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުންނެވެ.

އީގަލްސް އިން ވެސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ތައްޓެއް ހޯދައިފައެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އޭގެ ކުރިން އީގަލްސް އިން ކުޅުނު ފުރަތަމަ ފައިނަލުގައި 2014 ވަނަ އަހަރު ބަލިވީ ނިއު ރޭޑިއަންޓް އަތުންނެވެ.

comment ކޮމެންޓް