ބްރޯޑްކޮމްއަށް ޞަފާ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ޞަފާ ޝަފީގް -- ފޮޓޯ/ ފޭސްބުކް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ޞަފާ ޝަފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ދަފްތަރު 5143 ޝިހާމް މުޙައްމަދު ވަހީދާއި، ދ. މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީގްގެ ނަމެވެ.

މިއަދުގެ ޖަލްސާގައި އެ ދެ ނަމަށް ވޯޓަށް އަހާފައިވާއިރު، އެ މަގާމަށް ޞަފާ އައްޔަން ކުރަން ފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ޝިހާމް އައްޔަންކުރުމަށް ހަތް މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަކަމަށް 31 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު އަމްޖަދު ވަހީދުގެ މެމްބަރު ކަމުގެ މުއްދަތު މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައި ވާތީއެވެ.

ޞަފާ ވަނީ ބުރުނާއީން އިނގިރޭސި ކިޔަވައި ދިނުމުގެ ރޮނގުން ޕްރައިމަރީ ޓީޗިން ޑިގްރީ ހާސިލު ކުރައްވާފައެވެ. އަދި ސޯޝަލް ޕޮލިސީއިންނާއި ކޮމިއުނިކޭޝަން ދާއިރާއިން އޭނާ ވަނީ މާސްޓާސް ހައްދަވާފައެވެ. ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ވެސް އޭނާ ހުށަހަޅައި ދެއްވާފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އާއި އަމްޖަދު ވަހީދެވެ.

comment ކޮމެންޓް