ޣައްޒާގައި ކޮންމެ 10 މިނެޓަކުން ކުއްޖަކު އުފަންވޭ: ޔުނިސެފް

ޣައްޒާގައި މިދިޔަ ޑިސެމްބަރު މަހު ވިހާފައިވާ ތުއްތު ކުއްޖެއް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލު ފައުޖުތަކާ ދެމެދު ހަނގުރާމަ ފެށި ފަހުން ޣައްޒާގައި މިހާތަނަށް 20،000 ކުދިން އުފަންވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ، (ޔުނިސެފް)އިން ބުނެފިއެވެ.

ހަނގުރާމަ ފެށިތާ 105 ދުވަސް ފާއިތުވެފައިވާއިރު، 20،000 ކުދިން އުފަންވުމަކީ ކޮންމެ 10 މިނެޓަކުން އެއް ކުއްޖަކު އުފަންވުން ކަމުގައި ޔުނިސެފްގެ ތަޖުރިބާކާރު، ޓެސް އިންގްރާމް ވިދާޅުވިއެވެ.

ޣައްޒާގައި ތިބި އަލަށް އުފަންވެފައިވާ ކުދިންނާއި މާބަނޑު އަންހެނުންގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ ކަމަށް މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އިންގްރާމް ވިދާޅުވިއެވެ.

ގާތުން ދޭ މަންމައިން ދިރިއުޅެނީ އެ މީހުންނަށް އެކަށީގެންވާ މާހައުލަކާއި ރަނގަޅު ކާނާއާއި ސާފު ބޯފެން ވެސް ނުލިބިކަން އިންގްރާމް އިތުރަށް ފާހަގަކުރެއްވިއެވެ. އެއާއެކު ދެ އަހަރުން ދަށުގެ ގާތްގަޑަކަށް 135،000 ކުދިން ތިބީ ރަނގަޅު ކާނާ ނުލިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 24،762 ފަލަސްތީނުގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތަކުގައި ޒަޚަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 62،108 އަށް އިތުރުވެފައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 85 އިންސައްތަ މީހުން ނުވަތަ 1.9 މިލިއަން މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކުރަން މަޖުބޫރުވެފައެވެ.

comment ކޮމެންޓް