ރައްޓެއްސަކު އެއް ދުވަހު ދެއްކި ވާހަކައެކެވެ. މިހާރު ބެޔަސް ނުބެޔަސް މަސްވެރިންނަށް 10،000 ރުފިޔާ އެބަ ލިބެއެވެ. ސުވާލު ރަނގަޅަށް ނުކުރަނިސް، "ފެނަކައިން"ނޭ ކިޔާފައި ހިނިގަނޑެއް ޖަހާލާފައި، އޭނާ އެ ނައްޓާލީއެވެ.
ފުރަތަމަ ހިނި އަޔަސް، ފަހުން ދެރަ ވެސް ވިއެވެ.
މި ޖީލުގެ ގިނަ މީހުން ބޮޑެތިވީ 'މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ،" ކިޔާފައި މަޒުމޫނުތައް ވެސް ލިޔެގެންނެވެ. އެކަމަކު، އެ ޒަމާން މިހާރު މާޒީވެއްޖެއެވެ. އިރެއްގައި މަސްވެރިކަމަކީ ދިވެހީންގެ 'ބެކްބޯން'އަށް ވިޔަސް މިއަދު އެހެން ބުނެފިއްޔާ ވާނީ ދޮގަކަށެވެ. ބޮޑުސިންގާ ދޮގަކަށެވެ. މިހާރު ތެދުތެދަށް ބުނަންޏާ ބުނަންޖެހޭނީ މަސްވެރިކަމަކީ އިގުތިސާދަށް ޖެހިފައި އޮތް 'އުނދަގުލެ'ކޭއެވެ. ބަލި ދަރިއެއްފަދައިން ބަލަން ޖެހިފައި އޮތް ދާއިރާއެކެވެ.
ކުރިން ދިވެހި އުފެއްދުންތެރިކަމުގެ 22 ޕަސެންޓާ ހަމައަށް ވެސް މަސްވެރިކަން 'ޑޮމިނޭޓް'ކުރިއެވެ. އެކަމަކު، އެ ދުވަސް ވީއްލި، އެ އެންމެން ފެނަކައަށް ބަދަލުވާ ހިސާބަށް ގޮސްފިއެވެ. މިހާރު އެ އަދަދު ވެއްޓެމުން ވެއްޓެމުން ގޮސް ހުރީ ހައެއްކަ ޕަސެންޓުގައެވެ.
ދިވެހީން ބަނދެ، އިންޖީނު އަޅައިގެން ފުރަތަމަ ދޯނި 1964 ގައި ބޭލިއިރު މަސްވެރިން ތިބީ 'ހުވަފެނެއް'ގައެވެ. އޭގެ ފަހުން 1978 ވަނަ އަހަރު ރާއްޖޭގައި ދަޅު މަސް ބަންދުކުރަން ފެށީއިރު އަނެއްކާ ވެސް އެންމެން އުފަލުން ފޮޅިފައި ތިބީ މަސްވެރިކަން އުތުރިއަރާނެކަމުގެ އުންމީދެއްގައެވެ. އެކަމަކު، 2026ގެ ވަސްޖެހޭ ހިސާބުގައި ތިބެ، 2025 ގައި އަނެއްކާ ވެސް ދައްކަން މި ޖެހެނީ އޭރުއްސުރެ ސަރުކާރުތަކުން އަޅައިނުލާ އޮތް އަސްލު މައްސަލައިގެ ވާހަކައެވެ.
ސަރުކާރުތަކުން ކުޅެނީ ޗަރުކޭސް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރު މަސްވެރިކަން ކުރިއަރުވަން އުފެއްދި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކަންކަން ނިމުނު ގޮތް ތަފުސީލުކޮށްދޭކަށް ނެތީމެވެ. އެ ވާހަކަދައްކަންޏާ އިތުރު ވާހަކައެއް ނުލިޔެވޭނެއެވެ. އޭގެ ފަހުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އުފެއްދި ނަމަވެސް ހަގީގަތުގައި ކުރަންޖެހޭ ގިނަ ކަންކަން އޮތީ ނުކޮށް ދޫކޮށްލާފައެވެ.
ދެން އެ ފަހުން މި އަންނަ "ޑިމޮކްރެޓިކް" ވެރިންގެ މެނިފެސްޓޯގައި ވެސް އެއްގޮތް ވާހަކައެއް އޮންނާނެއެވެ. އެއީ، ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމެވެ. ކިހާ މޮޅު ވާހަކައެއް ހެއްޔެވެ؟ އެއިން ކޮންމެ ވެރިކަމެއް ވެސް ނިމުނީ ހަމަ އަގަކީ ކޮބާތޯ އަރައިރުމެއްގައި ތިއްބައެވެ.

ޞާލިހު: އެ މަނިކުފާނު 25 އަށް މަސް ގަންނަން ނިންމީ ކެމްޕޭން ތެރޭ --- ސަން ފޮޓޯ/ ހާފިޒު
މިދިޔަ ވެރިކަމުގެ ދައުރު ނިމެން ހަނދުބެލި ފަހުން އޭރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވީ ކީއްހެއްޔެވެ؟ ދެން މަސް ގަންނާނީ 25 އަށޭ ވިދާޅުވެ، ވޯޓަށް އެކަން އިއުލާނުކުރެއްވީ ފައިސާ ހޯދާނެ ގޮތެއް ވިސްނާލުމެއް ވެސް ނެތިއެވެ. އެ ހުރިހާ އުނދަގުލެއް ޖެހުނީ "ހަމަ އަގު" ހޯދައިދޭން އަނެއްކާ ވެސް އިންތިޚާބުވެވަޑައިގެން މިހާރު މި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. ފުރަތަމަ އަހަރެއްހާ ދުވަސް އުޅެން ޖެހުނީ މަސްވެރިންނަށް ދަރާފައި އޮތް 'ބެކްލޮގް' ނުފިލުވިގެން ހޫނު ފެނުގައެވެ.
މަސްވެރިކަމަކީ އަހަރެމެންގެ 'ލޭނާރޭ' ކިޔަމުން ރޭ ބޭއްވި މަސްވެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މި ތަޖުރިބާތައް ކުރައްވަން ޖެހިވަޑައިގެން ރައީސް ވެސް ހައްލެއް ނުދައްކަވައެވެ. އަނެއްކާ ވެސް، ސިޔާސީ ޗަރުކޭހަށް އިތުރު ބޮޅެއް އިތުރުކޮށްލައްވާފައި، ފަސޭހަ ގޮތް ފަސޭހަވީމާ ނިންމަވާލެއްވީއެވެ. އެ މަނިކުފާނު ވެސް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ދޭނީ ކުޑަ އަގުގައި ކަމަށެވެ. އެ މީހުން ބާނާހާ މަހެއް އެޔެއް މިއެއް ނުބަލާ ގަންނާނީ މަދުވެގެން 16 ރުފިޔާއަށްކަން އިއުލާނުކުރެއްވިއެވެ. އަދި، އާންމުކޮށް އެ މަނިކުފާނު ވިދާޅުވާ ބީދާއިން "ކުރިން ވެސް ވައުދުވީ ގޮތަށް" 20 ރުފިޔާއަށް މަސް ގަތުމުގެ ވައުދު ވެސް ފުއްދަވާނަމޭ ވިދާޅުވިއެވެ.
މިފްކޯ މިހާރު ވެސް ހިންގަނީ ގެއްލުމުގައެވެ. ކިލޯއަކުން ހައެއްކަ ކިލޯ ގެއްލުމުގައެވެ. ކިތަންމެ ބޮޑު އަގެއް ކިޔަސް، މިހާރު މި އޮތް އިގުތިސާދުގައި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއަށްވުރެ ބޮޑަށް، މަސްވެރިކަމުގައި އުޅޭ 17،000 އެއްހާ މީހުންނަށް ދައުލަތުން މި ވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އިންސާފެއްތޯ ވިސްނާލަން ނުޖެހޭ ހެއްޔެވެ؟
މިފްކޯއިން މަސް ވިއްކަނީ ތައިލޭންޑް ބާޒާރަށެވެ. އެކަމަކު، އެ ކުންފުނިން ދިވެހި މަސްވެރިން އަތުން މަސް ގަންނަނީ އެއަށްވުރެ ބޮޑު އަގެއްގައެވެ. މިފްކޯއިން ކުރާ "މޮޅު" ވިޔަފާރިއަކީ މިއީއެވެ. ހެޔޮވެރިން ދެން އެ ބައި ރައްޔިތުންގެ ފައިސާއިން ދައްކައިދެނީއެވެ. ކިހާ ދެމެހެއްޓެނެވި ވިޔަފާރިއެއްތޯއެވެ؟

މިފްކޯއިން މަސް ގަންނަނީ: ބާނާހާ މަހެއް އެ ކުންފުނިން ނަގަނީ ގެއްލުމުގައި -- ފޮޓޯ/ މިފްކޯ
އާންމު ވިސްނުމަކުން ވިސްނައިފި ނަމަ، މިއީ ސަރުކާރުން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް ވާނެ ގޮތެވެ. ބިލިއަން ޑޮލަރުގެ ދިވެހި ފަތުރުވެރިކަމަށް ސަރުކާރުގެ އަތް ފޯރީމާ ވީ ކިހިނެއްހެއްޔެވެ؟ އެމްއެމްޕީއާރްސީ މެދުވެރިކޮށް ބަހާލި ރަށްތަކުން ކާލިހާ ފައިސާގެ ވާހަކައަކީ އެފްޕީއައިޑީގެ ވާހަކަ ގޮތަށް އެއް ދުވަހެއްގައި ދައްކާ ނިމޭނެ ވާހަކައެއް ނޫނެވެ. މަސްވެރިކަމަށް ވެސް މި ވަނީ އެހެން ނޫން ހެއްޔެވެ؟
މި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު މީގެ ކުރިން ދެއްކެވި ވާހަކައެކެވެ. އެ މަނިކުފާނުގެ ނަޒަރުގައި މި ރާއްޖޭން ތެޔޮ ފެނުނަސް، އެކަން ކުރަންޖެހޭނީ ވެސް ގެއްލުމުގައެވެ.
އެ މަނިކުފާނުގެ ޚިޔާލުގައި މާލޭގެ ބިމަކީ ވެސް ތެޔޮ ޒާތުގެ 'ރަން' އަގު ލިބޭ އެއްޗެކެވެ. އެކަމަކު، ހުޅުމާލެ ހަދާފައި އެ ތަން ބަލަހައްޓަން އެޗްޑީސީއާ ހަވާލުކުރީމާ ވެސް އަމިއްލަ ހާލައިގެން ނޫޅެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، ތެޔޮ ވަޅެއް ހެދިޔަސް އެ ޒާތުގެ އެސްއޯއީއަކާ ހަވާލުކޮށްގެން ދިވެހީންގެ ހާލަށް އަންނާނެ މާ ބޮޑު ބަދަލެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ހައްލުގެ ވާހަކަދައްކަން ބޭނުމެއް ނުވޭ
ދޮށިން، ފަހަރަކު މަހެއް، ފަހަރަކު މަހެއް ބާނަނީ ދުނިޔޭގައި ބާނާ ކަނޑުމަހުގެ އެންމެ އަށް އިންސައްތައެވެ. އެއީ، ދެރަކަމެއް ނޫނެވެ. އެއީ، މުޅި ދުނިޔެ ބަލައިގެންފައި އޮތް އެންމެ ތިމާވެއްޓާ ރައްޓެހި ގޮތެވެ. އެއީ ފައިދާ ހޯދޭނެ އެންމެ 'ޕްރީމިއަމް' މަސްވެރިކަމެވެ.
އެކަމަކު، ދިވެހީން ޕްރޮސެސްނުކޮށް ރޯމަހުގެ ގޮތުގައި ކުޑަ އަގުގައި އެ ވިއްކާލައިގެން ތިބެނީ ސިޔާސީ ސަބަބުތަކަށްޓައެވެ. ކަން ހިނގާ ގޮތް އެނގޭ ހެއްޔެވެ؟ ދަޅު މަސް ބޭރުކޮށްގެން ތައިލޭންޑުން މިދިޔަ އަހަރު 2.5 ބިލިއަން ޑޮލަރު ހޯދިއެވެ. އެކަމަކު، ދިވެހީން ތައިލޭންޑަށް ގެއްލުމުގައި މަސް ވިއްކައިގެން، ރައްޔިތުންގެ ފައިސާއިން އެ ބުރަ އުފުލައިގެން، ލިއްލާހި ޝުކުރު ކިޔައިގެން ތިބީ ނޫން ހެއްޔެވެ؟
މަސްވެރިންގެ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ މި ވާހަކައެވެ.
"ސޫޝީ ނީގިރީގެ އެތިކޮޅެއް ލިބެނީ ތިން ޑޮލަރަށް. އެއީ ގިނަވެގެން 30 ގްރާމް. އެ މަގުން ބެލިޔަސް ކަންނެލި ކިލޯއެއް ޕްރޮސެސްކުރީމާ 100 ޑޮލަރު (2،000 ރުފިޔާ) ލިބޭނެ. މި ވަގުތު މަސްވެރިން ކަންނެލި ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށް. ހޯނޑެއްދޫ އައިލެންޑް ފެކްޓަރީގެ ޓޫނާ ޖާކީ ޕެކެޓެއް ހުރީ 55 ރުފިޔާއަށް. އެއީ، 50 ގްރާމް،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
ހަގީގަތަކީ އެއީއެވެ. ދުނިޔޭގެ ޕްރޮޓީން ސްނެކްސް މާކެޓަކީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބޮޑު މާކެޓެކެވެ. ޓޫނާ ޖާކީ ނުވަތަ އެ ނޫން ވެސް ދިވެހި އުފެއްދުންތަކަށް އެ މާކެޓުން ހިއްސާއެއް ނުލިބޭންވީ ކީއްވެހެއްޔެވެ؟ ހައި އެންޑް ނުވަތަ އެންމެ ވަރުގަދަ ކޮލިޓީގެ މަހަކީ ދުނިޔޭގައި ވަރަށް އަގު ބޮޑު އެއްޗެކެވެ. ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރެއްހާ ބޮޑު ބިޔަ މާކެޓެކެވެ.
އަދި ކޮބާ ހެއްޔެވެ؟ ދިވެހީންނަކީ މަހުގެ އުފެއްދުންތައް ލަދެއް ނެތި އިމްޕޯޓު ވެސް ކޮށްގެން ތިބި ބައެކެވެ.
ރާއްޖޭގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ ފިޝް އޮއިލްއަކީ އޭގެ މިސާލެކެވެ. އެއީ، ދުނިޔޭގައި ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެކަން ވެސް ކުރާކަށް ދިވެހީންނަކަށް ނުކެރޭ ނޫންހެއްޔެވެ؟ އެހެންވެ، ބޭރު މީހުން އެކަން ކުރީމާ، އެ ގަނެލައިގެން، ކާލައިގެން މި ތިބެނީއެވެ. ޗައިނާ ފަދަ ތަންކޮޅެއް 'ކެރޭ' ގައުމުތަކުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ރީތިވާ ސާމާނު އުފައްދައިގެން އެ ތިބީ ހެވިދިލިފައެވެ. ދިވެހީން މި ތިބީ އެ ތަން ބަލާފައި "ކިހާ ފައްކާ" ކިޔާށެވެ.
މިއީ އެހާ ފަސޭހަކަމެއް ވެސް ނޫނެވެ. އުނދަގޫ، ގިނަ ދުވަހުން ފައްކާކުރެވޭނެ ކަންކަމެވެ. އެކަމަކު، ދިވެހި މަސްވެރިކަމަށް ދިރުން ގެނެވޭނީ މި ވިސްނުމާ ދިމާއަށް ގޮސްގެން ނޫންހެއްޔެވެ؟ މަސްވެރިން ބޭނިއްޔާ ބޭނި މަހެއް، ދައުލަތަށް މިލިއަނުން ގެއްލުމުގައި ގަނެގެން، މިހެން ތިބޭނީ ކިހިނެއް ހެއްޔެވެ؟ އެ ސިނާއަތަށް އިންވެސްޓްކުރާނެ މީހުން ވާނެއެވެ. އެކަން ހުއްޓުވަނީ ސަރުކާރުންނެވެ. ގެއްލުމުގައި މަސް ގަނެގެން، ފަސޭހަ ގޮތް އިޚުތިޔާރުކޮށްގެން ތިބެލީމާ އެންމެންނަށް ވެސް ފަސޭހަވާތީއެވެ.
މޮޅުކޮށްލަން މިހާރު ދެން ކުރާ ކަމަކީ މަސްވެރިންނާއި، އެންވެރިންނާއި، ދަނޑުވެރިންނާއި، ވަޑިންނާއި، މުދިމުން ވެސް ގެންގޮސް ފެނަކައަށް ވެއްދުމެވެ. އެ ކާމިޔާބު މޮޑެލްގެ ފަހަތުގައި ހުންނެވި މޭސްތެރިއަކީ ކުރީގެ ރައީސް ޞާލިޙެވެ. މިހާރު ހުންނެވި ރައީސް މުއިއްޒު ވެސް އެ ހިންގަވަނީ އެ މަގުންނެވެ. އޭރަށްވުރެ ވެސް ވަރުގަދައަށެވެ.
މަސްވެރިކަމަށް އޮތް ހައްލު ބާއްވާފައި، ހުރިހާ ވެރިން ވެސް ކުޅުއްވަނީ ސިޔާސީ ޗަރުކޭހެވެ.