ސައިބާ ކުރައިމް ހުއްޓުވުމަށް ނެޓްވާކެއް އެކުލަވާލަން ލާޒިމް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް --- ފޮޓޯ/ މަޖިލިސް

ސައިބާ ކްރައިމްއާ އެ ނޫންވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމަށް ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށް، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅުއްވީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމްއެވެ. ބިލު ހުށަހަޅުއްވަމުން ހައިތަމް ވިދާޅުވީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ.

ވުމާއެކު އެފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރަން އިޖުރާއަތްތައް ކަނޑައަޅަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ފަހަތަށް 'އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭ' ގެ ނަމުގައި ސުރުޚީއެއް އިތުރު ކޮށް، އެ ސުރުޚީގެ ފަހަތަށް އަށް މާއްދާ އިތުރުކުރަން ބިލުގައި ހުށަހަޅާފައިވެއެވެ.

އިތުރުކުރަން ހުށަހަޅާފައިވާ މާއްދާތަކުގައި ވާގޮތުން ކޮމްޕިއުޓާ ސިސްޓަމް ނުވަތަ ޑޭޓާ އާ ގުޅޭ ކުށަކާ ގުޅިގެން އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ހާލަތްތަކުގައި ނުވަތަ އެފަދަ ކުށެއްގެ ތަހުގީގަށް ބޭރު އޭޖެންސީއެއް، ބޭރު ގައުމެއް ނުވަތަ ބައިނަލްއަގްވާމީ އޭޖެންސީއަކާއެކު، އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މަސައްކަތް ކުރެވިދާނެއެވެ.

އޭގެ އިތުރުން، ވަކި ހާލަތްތަކެއްގައި، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ރާއްޖޭގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހުރި ސިސްޓަމެއްގައި ރައްކާކޮށްފައިވާ ޑޭޓާ، ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި ލިބިގަނެވޭނެއެވެ.

އެ ހާލަތްތަކުގެ ތެރޭގައި، މީހެއްގެ ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުން ހިމެނެއެވެ. އަދި ގެއްލުން ލިބިފައިވާ މީހުންގެ އަދަދަށް ނުވަތަ ލިބުނު ގެއްލުމުގެ މިންވަރަށް ބަލައި، އިގްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ގެއްލުމެއް މެދުވެރިވާ ހާލަތެއްގައި ވެސް އެ މާއްދާއަށް އަމަލުކުރެވޭނެއެވެ.

އެ އިޚްތިޔާރު ބޭނުންކުރަން ވާނީ އެކަންކަން ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިޖުރާއަތުތައް ބޭނުންކުރުމުގެ ސަބަބުން، ކުށެއްގެ ތަހުގީގު ހިންގުމަށް ނުވަތަ ދައުވާ އުފުލުމަށް، ރާއްޖެއަށް ލިބިފައިވާ ގާބިލުކަން އިއާދަނުކުރެވޭނެ ފަދަ ގޮތަކަށް ހުރަސްއެޅޭނަމަ ކަމަށް ބިލުގައި ބަޔާން ކުރެއެވެ.

އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާ ޝަރީއަތްތަކަށް ނުވަތަ އެފަދަ ކުށްތަކާގުޅޭ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ ނެޓްވާކެއް ގާއިމް ކުރަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. އަދި އެ ނެޓްވާކް ގާއިމް ކުރާނީ ފުލުހުން ކަމަށް ވެސް ބިލުގައި ބަޔާންކުރެއެވެ.

ބިލުގައި ބުނީ އެ ނެޓްވާކުން ފޯރުކޮށްދޭ އެހީގެތެރޭގައި ފަންނީ ލަފާ ދިނުމާއި، ޑޭޓާ ޕްރިޒާވް ކުރުމާއި، އިލެކްޓްރޯނިކް ހެކި ހޯދުމާއި، ގާނޫނީ މައުލޫމާތު ދިނުމާއި ކުށުގެ ތުހުމަތު ކުރެވޭ ފަރާތް ވީތަނެެއް ހޯދުން ހިމެނޭ ކަމަށެވެ.

comment ކޮމެންޓް