ފެރިދޫގައި އަނބިމީހާއަށް އަނިޔާކުރުން: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

އއ. ފެރިދޫ---

އއ. ފެރިދޫގައި އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކުރީ 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ ރަށު ކައުންސިލް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ އަންހެން މީހާގެ މެޑިކަލް ޗެކްއަޕް ހެދުމަށް ސިއްހީ މަރުކަޒަށް ވެސް ގެންދިޔަ ކަމަށެވެ. އޭނާއަށް އަނިޔާތަކެއް ކޮށްފައިވާކަން އެނގިފައިވާއިރު، އޭގެ މާ ބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އަނިޔާ ލިބުނު އަންހެން މީހާއަކީ ފެރިދުއަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާގެ ފިރިމީހާއަކީ ރަށުން ބޭރު މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ސިފައިންގޭގައި މަަސައްކަތް ކުރާ މީހެކެވެ.

ކައުންސިލް މެންބަރު ވިދާޅުވި ގޮތުގައި އެ ދެމަފިރިން ވަރަށް ފަހަކާ ޖެހެންދެން ދިރިއުޅުނީ މާލޭގައެވެ. ރަަށަށް ބަދަލުވީތާ މާ ގިނަ ދުވަހެއް ނުވެއެެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުން، ފެބްރުވަރީ މަހު އެ މިނިސްޓްރީއަށް ގެވެށި އަނިޔާގެ 41 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެއީ ހުސް އަންހެނުންގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައެވެ.

އޭގެ ތެރެއިން، 23 މައްސަލައަކީ ޖިސްމާނީ އަނިޔާ ދީފައިވާ މައްސަލަތަކެވެ.

comment ކޮމެންޓް