ޒުވާނާ މަރުވީ ހަވާލުވާން ޖެންޑާގައި އެދިފައިވަނިކޮށް

ގއ. ކަނޑުހުޅުދޫ، މަރުވެފައި އޮއްވައި މިއަދު ފެނުން ޒުވާނާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ މީހެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުންދަނިކޮށް އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުން ޒުވާނާއަކީ ނަފުސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ މީހެއްކަން އެނގިއްޖެއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް، އިބްރާހިމް ހުސައިން ވިދާޅުވީ މަރުވެފައި އޮއްވާފެނުން އުމުރުން 24 އަހަރުގެ ޖާމިން އަބްދުލްކަރީމަކީ ނަފުސާނީ ބައްޔެއް ހުންނަ މީހެއް ކަމަށެވެ. އިބްރާހިމް ވިދާޅުވީ އޭނާގެ އާއިލާއިން އެ މައުލޫމާތު ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެ ކަމާ ގުޅިގެން އޭނާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް އާއިލާއިން އެދުމުން ކައުންސިލުން މިނިސްޓްރީގައި އެ ކަމަށް އެދިފައިވާތާ ފަސް މަސް ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު، މިހާތަނަށް ވެސް އެ ކަމުގައި މިނިސްޓްރީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

"ޖާމިނަށް އެ ކަން ދިމާވީ 2018ގައި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައި، ނަމަވެސް އެއީ ކޮން ކަމެއް ކަން ކައުންސިލާ ހިއްސާ ކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން "ސަން" އިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މިހާތަނަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

https://sun.mv/175632

ފުލުހުން ބުނީ ކަނޑުހުޅުދޫގައި މީހަކު މިއަދު ފަތިހު 04:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވާ ކަމަށް ފަތިހު 04:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އާއިލާ މީހުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ރަށު ފަޅު ތެރެއިން ސައިކަލާ އެކު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކަމާ ގުޅުގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް