ފަގީރު ގައުމުތަކުގައި ގިނަ އަންހެނުންނަށް އިންޓަނެޓެއް ނުލިބޭ: ޔުނިސެފް

ފަގީރު ގައުމުތަކުގައި ކޮންމެ 10 ޒުވާން އަންހެނުންގެ ތެރެއިން 9 އަންހެނުންނަށް އިންޓަނެޓް ނުލިބޭކަމަށް ޔުނިސެފްގެ ރިޕޯޓަކުން ދައްކައިފި--- ފޮޓޯ/ އަލްޖަޒީރާ

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ކޮންމެ 10 ޒުވާން އަންހެނުންނާއި ފުރާވަރުގެ އަންހެން ކުދިންގެ ތެރެއިން ނުވަ އަންހެނުންނަކީ އިންޓަނެޓްގެ ޚިދުމަތް ނުލިބޭ އަންހެނުން ކަމަށް ޔުނިސެފުން އިއްޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

ޔުނިސެފުގެ މި ރިޕޯޓުގައި ބުނާ ގޮތުން އިންޓަނެޓް ބޭނުންކުރުމުގެ މިހާ ބޮޑަށް ދަށްވުމަކީ ޑިޖިޓަލް ގުޅުން އިތުރުވަމުން އަންނަ ދުނިޔޭގައި އިގްތިސާދީ ގޮތުން އަންހެނުން ފަހަތަށް ޖެހިދާނެ ކަމުގެ ބޮޑު ނުރައްކަލެކެވެ.

ޔުނިސެފްގެ ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ފަގީރު ގައުމުތަކުގެ ޒުވާން ފިރިހެނުންނާ ފުރާވަރުގެ ފިރިހެން ކުދިންގެ ތެރެއިން ގާތްގަނޑަކަށް 78 ޕަސެންޓަކީ އިންޓަނެޓް ބޭނުންނުކުރާ ފިރިހެނުންނެވެ. އެއީ, އާމްދަނީ ދަށް 54 ގައުމެއްގެ ޑޭޓާއިން ދައްކާ މިންވަރެވެ.

މި ޑޭޓާތަކަށް ބަލާއިރު ފަގީރު ގައުމުތަކުގައި ގާތްގަނޑަކަށް 65 މިލިއަން އަންހެނުންނާއި އަންހެން ކުދިން އިންޓަނެޓާ ނުލާ އުޅޭއިރު ފިރިހެނުންނާ ފިރިހެން ކުދިންގެ ތެރެއިން އިންޓަނެޓާ ނުލާ އުޅެނީ 57 މިލިއަން މީހުންނެވެ.

މި ކަމުގެ ސަބަބުން ފުރާވަރުގެ އަންހެން ކުދިންނާއި ޒުވާން އަންހެނުން ޑިޖިޓަލް ދުނިޔެއަށް އަހުލުވެރިކުރުމުގެ ބަދަލުގައި އެ ކަމަށް ހުރަސް އެޅި ހުއްޓުވިގެންދެއެވެ.

މި 54 ގައުމުތަކުގެ ތެރެއިން ޒުވާނުންގެ މެދުގައި އިންޓަނެޓް ބޭނުންކުރުމުގައި ޖެންޑާ ޕެރިޓީ ހާސިލްކޮށްފައިވަނީ އެންމެ އަށް ގައުމަކުންނެވެ. އަދި، މި ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ފަރަގެއް ފެންނަނީ ދެކުނު އޭޝިއާގެ ގައުމުތަކުންނެވެ.

އަންހެން ޒުވާނުންނަށް މޯބައިލް ފޯނު ގެންގުޅުމުގެ ފުރުސަތު 13 ޕަސެންޓް ދަށްވެފައިވާއިރު ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުމުގެ ފުރުސަތު ހަނިވެގެންދާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް