"ތަހުގީގު" ކުރުމުގައި ތިއްބާ، 10 މަރަށް ފަހު 5 މަރު: މިފަހަރު؟

ރާއްޖޭގައި ބިދޭސީން ދިރިއުޅޭ އެކޮމެޑޭޝަނެއް: ރާއްޖޭގައި ގިނަ ބިދޭސީން އުޅެނީ ވަރަށް ހާލުގައި-- ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސަލާމަތީ ހާލަތު އިންތިހާއަށް ދަށްވުމުގެ ސަބަބުން، ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގަމުންދެއެވެ. ނިރުފެހިގޭގެ ހާދިސާއާއި ދިގުރަށުގެ ހާދިސާއަކީ މީގެ ހެކިތަކެވެ. ބިދޭސީންގެ ރައްކާތެރިކަމަށް ގާނޫނުތަކާއި ގަވާއިދުތައް ހުރި ނަމަވެސް، އެކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ. މަސައްކަތްތެރިންގެ ފުރާނައަށް ވުރެ ވިޔަފާރީގެ ފައިދާއަށް އިސްކަންދޭ އުސޫލުން، ބިދޭސީން ބައިތިއްބަނީ އިންސާނުންނަށް ނޫޅެވޭވަރުގެ ނުރައްކާތެރި ތަންތަނުގައެވެ. މި މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބި، ތަހުގީގުތަކުން އަމަލީ ނަތީޖާއެއް ނުނިކުތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

  • ބިދޭސީން ދިރިއުޅޭ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ނެތުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ގިނަވުން
  • ގަވާއިދުތައް ހުރި ނަމަވެސް، މޮނީޓާކުރުމާއި ތަންފީޒުކުރުމުގެ ނިޒާމު ފެއިލްވުން
  • މަސައްކަތްތެރިންގެ ސަލާމަތަށް ވުރެ ވިޔަފާރިވެރިން ފައިދާއަށް އިސްކަންދިނުމުގެ ސަގާފަތް
  • ހިނގާ ހާދިސާތަކުގެ ތަހުގީގުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭކަމުގެ ޝަކުވާ

ބޮޑެތި މާ ސިންގާ މުސާރައިގެ ދަޅަ ދެއްކުމުން އެ މީހުން ރާއްޖެ އެ އަންނަނީ ގޭ މޯގޭޖު ކޮށްގެންނާއި އާމްދަނީ ހޯދަން ގެންގުޅޭ ގެރި, ބަކަރި ވިއްކައިގެން ފައިސާ ކޮޅެއް ހޯދައިގެންނެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އާއިލާއަށް ބަނޑުފުރާނަ މުއްތިކޮށްލެވޭ ވަރަށް އާމްދަނީއެއް ހޯދުމަށެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބަޔަކަށް މި ގައުމަށް އަންނަން ފައިސާ ދައްކާ ހިސާބުން ފެށިގެން މި ގައުމުގައި ގެންގުޅެނީ ވެސް ރަހުމެއް ނެތިއެވެ.

ހެސް ކިޔާފައި ބުރަ މަސައްކަތް ކުރުވާއިރު ބައެއް ކުންފުނިތަކުން ދޭން އެއްބަސްވާ މުސާރައެއް ނުދެއެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް, ކެއިންބުއިމުގެ އިންތިޒާމެއް ހަމަޖައްސައެއް ނުދެއެވެ. މިފަދަ އެތައް އިހުމާލެއް ބިދޭސީންނާ މެދު ވަމުންދާއިރު ދެން ދޭތެރެއަކުން މި އިވެނީ ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޯވާ ޚަބަރެވެ. އެއް ހާދިސާގައި 10 މީހުން މަރުވިއިރު އަނެއް ހާދިސާގައި ފަސް މީހުންނެވެ. ބޮޑު އާމްދަނީއެއް ހޯދަން ގެދޮރު މޯގޭޖުކޮށްގެން ރާއްޖެ އައި އެ ބިދޭސީންގެ އާއިލާތަކަށް ލިބެނީ އަނދާފައިވާ ހަށިގަނޑެވެ. ނޫނީ އަޅިކޮޅެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ތަންތަނުގައި އަލިފާން ރޯވެ، ފުރާނަ ގެއްލިގެންދާ ހާދިސާތަކަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމަކަށް މި ވަނީ ވެފައެވެ. ހަމައެކަނި އަލިފާން ރޯވެގެންނެއް ނޫނެވެ. މަސައްކަތު މާހައުލުގެ ރައްކާތެރިކަން ނެތުމުގެ ސަބަބުން ވެސް އެ މަސައްކަތްތެރިންގެ ފުރާނަ އެބަ ގެއްލެއެވެ. މިއީ ހަމައެކަނި އިއްތިފާގުން ހިނގާ ކަންތައްތަކެއް ނޫނެވެ. މިއީ މި ދިވެހި މުޖުތަމައުގައި ބައެއް މީހުން ބިދޭސީންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި، ކަމާބެހޭ އިދާރާތަކުގެ ނިޒާމީ ފެއިލްވުންތަކުގެ ސަބަބުން ހިނގަމުންދާ ކަންކަމެވެ.

ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ބިދޭސީ މަސައްކަތްތެރިންގެ އަތްމަތީގައި ކަމަށް ވިޔަސް، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިންތިހާއަށް ކުޑައެވެ. މުޅިންހެން ބިދޭސީން ކުށްވެރި ކޮށްލައިގެން ތިބެނީއެވެ. އެ މީހުންގެ ތެރޭގައި ވެސް ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބަޔަކު ތިބިއިރު, އެތައް ބައިވަރު ފައިސާއެއް އަތުލުމަށް ފަހުގައި އެ މީހުންނަށް އެ ހާލު ޖެއްސި މީހުންގެ ވާހަކަ ގިނަ ފަހަރަށް އޮންނަނީ ނުދެއްކިއެވެ. ނޫނީ އަޅާ ނުލެވިއެވެ. އެންމެ ފަހުން ހިނގި އަލިފާނުގެ ބޮޑު ދެ ހާދިސާއަކަށް ބަލައިލުމުން ވެސް، ބިދޭސީން ރާއްޖޭގައި އުޅެމުންދަނީ އިންސާނުން އުޅެން އެކަށީގެންނުވާ ފަދަ ނިކަމެތި، ނުރައްކާތެރި ހާލަތެއްގައިކަން ވަރަށް ސާފުކޮށް ހާމަވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާއިރު، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ 10 ނޮވެންބަރު 2022 ގައި މާލޭގެ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ގޭގެ ތިރީގައި ހުރި އެއްގަމު އުޅަނދު މަރާމާތު ކުރާ ގަރާޖެއްގައި ރޯވި އަލިފާންގަނޑު، މަތީގައި ހުރި ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކަށް ފެތުރިގެން ދިޔުމުގެ ސަބަބުން 10 ބިދޭސީއަކު ވަނީ ގަދަޔަށް ފިހިގެން މަރުވެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ހިމެނެއެވެ. އެ މީހުން މަރުވީ ސަލާމަތްވާނެ އެއްވެސް މަގެއް ނެތި، އިމާރާތުގެ ތެރޭގައި ތާށިވެގެންނެވެ. އެ އިމާރާތުން 28 މީހަކު ސަލާމަތްކުރެވުނު ނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ.

އެ ހާދިސާއަށް ފަހު ބިދޭސީން އުޅެމުން އަންނަ އެކަށީގެން ނުވާ ދިރިއުޅުމުގެ ވާހަކަ ދެކެވެން ފެށިއެވެ. އެކަމަކު ރާއްޖޭގެ އާއްމު އުސޫލެކޭ އެއްގޮތަށް އެކަމަށް ނެގީ މަދު ދުވަސްތަކެކެވެ. އެ ކަން އެންމެން ކަހަލަ ގޮތަކަށް ހަނދާން ނެތި ނިމިގެން ދިޔައީއެވެ. އެހެން ހުއްޓާ މި ވަނީ މިފަދަ އަނެއް ހާދިސާ މި ފަހުން ހިނގައިފައެވެ.

މިދިޔަ ހުކުރު ވިލޭރޭ, ރޭގެ ދަންވަރު އދ. ދިގުރަށުގައި ވަނީ އިތުރު ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރޯދަމަހުގެ ހާރުކެއުމަށް ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެން ކަމަށް ބެލެވެއެވެ. އެ އިމާރާތުގައި 30 ވަރަކަށް ބިދޭސީން ދިރިއުޅެމުން ދިޔައިރު، ވަދެނުކުމެވޭނެ ހުރީ އެންމެ ދޮރެކެވެ. ބެލެވޭގޮތުގައި އެ ދޮރު ހުރީ އަލިފާން ރޯވި ބަދިގެއާ ޖެހިގެން ކަމަށްވުމުން، އެ މީހުންނަށް އިމާރާތުން ނުކުމެވޭނެ އެއްވެސް ގޮތެއް ނުވީއެވެ. ފުލުހުންނާއި އާންމުން ގުޅިގެން މީހުން ސަލާމަތްކުރަން އިމާރާތުގެ ފާރެއް ތަޅާލަން ޖެހުނުއިރު، ހޮސްޕިޓަލަށް ގެންދިޔަ ހަތް މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނޭވާ ހާސްވެގެން މަރުވެފައެވެ. އަނެއް ދެ މީހުންނަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.

https://www.sun.mv/219114

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތަށް ބަލާއިރު، ގިނަ ތަންތަނަކީ ސީދާ މަރުގެ އަނދަވަޅުތަކެކެވެ. ކުޑަކުޑަ ކޮޓަރިއެއްގައި، އެއް އެނދު މައްޗަށް އަނެއް އެނދު ޖަހައި, ހުންނަ ބަންކް ބެޑްތަކުގައި ވިއްސަކަށް ނުވަތަ ތިރީހަކަށް މީހުން ނިދާ ހަދައެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ޖާގައިގެ ދަތިކަމާހުރެ ކޮންމެ އެނދެއްގެ ކައިރީގައި ކަހަލަ ގޮތަކަށް ގޭސްފުޅިއެއް ބަހައްޓައިގެން ކައްކަން ޖެހުމެވެ. އެހެންވެ އަލިފާނުގެ ހާދިސާއެއް ހިނގާއިރު އެއް ފަހަރާ އެ ގޭސްފުޅިތައް ގޮވައި ގެއްލުން ވަރަށް ބޮޑުވެއެވެ.

"ދިގުރަށުގެ ވީޑިއޯ ބަލާލުމުން ވެސް އެނގޭނެ އެ އަލިފާންގަނޑުގެ ވަރުގަދަކަން. އެހެން އެވަނީ އެތައް ގޭސް ފުޅިއެއް ކުދިކުދި ތަންތަނުގެ ތެރޭގައި ގެންގުޅޭތީ. މިކަންކަން ނުހުއްޓުވޭނަމަ މިކަން ހަމަ ތަކުރާރު ވާނެ," ކަމާބެހޭ އިދާރާއެއްގެ އިސްވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ނިރުފެހިގޭގެ ހާދިސާގައި ވެސް ފާހަގަކުރެވުނު ގޮތުގައި، އެ މީހުން ނިދާ އެނދުތަކާ ޖެހިގެން ގޭސްފުޅިތައް ހުއްޓެވެ. އަލިފާނުގެ ހާދިސާއެއް ހިނގާ ވަގުތު, މި ގޭސްފުޅިތައް ގޮވުމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ފެތުރިގެންދެއެވެ. މީގެ އިތުރުން، އެ އެކޮމެޑޭޝަންތަކުގައި އެކަށީގެންވާ ވައި ދައުރުވާނެ ނިޒާމެއް ނެތުމާއި، ކުޑަދޮރުތައް މަދުވުމުގެ ސަބަބުން، އަލިފާނަށްވުރެ ކުރިން ދުމުގެ އަސަރުކޮށްގެން ނޭވާ ހާސްވެގެން މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ. ފިލައިންނާއި ލަކުޑިން ހަދާފައި ހުންނަ މިފަދަ ތަންތަނުގައި އަލިފާން ހިފުމާއެކު، މުޅި އިމާރާތަށް އަލިފާން ފެތުރެން ނަގަނީ އެންމެ ދެތިން މިނެޓެވެ.

ގަވާއިދުތައް ހަދާފައިހުރި ނަމަވެސް ތަންފީޒެއް ނުވޭ

ރާއްޖޭގައި ބިދޭސީން ގެންގުޅުމާއި އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން މީގެ އެތައް އަހަރެން ކުރިން ހަދާފައިވާ ގަވާއިދުތަކުގައި، ބިދޭސީން ތިބޭ ތަންތަނުގައި ވަކި ފެންވަރެއް ހުންނަން ޖެހޭނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއް ކޮޓަރިއެއްގައި ގިނަވެގެން ބޭތިއްބޭނެ މީހުންގެ އަދަދާއި، ފާޚާނާގެ ނިޒާމާއި، ސަލާމަތީ މިންގަނޑުތައް ގަވާއިދުގައި ލިޔެފައިވެއެވެ. ނަމަވެސް މައްސަލައަކީ މި ގަވާއިދުތައް މޮނީޓާކޮށް ތަންފީޒުކުރާނެ ފަރާތެއް ނެތުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އެ ދުވަސްވަރު ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، އިންސާނުން ދިރިއުޅެން އެއްގޮތަކަށް ވެސް ކަމުނުދާ، ތޮއްޖެހިފައިވާ 30 އަށް ވުރެ ގިނަ ތަންތަން ފާހަގަކުރެވުނެވެ. އެ ތަންތަނުން މީހުން ހުސްކޮށް، ސަރުކާރުން ހެދި ވަގުތީ ހިޔާތަކަށް ބިދޭސީން ބަދަލުކުރަން ޖެހުނެވެ.

ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ތަނެއް: ގިނަ ބިދޭސީން އުޅެނީ ވަރަށް ހާލުގައި-- ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް
ނަމަވެސް ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވުމާއެކު، އަނެއްކާވެސް ކަންކަން ދިޔައީ ކުރިން އޮތް ގޯސް ހާލަތަށެވެ. މޮނީޓާކުރުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާކަން މިކަމުން ސާބިތުވެއެވެ. ވެރިރަށް މާލެއިން ފެށިގެން ރަށްރަށަށް ބެލިނަމަވެސް އެކަން އޮތީ އެހެނެވެ. ކަމާ ބެހޭ މުއައްސަސާތަކަށް ބެލޭ ކަމެއް ގިނަ ފަހަރަކު ނެތެވެ. ހާދިސާއެއް ހިނގައިގެން ބަލާއިރު އެ ތަނުގައި ދިރިއުޅޭ މީހުންގެ އަދަދު ޔަގީން ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ތަހުގީގުތަކުން ނުކުންނަ ނަތީޖާއެއް ނެތް

ކޮންމެ ފަހަރަކު ވެސް ބިދޭސީންތަކެއް މަރުވާ މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެ މައްސަލައެއް ތަހުގީގުކުރަން ފަށާކަން އިއުލާނުކުރެއެވެ. މި ފަހުން ދިގުރަށުގައި ހިނގި ހާދިސާއާ ގުޅިގެން ވެސް އެޗްއާރުސީއެމުން ވަނީ އިންސާނީ ހައްގަކަށް އުނިކަމެއް އައިސްފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފައެވެ.

ނަމަވެސް ހިތާމައަކީ، މިފަދަ ތަހުގީގުތަކުން ނުކުންނަ އަމަލީ ނަތީޖާއެއް ނެތުމެވެ. ނިރުފެހިގޭގެ ހާދިސާއަށް ފަހު ވެސް، އިހުމާލުވި ފަރާތްތަކާ މެދު އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. މުޅިންހެން މި ފެންނަނީ ނޫސްބަޔާނާއި ޕްރެސްކޮންފަރެންސާއި ސޯޝަލް މީޑިއާގައި ކޮށްލާ ޕޯސްޓަކުން ކަން ނިންމާލާ ތަނެވެ. ބޮޑު މުސާރަ ނެގިޔަސް ބޮޑު ޒިންމާ އަދާ ކުރާ މަންޒަރެއް ނުފެނެއެވެ.

"ހަގީގަތަކީ މުއައްސަސާތައް ހުއްޓަސް ހަމަ އެއް ކަމެއް ވެސް ނުކުރޭ. މުސާރަ އާއި އިނާޔަތާއި އެހެން ރައްކާތެރިކަން ނަގައިގެން ގިނަ ފަހަރަށް ތިބެނީ. ބިދޭސީން މިހާ ހާލުގައި އުޅޭއިރު އެއީ ވެސް ބައެއްގެ ދަރިން. ބައެއްގެ އާއިލާ މީހުން. އެ މީހުންގެ އެއްވެސް ހައްގެއް ނުދެވޭތަން މި ފެންނަނީ," އިންސާނީ ހައްގުގެ ދާއިރާއިން ވަކާލާތު ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެއީ ތެދެކެވެ. ގިނަ ފަހަރު ވަނީ ހަމަ އެހެނެވެ. މަރުވާ މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ގައުމަށް ފޮނުވާލުމަށްފަހު، މުޅި މައްސަލަ އޮބިގެންދަނީއެވެ. ޒިންމާދާރުކުރުވުމުގެ ސަގާފަތެއް ނެތުމުގެ ސަބަބުން، ކުއްޔަށް ތަންތަން ދޭ ފަރާތްތަކުން އެއްވެސް ޖެހިލުމެއް ނެތި، ބިދޭސީންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ވިޔަފާރިކުރަމުން ގެންދެއެވެ.

އެޗްއާރުސީއެމްގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: -- ފޮޓޯ: އެޗްއާރުސީއެމް
ރާއްޖޭގައި އެންމެ ބުރަ، އެންމެ ހަޑި މަސައްކަތްތައް ކުރަނީ މި ބިދޭސީންނެވެ. އިމާރާތްކުރުމުގެ ދާއިރާއިން ފެށިގެން، މަގުތައް ސާފުކުރުމާއި، ކުނި އުކާލުމުގެ މަސައްކަތުގައި ދިވެހީންނަށް ގުލާނުކޮށްދެނީ ހަމަ މި ނިކަމެތިންނެވެ. އެހެންނަމަވެސް، އޭގެން ގިނަ ބަޔަކަށް ލިބެންޖެހޭ އަސާސީ އިންސާނީ ހައްގުތަކެއް ރާއްޖެއަކުން ނުލިބެއެވެ. މުސާރަ ނުދިނުމާއި، ޕާސްޕޯޓު ހިފެހެއްޓުމާއި، އިންސާނުން އުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ގެންގުޅުން ވަނީ އާންމުވެފައެވެ. މިފަދަ ހާދިސާއެއްގައި އެމީހުން މަރުވުމުން، ފަހަތުގައި ތިބި އާއިލާތައް ބޮޑު ދަރަންޏަކާއެކު މަގުމަތިވަނީއެވެ.

ދިގުރަށުގައި ހިނގި ހާދިސާއިން އަނެއްކާވެސް މިވަނީ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދައުލަތާއި މުޖުތަމައު ނުކުޅެދިފައިވާ މިންވަރު އަނެއްކާ ވެސް ހާމަކޮށްދީފައެވެ. ގަވާއިދުތައް ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމަކުން ނުފުދެއެވެ. އެ ގަވާއިދުތައް ތަންފީޒުކޮށް، ބިދޭސީން ބައިތިއްބާ ތަންތަން ގަވާއިދުން އިންސްޕެކްޓްކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުން މިހާރުން މިހާރަށް ވަނީ މަޖުބޫރުވެފައެވެ. އެހެން ނޫންނަމަ، ދެންވެސް އިވޭނީ ކޮންމެވެސް އެހެން ރަށަކުން ނުވަތަ މާލޭގެ ކޮންމެވެސް އެހެން ގޯޅިއަކުން، އިހުމާލުގެ ސަބަބުން ބިދޭސީންތަކެއްގެ ފުރާނަ ދާ ވާހަކައެވެ. ކިރިޔާ ރަހުމެއް ހުރިނަމަވެސް މި ގޮތަށް ކަންކަން ކުރަން ހެޔޮ ނުވާނެއެވެ.

comment ކޮމެންޓް