އެއް ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 2 މައްސަލައެއް: ހައްޔަރުކުރީ 2 ބިދޭސީ ޓީޗަރުން

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއް މި މަހު ރިޕޯޓުކުރިއިރު އެ ދެ މައްސަލައިގައި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައިމި މައްސަލަ ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އަނެއް މައްސަލައަކީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ ވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް