ޕްރިޔަންކާގެ ދަރިފުޅު މާލްތީ މާރީ ފުރަތަމަ ފަހަރަށް އިންޑިއާއަށް

ޕްރިޔަންކާ އާއި ނިކް، ދަރިފުޅު މާލްތީ މާރީއާއެކު --

ދާދިފަހުން ބޮލީވުޑްގައި ކުރެވުނު ތަޖުރިބާތަކާ ގުޅިގެން ހޮލީވުޑުން ފުރުސަތު ހޯދުމަށް މެދުވެރިވި ސަބަބުތައް އާއްމުންނާ ހިއްސާކުރުމަށްފަހު، ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއިލާއާއެކު އިންޑިއާއަށް ގޮސްފިއެވެ.

ފިރިމީހާ ނިކް ޖޯނަސްއާއި މަންމަ މަދޫއާއެކު ދެމަފިރިންވަނީ އަލަތު ދަރިފުޅު މާލްތީ މާރީވެސް މިދަތުރުގައި ބައިވެރިކޮށްފައެވެ. މިދަތުރަކީ އުމުރުން އަހަރެއް ފުރިފައިވާ މާލްތީ އިންޑިއާއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.

ޕްރިޔަންކާއާއި ނިކްގެ މި ދަތުރަކީ، އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ނިކިލް އަމްބާނީގެ އަންހެނުން ނިތާ މުކޭޝް އަމްބާނީގެ ކަލްޗަރަލް ސެންޓާ ލޯންޗުކުރުމުގެ ހަފުލާގައި ބައިވެރިވުމަށްކުރި ދަތުރެކެވެ. ޕްރިޔަންކާގެ ޢާއިލާއިން އިންޑިއާއަށް ކުރާ ދަތުރާބެހޭ މަޢުލޫމާތު އެނގުމާއެކު ގިނަ ޢަދަދެއްގެ ފޮޓޯގްރާފަރުންވަނީ މުމްބާއި އެއާޕޯޓަށް އެއްވެފައެވެ. ޕްރިޔަންކާ ވަނީ ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިނިތުންވުމާއެކު ދަރިފުޅުގެ ފޮޓޯ ނެގުމުގެ ފުރުސަތުދީފައެވެ. ޕްރިޔަންކާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ވެސް ވަނީ ނިތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަ ހުޅުވުމެގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާއަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އުފަންވެފައިވާ މާލްތީ މިހާތަނަށް ގެންގުޅެފައިވަނީ އާއްމުންނަށް ނުފެންނަގޮތަށެވެ. ޕްރިޔަންކާގެ ދަރިފުޅު ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާފައިވަނީ މިއަހަރުގެ ކުރީކޮޅު ލޮސް އެންޖެލިސްގައި ބޭއްވި ޖޯނަސް ބްރަދާސްގެ ހޮލީވުޑް ވޯކް އޮފް ފޭމް ލަގަބާ ހަވާލުވުމުގެ ހަފުލާގެ ތެރެއިންނެވެ.

ޕްރިޔަންކާގެ އިންޑިއާ ދަތުރަކީ، ބަތަލާގެ ދެބެއިންގެ ދެދަރި ޕަރިނީތީ ޗޯޕްރާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ކުރި ދަތުރެއްކަމަށް ވެސް ބައެއް ރިޕޯޓުތަކުންވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މިޚަބަރު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހޮލީވުޑްގެ ފިލްމީ ތަރިންގެ ތެރެއިން މިހާރު ކުރީ ސަފުގައި ގުނާލެވޭ ބަތަލާގެ ހޮލީވުޑް ދެ ޕްރޮޖެކްޓެއް ރިލީޒްވުމަށްވަނީ ތައްޔާރުވެފައެވެ. އެއީ މިއަހަރުގެ މެއި 12ގައި ރިލީޒްކުރާ "ލަވްމީ އަގައިން" އަދި އެމޭޒަން ޕްރައިމްއިން އޭޕްރީލް 28ގައި ރިލީޒްކުރާ ވެބް ސީރީސް "ސިޓަޑެލް"އެވެ.

comment ކޮމެންޓް