މަޑަވެލީގައި އަންހެނަކަށް އަނިޔާކޮށްގެން ފިރިހެނަކު ހައްޔަރުކޮށްފި

އަންހެން މީހާއަށް އަނިޔަކުރި ފިރިހެން މީހާ ބަޔަކު ހިފަހައްޓައިގެން -- ފޮޓޯ/ ސޯޝަލް މީޑިއާ

ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަަހަރުގެ މީހެއްކަމަށެވެ. އަނިޔާ ލިބުނު އަންހެން މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިރިހެނަކު، އަންހެނެއް ގެއިން ބޭރަށް ނެރެ މަގުމައްޗަށް އަންހެން މީހާ ވައްޓައިލައިގެން އުޅޭ މަންޒަރު ފެނެއެވެ. ކުޑަކުދިންނާއި އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން އެ ސަރަހައްދުގައި ބަލަން ތިބި އިރު ވެސް އެ ފިރިހެން މީހާ ދިޔައީ ތަކުރާރުކޮށް އަންހެން މީހާއަށް އަނިޔާކުރަމުންނެވެ.

އެ އަންހެން މީހާ ގޭ ތެރެއަށް ވައިން ތަނުން އަލުން ފިރިހެން މީހާ އެ ގެއަށް ވަދެ، މަގުމައްޗަށް އަންހެން މީހާ ނެރެ ދަމާކޫއްތައިގެން އެ އަންހެން މީހާ މަގުމަތިން ގެންދާ މަންޒަރު ވެސް ފެނެ އެވެ.

އެއިރު އެ ތަނުން މީހުންގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑު އިވެއެވެ. ވަރަށް ބޮޑު ހިސާބަކަށް އަންހެން މީހާ ދަމައި ގެންގޮސް އޭނާގެ ބޮލުގައި ތަޅާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ވީޑިއޯގައި އަނިޔާ ކުރާ ފިރިހެން މީހާ ހުއްޓުވަނީ ދުރުން ދުވެފައި އަންނަ ފިރިހެނެކެވެ. އެތަނަށް ފުލުހުން އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް