މިއީ އެއްވެސް އުފަލެއް އަރާމެއް ނެތް އެކަނިވެރި ދިރިއުޅުމެއް

މ. މުލަކުން މުޙައްމަދު ނާއިލް ޙަފީޒް

އުފަލަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ހިތްހަމަޖެހުމަކީ އޭނާއަށް ކުރެވޭ އިހުސާސެއް ނޫނެވެ. މިއީ އޭނާގެ ދިރިއުޅުމުގައި އޭނާއަށް މިއަދު ވެސް ކުރަން ނުލިބޭ އިހުސާސްތަކެކެވެ.

އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ މ. މުލައް، މޫމިނާ މުހައްމަދު އޭނާގެ ވާހަކަ ހިއްސާކުރަމުން އައިއިރު ވަޅުޖެހިފައިވާ ލޯ މަތިންނާއި ރޫޖެހިފައިވާ މޫނުމަތިން ފެނުނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ނަމަވެސް ފުން ނޭވާއަކަށްފަހު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އުމުރުން އެންމެ 12 އަހަރުގައި މައިންބަފައިން މަރުވުމާއެކު އޭނާ އުޅެ ބޮޑުވާން ޖެހުނީ ޔަތީމު ހާލުގައެވެ. އަމިއްލައަށް ކޮށްލައި ބައެއް މަސައްކަތްތަކުން ކައިބޮއި ހެދި ނަމަވެސް، އެއީ އޭރު މުޅި އުމުރު އޭނާ އުޅެން ޖެހޭނެ ހާލު ކަމަކަށް އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ.

އުމުރުން 61 އަހަރުގެ މޫމިނާ މުހައްމަދު އޭނާގެ ވާހަކަ "ސަން"އާ ހިއްސާކުރަނީ -- ސަން ފޮޓޯ

މައިންބަފައިން މަރުވުމުން އައްޑޫއަށް ގޮސް އެ ތަނުގައި ބައެއް މަސައްކަތްތައް ކޮށް އުޅުނެވެ. އެއާއެކު އެންމެ ޒުވާން ދުވަސްވަރު އަލަތު ކައިވެނި ކުރީ މުޅި ދިރިއުޅުން ބަދަލުވާނެކަމުގެ ފޮނި އުންމީދުގައެވެ.

ޒަވާޖީ ހަޔާތުން ވެސް ލިބުނީ ހިތްދަތިކަން

އުފާވެރިކަމަށް އެދިގެން ކުރި ފުރަތަމަ ކައިވެނިން ވެސް މޫމިނާއަށް ކުރިމަތިލާން މަޖުބޫރުވީ އެކަނިވެރި ދިރިއުޅުމަކާއެވެ. ޚަރަދުކުރަނީއެއް ނޫނެވެ. ލޯތްބާއި އަޅައިލުމުގެ ބަދަލުގައި ކުރިމަތިލާން ޖެހުނީ އަނިޔާއާއި ބަދު ބަސްތަކާއެވެ.

"ދައްތަ އިންނަ މީހަކަށް ވެސް އެއްވެސް ކަހަލަ ދައްތައަށް އުފަލެއް އަރާމެއް ލިބޭ ގޮތަކަށް ނޫން ކަންތައްތައް ދިމާވެފައިހުރީ. ފުރަތަމަ ކައިވެނި ވެސް މަހެއް ނުވެ. އޭނާ އެއްވެސް ކަހަލަ ކަމެއް ދައްތައަކަށް ނުކޮށްދޭ،" މޫމިނާ ކިޔައިދިނެވެ.

މިއީ ދެވަނަ ކައިވެނީގައި ވެސް ކަން ހިނގައިދިޔަ ގޮތެވެ.

"އޭނާ އުޅެނީ ދުރުންދުރުން. އޭނާ ނާދޭ ދައްތަ ކައިރިއަކަށް. ވަރިވާން ޖެހުނު ސަބަބަކީ ވެސް އެއީ. އޭނާއަކީ މަސައްކަތް ދަންނަ މީހެއް. މަސައްކަތްކުރާ މީހެއް. ލާރި ހޯދާ މީހެއް. އެކަމަކު އޭނާ ދައްތައަކަށް އޭގެ އެއްވެސް ކަމެއް ނުކޮށްދޭ. އެހެންވީމާ ދައްތަ އޭނާ ކައިރިން ވަކިވާން ޖެހުނީ،" ދެވަނަ ކައިވެނި ނިމުމަކަށް އައި ގޮތް މޫމިނާ ކިޔައިދިނެވެ.

ކިރިޔާ ވެސް އުފަލެއް މޫމިނާއަށް ލިބުނީ މާލެ އައިސް މާލޭގައި މަސައްކަތު އުޅުމުގެ ތެރޭގައި އޭނާ ކުރި ތިންވަނަ ކައިވެނިންނެވެ. މާލޭ މީހަކާ ކައިވެނިކޮށްގެން މޫމިނާ ރަށަށް ބަދަލުވީއެވެ. އޭރު އޭނާގެ ޒުވާން ދުވަސްވަރު ގުނި ނަމަވެސް އޭނާގެ ފިރިމީހާ ފަންސާހުން މަތިވެއްޖެއެވެ.

މޫމިނާ އޭނާ މިހާރު ދިރިއުޅޭ ގޭގެ ދޮރުމަތީ ހުއްޓިލައިގެން -- ސަން ފޮޓޯ

ބަލި ހާލަތު ހުރި ގޮތުން އޭނާގެ ފިރިމީހާއަށް މާ ބުރަކޮށް މަސައްކަތް ނުކުރެވުނު ނަމަވެސް އެއީ ވަރަށް ހެޔޮ އޯގާތެރި މީހެއްކަމަށް މޫމިނާ ބުންޏެވެ.

"އެއީ ކުދިންގެ ބައްޕަ. ކޮންމެ ގޮތެއް ވިޔަސް ދައްތަ ބަލަން ޖެހޭނެތާ. އޭނާ ދައްތަ ބަލިވިޔަސް ހަމަ ވަރަށް ރަނގަޅަށް ބަލައި ހަދައި. ދެން އެ ތިބި މީހުން އެއްގޮތަކަށް ވެސް ދައްތައަށް ބަލައެއް ނުހަދާ. އެއްވެސް ޚަރަދެއް ނުކުރޭ،" އޭނާ ކިޔައިދިނެވެ.

ދަރިންނާއެކު އާއިލާއަށް ލިބުނު އުފާ ވެސް ހިތާމައަށް

މޫމިނާއަށް ލިބުނު ތިން ކުދިން ލިބުނީ އެ ކައިވެނީގައެވެ. އެންމެ ދޮށީ އަންހެން ދަރިފުޅަށްފަހު ދެން ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. ދަރިން ތުއްތުއިރު ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު މިއީ އޭނާގެ ޒަވާޖީ ހަޔާތުގައި އެންމެ އުފާވެރި ހިސާބެވެ. ނަމަވެސް އެ އުފާވެރިކަމަށް ނިމުމެއް އަންނަން މާ ދުވަހެއް ނުނަގައެވެ. އެންމެ އުފާވި ދުވަހު ތިން ކުދިން ތުއްތުއިރު ފިރިމީހާ މަރުވީއެވެ.

"ކިރިޔާ ވެސް އުފަލެއް ލިބުނީ. އުފަލެއް ވީއިރުގައި ދައްތަ އެންމެ އުފާވި ހިސާބަށް ދިޔައިރުގައި ފިރިމީހާ ވެސް މަރުވެއްޖެ. އޭރު ދައްތަގެ ތިން ކުދިން ވެސް ކުޑަކޮށް ތިއްބައި ފިރިމީހާ ވެސް ނިޔާވީ. ތިން ކުދިން ގޮވައިގެން ވަރަށް ނިކަމެތި ހާލުގައި ދައްތަ އުޅުނީ،" މޫމިނާ އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ.

އެކަނިވެރި ހާލުގައި ތިން ކުދިންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމަށް ޓަކައި އޭނާއަށް މީހުން ގާތުން ސަލާން ޖަހަން މަޖުބޫރިވިއެވެ. އެ ކުދިންނަށް ކާ އެއްޗެއް ލިބެނީ ބީރައްޓެއްސެއްގެ އަތުން ދިއްކޮށްލައި އެހީއަކުންނެވެ.

"އެ ކުދިން ބަނޑު ފުރައިދީ ބަނޑު ފުރައިލާވަރު ވީމާ ދައްތަ ނުކައި ވެސް އެ ކުދިންނަށް ކާންދޭންޖެހޭނެތާ ކޮންމެ ގޮތެއް ވިޔަސް. އެގޮތަށް ދައްތަ ކަންތައް ކުރަނީ. ދެން ވެސް ހަމަ ޖެހުނީ އެ ބުރައިގައި ދައްތަ އުޅެން. ދެން ވެސް ކުދިންކޮޅު ގޮވައިގެން ހަމަ އެ މަސައްކަތް ކޮށްގެން މިހާތަނަށް މި އާދެވުނީ،" މޫމިނާ ކިޔައިދިނެވެ.

އާމްދަނީ ހޯދުމަށް މޫމިނާ ކުރާ މަސައްކަތްތަކުގެ ތެރޭގައި ފަން ވިދުން ހިމެނެ. އެ ކަމުން ލިބޭ ފައިސާއިން ފުއްދައިލެވެނީ ކިރިޔާ -- ސަން ފޮޓޯ

އެ ދުވަހު އުޅެން ޖެހުނު އެކަނިވެރި ހާލަކީ އޭނާ އެންމެ ހިތްދަތިވި ދުވަސްތަކެވެ. އެ ހަނދާންތައް އެއީ ދުވަހަކު ވެސް އޭނާ ހަނދާން ނެތޭނެ ދުވަސްތަކެއް ނޫނެވެ. އާއިލާގެ ބަޔަކު ތިއްބަސް އެއީ ނެތް ބައެކެވެ.

"އެއްބައި ރޭރޭ ހަމަ ރޯން ވެސް ރޮން. މީހެއްގެ އެހީތެރިކަމެއް ނެތި ދައްތަ އެ ފަދަ ހާލެއްގައި އުޅެވުނީތީ ދައްތަ ވަރަށް ހިތާމަކުރަން. ދައްތަގެ އާއިލާ ވެސް ދައްތައަކަށް އޭރު އެހީތެރިކަމެއް ނުދޭ. ދައްތައާ އެއްބަނޑު އެއްބަފާ އަންހެނެއް ވެސް އޭރު ހުރި. އެ މީހުންނެއް ވެސް އެހީތެރިކަމެއް ނުދޭ، އެއްބަނޑު އެއްބަފައި ފިރިހެނެއް ވެސް ހުރި. އެ މީހުން ވެސް އޭރު ދައްތައަކަށް އެހީތެރިކަމެއް ނުދޭ. ދައްތަ ހަމަ އެކަނިމައި އެކަނި ތިން ކުދިން ގޮވައިގެން އެ ފަދަ ހާލެއްގައި އުޅުނީ،" މޫމިނާ ކިޔައިދިނެވެ.

އެ ހާލުގައި ވެސް އޭނާ އެ ތިން ދަރިން ބަލައިބޮޑުކުރީ ފުރިހަމަ ތަރުބިއްޔަތެއްގެ މަތީގައެވެ. ތައުލީމު ފޯރުކޮށްދިނެވެ. އޭނާ އުންމީދުކުރީ ދަރިންނަށް ހެޔޮ ގޮތެއް މެދުވެރިވެ އެ ކުދިންގެ ފަރާތުން ވެސް އުފާވެރިކަމެއް ލިބޭނެކަމަށެވެ.

ނަމަވެސް އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނީ ދޮށީ އަންހެން ދަރިފުޅު މާލޭ މީހަކާ ކައިވެނިކޮށް އޭނާއާ ވަކިވާން ޖެހުމުންނެވެ. ފިރިމީހާގެ ބަހަށް މަންމައާ ވަކިވާން މަޖުބޫރުވެ، މާލޭގައި އަންހެން ދަރިފުޅަށް ކުރިމަތިލާން ޖެހުނީ ނަފްސާނީ ގޮތުން މީހާއަށް ކެތް ނުވި އަނިޔާތަކަކާއެވެ.

ދަރިފުޅުގެ މި ވާހަކަތައް މޫމިނާ ކިޔައިދިން އިރު ލޮލު ތެރޭ ކަރުނަތައް ޖަމާވަމުން ދިޔައެވެ.

އުމުރުން 61 އަހަރުގެ މޫމިނާ މުހައްމަދު އޭނާގެ ވާހަކަ "ސަން"އާ ހިއްސާކުރަމުން ދަނީ -- ސަން ފޮޓޯ

"ދައްތަ ބުނިން ނުދާށޭ. މަންމަ ބޭނުމެއް ނޫނޭ ދަރިފުޅު ދާކަށް މަންމަ ދޫކޮށްލައިފައި. ދެން އޭނާ ފިރިމީހާ ބުނާ ގޮތަށް ހަދައިގެން އޭނާއާއެކީގައި ދިޔައީ. ގޮސްގެން ވެސް އެ ތަނުން ވެސް އޭނާއަށް ވެސް ހަމަ އެހާ ހިތާމަވެރި ކަންތައްތައް ދިމާވެފައި ހުރި. މީހުންގެ އަނިޔާވެރިކަން. އޭނާއަށް އަނިޔާކޮށް ކަންތައްކޮށް އެ ކަހަލަ ނިކަމެތިކަން އޭނާއަށް ވެސް ދިމާވެފައިހުރީ. ދައްތަ އެ ދުވަހު ވެސް ދައްތަ ވަރަށް ރުއިން،" މޫމިނާ ކިޔައިދިނެވެ.

މިއަދު އެންމެ ދޮށީ ދަރިފުޅު ހުރީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މޫމިނާ ބުންޏެވެ.

ދެން ތިބި ދެ ފިރިހެން ދަރިންނަށް ވެސް މޫމިނާގެ އެހީތެރިކަން ކަނޑައެއްނުލައެވެ.

އަމިއްލަ ހިޔާވަހިކަމެއް ނެތް

ރަށުގައި ބޮޑު ގެވަޅެއް މޫމިނާގެ އޮވެއެވެ. ފަން ވިދެ، ކާށިކޮޅެއް ހޮވައި އެ ވިއްކައިގެން ކުރާ މަސައްކަތުން އެއްކުރެވޭ މަދު ފައިސާކޮޅުން ކިރިޔާ ވެސް ރޭނޭވަރުވީ ގޭގެ ފާރުތަކެވެ. ހިޔާނުކޮށް ގެ ފަޅަށް ދޫކޮށްލައިފައި ހުންނަތާ މިހާރު ފަސްވަރަކަށް އަހަރުވެދާނެއެވެ.

އެހެންވެ މިއަދާ ހަމައަށް ވެސް މޫމިނާ، އޭނާގެ އެއްމާބަނޑު ދެ ދަރިންނާއެކު ދިރިއުޅެމުން އަންނަނީ އޭނާގެ ތިމާގެ މީހެއްގެ ގެއިން ކޮޓަރިއެއްގައެވެ. އިތުރު ހިޔާވަހިކަމެއް ނެތެވެ.

އަނެއް ދެކުދިން ވެސް މިހާރު ތިބީ ބޮޑުވެފައެވެ. މަސައްކަތް ވެސް ކުރެއެވެ. ނަމަވެސް ބޯހިޔާވަހިކަން ހޯދުމުގެ ހަރަދު ބޮޑުކަމުން އަދި އެކަން އޮތީ ނުވެއެވެ.

"އެއްވެސް ކަހަލަ އުފަލެއް ދައްތައަކަށް އަދި ނެތް ފެނިފައެއް،" މޫމިނާ ބުންޏެވެ.

މޫމީނާގެ އަވަށްޓެރިންނަށް އޭނާގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބޭ. އޭނާ ހައްދައި ކޮޕީފަތް ގަހުން ފަތް ބިނދެ އެ ބޭނުންވާ މީހުންނަށް ފޯރޮކޮށްދޭ -- ސަން ފޮޓޯ

އުމުރުގެ ބާކީ ދުވަސްތައް އުފާވެރިކޮށް ވޭތުކުރުމުގެ އުންމީދު މޫމިނާ އަދި ކަނޑައެއް ނުލައެވެ. ލިބޭ ފައިސާއިން ބާކީވެއްޖެނަމަ އޭނާ އެ ރައްކާ ކުރަނީ ގެ ހިޔާކޮށް އެ ތަނުގައި އުޅެލެވޭނެ ފެންވަރަކަށް ތަން ހެދުމަށެވެ.

އެ ގެ ހެދި އެ ތަނަށް ވަދެވޭނެ ދުވަހަކީ އޭނާ އެންމެ ހިތްހަމަ ޖެހޭނެ ދުވަހެވެ. އޭނާ އެދެނީ އޭނާއަށް ދީލަތިކަމުގެ އަތެއް ދިއްކޮށްލުމަށެވެ.

"އެއީ ދައްތަ އެންމެ ހިތްހަމަ ޖެހޭނެ ދުވަސް،"

"ހަމަ އެކަނި ހުންނައިރު ވެސް ދައްތަ ހިތަށް އަރަނީ ﷲ ކުޅަދުންވަންތަކަމުން ދައްތައަށް އެހީތެރިކަމެއް ލިބޭނެ ނަމައޭ އެއީ ދައްތަގެ އެންމެ ބޮޑު އެދުމަކީ. މިހެން ހުއްޓައި އަހަންނަށް ހަމަ އެހީތެރިކަމެއް ލިބިއްޖެޔާ އަހަރެން ވަރަށް އުފާވާނެ،" އޭނާ ބުންޏެވެ.

ކިތަންމެ ދަތި ހާލެއްގައި މޫމިނާއަށް އުޅެން ޖެހުނު ނަމަވެސް ރަށުގެ އެންމެން ވެސް ފާހަގަކުރާ އެއް ކަމެއް އޮވެއެވެ. އެއީ އޭނާގެ ހިތްހެޔޮކަމާއި ދީލަތިކަމެވެ. ރަށު އެންމެން ވެސް ބުނާ ގޮތުގައި އޭނާގެ ފަރާތުން ލިބޭ އެހީތެރިކަން ބޮޑެވެ.

"ދައްތަ ހައްދާނެ ކޮޕީ ފަތް. އެހެން އުޅޭއިރު މީހަކަށް އެއްޗެއް ބޭނުންވެއްޖެ ނަމަ ވަރަށް އުފާވެހުރެ ދައްތަ އޭގެން ދޭނެ. އަބަދުވެސް ދައްތައަކީ ދައްތައަށް ލިބޭ މިންވަރަށްވުރެ އިތުރަށް އެހެން މީހުންނަށް ދޭ މީހެއް،" އޭނާގެ އަވަށްޓެރިއަކު ކިޔައިދިނެވެ.

އަވަށްޓެރިން ބުނެދިން ގޮތުގައި މޫމިނާއަކީ ރަށުގެ ހުރިހާ އިޖްތިމާއީ މަސައްކަތެއްގައި ވެސް އެންމެންނާ ގުޅިގެން އުޅޭ މީހެކެވެ.

މޫމިނާއަށް އެހީތެރިވާން ބޭނުންވާ ނަމަ ގުޅުއްވުމަށް: 9762886

comment ކޮމެންޓް